އިޓާލިއަން ސެރިއޭގައި ރޭ ކުޅުނު މެޗުގައި އަލަށް ޕްރޮމޯޓުވީ ބްރެޝިއާ ބަލިކުރުމަށްފަހު އިންޓަ މިލާނުން ތާވަލްގެ އެއްވަނަ އަށް ޖެހިލައިފިއެވެ. ރޭގެ މެޗުން އެ ޓީމު މޮޅުވީ 2-1 އިންނެވެ.

މިއީ ލީގުގައި ރަށުން ބޭރުގައި އިންޓަ ކުޅުނު ފަސް މެޗުން ތެރެއިން މޮޅުވި ފަސްވަނަ މެޗެވެ. 

ރޭގެ ނަތީޖާއާއެކު އިންޓަ ވަނީ 10 މެޗުން 25 ޕޮއިންޓް ހަމަކޮށް އެއްވަނަ އަށް ޖެހިލައިފައެވެ. އޭގެ ދެ ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތް ޔުވެންޓަސް މިރޭ ކުޅޭ މެޗުން މޮޅުވެއްޖެނަމަ އަލުން އެއްވަނަ ލިބޭނެއެވެ. ތިންވަނައިގައި އޮތް އެޓަލާންޓާ އަށް 20 ޕޮއިންޓް ލިބިފައިވާއިރު، 17 ޕޮއިންޓާއެކު ހަތަރުވަނައިގައި އޮތީ ނަޕޯލީ އެވެ.

ބްރެޝިއާގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި އިންޓަ އަށް ލީޑްނަގައިދިނީ 23 ވަނަ މިނެޓުގައި އާޖެންޓީނާ ފޯވާޑް ލޮޓާރޯ މާޓިނޭޒް އެވެ. މިއީ އެ ޓީމުގެ ޑިފެންޑަރު ސްޓެފަން ޑެ ވްރާ ބޮލުން ޖައްސާލި ޕާހަކުން ލިބުނު ބޯޅައެއް ބްރެޝިއާގެ ޕެނަލްޓީއޭރިޔާބޭރުން ފޮނުވާލައިގެން މާޓިނޭޒް ކާމިޔާބުކުރި ގޯލެކެވެ. 

އޭގެފަހުން، ބްރެޝިއާ އަށް ނަތީޖާ ހަމަހަމަކޮށްދިނުމަށް ސެންޑްރޯ ޓޮނާލީ އާއި މަސިމިލިއާނޯ މަންގްރާވިޓީ އަށް ލިބުނު ފުރުޞަތުތައް ބޭކާރުވިއިރު، ފުރަތަމަ ހާފު ނިމުމުގެކުރީން، އިންޓަގެ ލީޑް ފުޅާކުރުމަށް އެންޓޯނިއޯ ކަންޑްރޭވާ އާއި ރޮބާޓޯ ގަލިއާޑިނީ އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތެއްނުވިއެވެ.

ދެވަނަ ހާފު ފެށިގެން ބްރެޝިއާ އިން ކުޅުން ރަނގަޅުކުރިއިރު، އެ ޓީމުގެ މާރިއޯ ބަލޮޓެއްލީ އާއި އަލްފްރެޑޯ ޑޮނަރުއްމާ ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ އިންޓަގެ ކެޕްޓަން އަދި ގޯލްކީޕަރު ސާމިރް ހެންޑަނޮވިޗް އެވެ. 

ބްރެޝިއާ އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންނުހިފުމުގެ ނަތީޖާއެއްގެ ގޮތުން، މެޗުގެ 63 ވަނަ މިނެޓުގައި ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ ކާމިޔާބުކުރި ހިތްގައިމު ގޯލުން އިންޓަ ވަނީ ތިން ޕޮއިންޓް ކަށަވަރުކޮށްފައެވެ. މިއީ ލީގުގައި މިހާތަނަށް ކުޅުނު 10 މެޗުގައި ލުކާކޫ ޖެހި ހަތްވަނަ ލަނޑެވެ.

މި މެޗުގައި ބްރެޝިއާ އިން ޖެހި ލަނޑަކީ، 76 ވަނަ މިނެޓުގައި އިންޓަގެ ޑިފެންޑަރު މިލާން ސްކްރިނިއާރް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އޭގެ ތިން މިނެޓުކުރީން، ބަލޮޓެއްލީ އަށް ވަނީ ރަނުގެ ފުރުޞަތެއްލިބި ބޭކާރުވެފައެވެ. އެ ޓީމުގެ އުއްމީދީ މިޑްފީލްޑަރު ޓޮނާލީ ނަގައިދިން ހުރަހަކުން ބަލޮޓެއްލީ ފޮނުވާލި ބޯޅަ އިންޓަގެ ކީޕަރު ހެންޑަނޮވިޗް މަތަކުރިއެވެ.

މި މުބާރާތުގައި މިރޭ ކުޅޭ މެޗުތަކުގެ ތެރޭގައި، ޔުވެންޓަސްއާ ޖެނޯއާ ބައްދަލުކުރާ މެޗުގެ އިތުރުން ނަޕޯލީއާ ދެކޮޅަށް އެޓަލާންޓާ ކުޅޭ މެޗާއި، ލާޒިއޯއާ ޓޮރީނޯ ބައްދަލުކުރާ މެޗު ފާހަގަކޮށްލެވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.