ޚަބަރު
ވީޓޯ ކުރުމުގެ ބާރު އުވާލުމަށް ހައިދަރު ގޮވާލައްވައިފި

އދ. ގެ ސެކިއުރިޓީ ކައުންސިލުގެ ދާއިމީ މެންބަރުންނަށް ލިބިގެންވާ ގަރާރުތައް ވީޓޯ ކުރުމުގެ ބާރު އުވާލެއްވުމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ގޮވާލައްވައިފި އެވެ.

ހައިދަރު މިފަދައިން ގޮވާލެއްވީ އދ. ގެ އާންމު މަޖިލީހުގެ 78 ވަނަ ބައްދަލުވުމުގައި ރާއްޖެ ތަމްސީލުކުރައްވާ، އިއްވެވި ބަޔާނުގައި ވާހަކަދައްކަވަމުން ނެވެ. ރާއްޖެއިން ބަޔާން އިއްވެވީ އދ. ގެ ފުރިހަމަ މެންބަރެއްގެ ގޮތުގައި ފަލަސްތީނު ބަލައިގަތުމާ ގުޅޭ ގޮތުން ހުށަހެޅި ހުށަހެޅުން ޔޫއެންއެސްސީގައި އދ. ގެ ސެކިއުރިޓީ ކައުންސިލުގެ ދާއިމީ މެންބަރެއް ވީޓޯ ކުރުމާއި ދެކޮޅަށެވެ.

UNGA78 ގައި ދެއްވި ބަޔާނުގައި ރާއްޖެ އިން ވަނީ އިޒްރޭލުން ގައްޒާގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ އަމަލުތަކަށް ހުއްޓުމެއް ގެނައުމަށް އދ. ގެ ސަލާމަތީ މަޖިލީހަށް ނާކާމިޔާބުވެފައިވާކަން ފާހަގަކޮށްފަ އެވެ.

އެއާއެކު، ރާއްޖެއިން ވަނީ ފަލަސްތީނަށް އޮންނަ ތާއީދު ތަކުރާރުކޮށްފަ އެވެ.

އދ. ގެ މެމްބަރުކަން ފަލަސްތީނަށް ދިނުމަށް އާންމު މަޖިލީހަށް ހުށަހަޅަން އުޅުމުން، އެމެރިކާއިން ވަނީ ވީޓޯ ބޭނުންކޮށްގެން އެހުށަހެޅުން ކުރިއަށް ގެންދިއުމަށް ހުރަސް އަޅާފަ އެވެ.

“އެ ވީޓޯއާއެކު އދ.ގެ ސަލާމަތީ މަޖިލީހުން ވަނީ ފަލަސްތީނުގައި އިޒްރޭލުން ހިންގާ ޖަރީމާ ނޯމަލް ކަމަކަށް ހަދާފައި. ވީޓޯ ބޭނުންކޮށްގެން އިޒްރޭލަށް ނަސްލު ނައްތާލުމާއި ނުހައްގުން ބިން ފޭރުމާއި ގާނޫނާއި ހިލާފަށް (ފަލަސްތީނުގައި) ވަޒަންވެރިވުމަށް ހިތްވަރުދީފަވޭ “

އެއާއެކު، ހައިދަރު ވަނީ 1994 ގައި ރުވާންޑާގައި ހިންގި ގަތުލުއާންމާއި 1995 ގައި ބޮސްނިއާ ރައްޔިތުން ކުރިމަތިލާން ޖެހުނު ގަތުލުއާންމު ހުއްޓުވުމަށް އދ. ގެ ސަލާމަތީ މަޖިލީހުން ނުކުޅެދިފައިވާކަން ފާހަގަކުރައްވާފަ އެވެ. އެހެންކަމުން، މިހާރު އދ. ގެ ސަލާމަތީ މަޖިލީހުން ވީޓޯގެ ބާރަށް ނޫނެކޭ ބުނަން ޖެހިފައިވާ ކަމަށް ހައިދަރު ވިދާޅުވި އެވެ.

އިޒްރޭލުން ފަލަސްތީނަކީ މިނިވަން ދައުލަތެއްކަން ގަބޫލުކޮށް އިހުތިރާމްކޮށްގެން ނޫނީ މެދުއިރުމަތީގައި އަމާންކަމުގެ ހައްލެއް ނުގެނެވޭނެ ކަމަށްވެސް ހައިދަރު ވިދާޅުވި އެވެ. މީގެ އިތުރަށްވެސް، ހައިދަރު ވަނީ 1948 ގައި އަމިއްލަ ގެދޮރު ދޫކޮށްފައި ދާން މަޖުބޫރުކުރުވި ފަލަސްތީނު ރެފިއުޖީންނަށް އެމީހުންގެ ބިމަށް އަނބުރާ އާދެވޭނެ ގޮތް އިޒްރޭލުން ހަދައިދޭން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.

ހައިދަރުގެ ވާހަކަކޮޅު ނިންމަވާލައްވަމުން އޭނާ ވިދާޅުވީ ފަލަސްތީނު މިނިވަންވުމަށް އޮތް މައިގަނޑު ހުރަހަކީ ވީޓޯ ކަމަށާއި ވީޓޯ ކުރުމުގެ ބާރު މުޅިން އެއްކޮށް އުވާލަން ޖެހޭ ކަމަށެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top