ކުންފުނީގެ މުސާރައިގެ އޮނިގަނޑާއި ބެހޭ ގޮތުން މީސްމީޑިއާގައި ފަތުރަނީ ސައްހަ މައުލޫމާތެއް ނޫން ކަމަށް އައިލެންޑް އޭވިއޭޝަން ސާވިސް ލިމިޓެޑުން ބުނެފިއެވެ.
އައިލެންޑް އޭވިއޭޝަންއިން މިހެން ބުނެފައި މިވަނީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަދި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރަށް ބޮޑު މުސާރައެއް ލިބޭ ގޮތައް މުސާރައިގެ އޮނިގަނޑަށް ބަދަލުގެނެސްފައިވާ ކަމަށް ބުނެ މީސް މީޑިއާގައި ހަޤީޤަތެއް ނެތް ވާހަކަތަކެއް ފަތުރަމުންދާތީއެވެ.
އައިލެންޑް އޭވިއޭޝަނުން މިކަމާއި ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަދި އެސިސްޓެންޓް މެނޭޖިންގ ޑިރެކްޓަރަށް މުސާރައިގެ ގޮތުގައި ލިބޭކަމަށް އަންދާޒާކުރާ އަދަދުތަކެއް ޖެހުމަށް ފަހު ބައެއް ފަރާތްތަކުން ދަނީ މީސްމީޑިއާގައި ސައްހަ ނޫން މައުލޫމާތު ފަތުރަމުން ކަމަށެވެ.
އަދި ސަރުކާރާއި، ސަރުކާރު ބައިވެރިވާ ކުންފުނިތަކުގެ ޗެއަރމަން، މެނޭޖިންގ ޑިރެކްޓަރ އަދި ބޯޑު ޑިރެކްޓަރުންގެ މުސާރައާއި އިނާޔަތްތައް އެއް ހަމައެއްގައި ހިފެހެއްޓުމުގެ ގޮތުން އެ މަގާމުތަކަށް މުސާރައާއި އިނާޔަތްތައް ކަނޑައަޅަނީ ސަރުކާރުން ކަމުގައިވެސް އެބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން ބަޔާނުގައި ބުނީ، ސަރުކާރުން ކަނޑައަޅާފައިވާ މުސާރައިގެ އޮނިގަނޑަށް ސަރުކާރުގެ ހުއްދަ ނެތި ބަދަލު ނުގެނެވޭނެ ކަމަށެވެ. އަދި ކުންފުނީގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމަކީ ޑިރެކްޓަރުންގެ ބޯޑުން އައްޔަނުކުރާ މަގާމެއް ކަމަށާއި، އެ މަގާމަށް މުސާރައާއި އިނާޔަތްތައް ކަނޑައަޅަނީ ޑިރެކްޓަރުންގެ ބޯޑުން ކަމަށްވެސް ބަޔާނުގައިވެއެވެ.
އައިލެންޑް އޭވިއޭޝަންގެ ބަޔާނުގައި ބުނީ މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނެވޭނީ ފިނޭންސް މިނިސްޓްރީގެ ހުއްދަވެސް ލިބިގެން ކަމަށެވެ.
އައިލެންޑް އޭވިއޭޝަނުން ވަނީ އެ ކުންފުންޏާއި މެދު ރައްޔިތުންގެ އިތުބާރު ނަގާލުމަށް ކުރާ އެފަދަ މަސައްކަތްތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފައެވެ.