ދިވެހިރާއްޖެއަކީ މީސްކޮޅު މަދު ގައުމެކެވެ. ހަތަރު ލައްކައެއްހާ މީހުން އުޅޭ މި ކުޑަކުޑަ ޖަޒީރާއަކީ މިއަދު ދުނިޔޭގައި މަޝްހޫރު މަންޒިލެކެވެ. ފަތުރުވެރިކަމުގެ ސިނާއަތުގައި ރާއްޖެއަކީ ދުނިޔެމަތީގައި ސުވަރުގޭގެ ގޮތުގައި ސިފަކުރާ ޤައުމެކެވެ. ރާއްޖެއަކީ ދެކުނު އޭޝިއާ ސަރަހައްދުގައިވެސް ތައުލީމީ ގޮތުން އެންމެ ބޮޑަށް ކުރިއަރާފައިވާ ގައުމޭ ބުނެވުމުގެ ޖާގަ އެބައޮތެވެ. އެހެނީ ދެކުނު އޭޝިއާ ސަރަހައްދުގައި ލިޔަންކިޔަން ދަންނަ މީހުން އެންމެ ގިނައީ ރާއްޖޭގައި ކަމަށްވުމެވެ. އަދި ދުނިޔޭގެ ބޮޑެތި ގައުމުތަކާއި ވާދަކޮށް ތައުލީމީ ރޮނގުން ރާއްޖެ ހޯދައިފައިވާ ރަން ވަނަ ތަކުންނެވެ.
ރާއްޖެއަކީ އާބާދީ މަދެއްކަމަކު ހުނަރުން ފުރިގެންވާ އެތައް ބަޔަކު އުޅެމުން އަންނަ ގައުމެކެވެ. ސަރަހައްދީ މުބާރާތްތަކުގައި ކަށިން ހިތްވަރުނެރެ ދިވެހިންގެ ގާބިލްކަން ދައްކާލާ ބައެކެވެ. ރަން ތަށްޓާއި މެޑަލް ގައުމަށް ގެނެސްފައިވާ ބައެކެވެ. އެގޮތުން އެންމެ ފަހުން ދިވެހި ގައުމުން ހޯދި ކާމިޔާބީއަކީ، ދުނިޔޭގެ ލޯގޯ ކޮމްޕެޓިޝަންގެ ކެޓެގަރީ ތިނެއްގެ ޗެމްޕިއަންކަމެވެ. މި މުބާރާތުގެ ޗެމްޕިއަންކަން ރާއްޖެއަށް ހޯދައިދިނުމުގެ މޭސްތިރިއަކީ، މުބާރާތުގައި ރާއްޖެ ތަމްސީލްކުރި، ލ. އިސްދޫއަށް އުފަން އުމުރުން 21 އަހަރުގެ ހައްވާ ނައުޝާއެވެ.
ޒުވާން ނައުޝާއަކީ ހުނަރުވެރި ކަނބަލެކެވެ. ވޮލެންޓަރީ މަސައްކަތްތަކަށް ހާއްސަ ލޯތްބެއް ޖެހިފައިވާ ނައުޝާ ވަނީ އެތައް ޖަމިއްޔާއެއްގައި މަސައްކަތްކޮށްފައެވެ. ހާއްސަކޮށް ރާއްޖޭގައި އޮތް ސަރުކާރު ހިއްސާ ނުވާ އެންމެ ބޮޑު ޖަމިއްޔާ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ ސްޓޫޑެންޓް ޔުނިއަން، އެމްއެންޔޫއެސްޔޫ އާއި، ރީޖަނަލް އެލައިންސެސް ފޯރ ފޯސްޓަރިންގ ޔޫތު (ރަފީ) ހިމެނެއެވެ.
"އިސްދޫ ހެލްތް ސެންޓަރު"ގައި މަސައްކަތް ކުރަމުން އަންނަ އެސިސްޓެންޓް ލައިސެންސްޑް ނަރުހެއް ކަމުގައިވާ ނައުޝާއަކީ ރީޖަނަލް އެލައިންސެސް ފޯރ ފޯސްޓަރިންގ ޔޫތު (ރަފީ)ގެ އިވެންޓް އޯގަނައިޒިންގ ކޮމެޓީގެ ކުރީގެ ވައިސް ޗެއަރއެކެވެ. ރަފީގައި އޭނާ ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން 2018 ވަނަ އަހަރު ބޭއްވި ރަފީ ގާލާގައި ނައުޝާއަށް ވަނީ އެ ޖަމިއްޔާގެ އެންމެ އައުޓްސްޓޭންޑިންގ މެންބަރުކަން ލިބިފައެވެ. މީގެ އިތުރުން ނައުޝާއަކީ އެމްއެންޔޫއެސްޔޫގެ ހިންގާ ކޮމެޓީގެ ކުރީގެ މެންބަރެއްވެސް މެއެވެ.
އިންޓަނޭޝަނަލް ޔޫތު ކޮމެޓީއިން ކުރިއަށް ގެންދިޔަ މިއަހަރުގެ ލޯގޯ ކޮމްޕެޓިޝަންގެ ކާމިޔާބީގެ ފަހަތުގައި ވަނީ އޭނާގެ ރަށްޓެހިން ކަމުގައި ނައުޝާ ބުނެއެވެ. އެގޮތުން ހާއްސަ ގޮތެއްގައި ރަފީ ޖަމިއްޔާގެ އައިޝަތު ރަފިއްޔާއާއި، ލޯގޯ ހެދުމުގައި އެހީތެރިވެދިން ގްރެފިކް ޑިޒައިނަރު މުސްތަފާ މުހައްމަދު (މުސްތޮ) ވެދިން އެހީތެރިކަން ނައުޝާ ފާހަގަކޮށްފައިވެއެވެ.
އިންޓަރނޭޝަނަލް ޔޫތު ކޮމެޓީގެ ސައުތު އޭޝިއާގެ މަންދޫބެއް ކަމަށްވާ ނައުޝާ މިއަހަރުގެ ވޯލްޑް ލޯގޯ ކޮމްޕެޓިޝަންގެ ކެޓެގަރީ ތިނެއް ކާމިޔާބު ކުރީ ސަރަހައްދީ ބޮޑެތި ގައުމުތައް ކަމަށްވާ ނޭޕާލް، އަފްގާނިސްތާން، ކެންޔާ، ބޫޓާން، ފިލިޕީންސް އަދި ލަންކާފަދަ ގައުމުތައް ބަލިކުރުމަށް ފަހުގައެވެެ.
ނައުޝާއަކީ މީގެ ކުރިންވެސް ބައިނަލްއަގުވާމީ ފޯރަމްތަކާއި މުބާރާތްތަކުގައި ރާއްޖެ ތަމްސީލްކޮށްފައިވާ ކަނބަލެކެވެ. އެގޮތުން ނައުޝާ ވަނީ 2018 ވަނަ އަހަރު ލަންކާގައި ބޭއްވުނު ސައުތު އޭޝިއަން ޔޫތު ސަމިޓުގައި ރާއްޖެ ތަމްސީލްކޮށް އެ ސައިމުޓުގެ އެންމެ މޮޅު ފޮޓޯ ގްރަފަރގެ މަގާމު ހޯދައިފައެވެ. ނައުޝާގެ ކާމިޔާބީތަކަކީ ދިވެހި ތާރީހުގައި ރަން އަކުރުން ލިޔެވިގެންދާނެ ފަދަ ބޮޑެތި ކާމިޔާބީތަކެކެވެ.