ޚަބަރު
ފައިސާ ނުދައްކައިފިނަމަ، އިދާރާތަކާއި މެދު ފިޔަވަޅު އަޅާނެ: އޭސީސީ

ދައުލަތުގެ އިދާރާތަކުން ދައްކަން އަންގާ ފައިސާ ނުދައްކައިފިނަމަ، އިދާރާތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

އޭސީސީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ވަނީ 2023 ވަނަ އަހަރު އެންޓި-ކޮރަޕްޝަން ކޮމިޝަނުން ތަހުގީގުކޮށް ނިންމާފައިވާ މައްސަލަތަކުގައި، ދައުލަތަށް ލިބެންޖެހޭ 50,370,512.75ރ ހޯދުމަށް ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާނެ ކަމަށް ހާމަކޮށްފަ އެވެ. އޭގެ ތެރޭގައި ދައުލަތުގެ ބައެއް އިދާރާތަކުން ކޮރަޕްޝަންގެ މައްސަލަތަކުގައި ދައުލަތަށް ދައްކަން ޖެހޭ ފައިސާ އަނބުރާ ނުދައްކާ އެބަހުރި ކަމަށާއި އެ ފައިސާ ދައުލަތަށް އަނބުރާ ނުލިބިއްޖެނަމަ އެ އިދާރާތަކާއި ދޭތެރޭ ފިޔަވަޅު އަޅާނެ ކަމަށް އޭސީސީން ބުނެފައި ވެއެވެ.

“ދައުލަތަށް އަނބުރާ ލިބެންޖެހޭ ފައިސާ، އަނބުރާ ހޯދުމަށްޓަކައި އިދާރާތަކުން މަސައްކަތްކޮށްފައިވާ މިންވަރު ބަލައި މޮނިޓަރކުރުމަށް 2022 ވަނަ އަހަރު އެކަމަށް ހާއްސަ ނިޒާމެއް ކޮމިޝަނުގައި ގާއިމްކޮށްފައިވޭ. މި ނިޒާމުގެ ތެރެއިން އިދާރާތަކުން އަމަލުކޮށްފައިވާ މިންވަރު ބެލިބެލުމުގައި، ދައުލަތުގެ އިދާރާތަކުން މިކަމުގައި އެކަށީގެންވާ މަސައްކަތެއް ކޮށްފައިނުވާތީ، ގާނޫނީގޮތުން މިކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަން ފާހަގަކުރަން”

އޭސީސީން  ބުނީ ކޮރަޕްޝަނުގެ މައްސަލަތަކާ ގުޅިގެން ދައުލަތަށް ހޯދަންޖެހޭ ފައިސާ ހޯދުމުގެ މަސްއޫލިއްޔަތު އޮންނަނީ އެންޓި-ކޮރަޕްޝަން ކޮމިޝަނުގައި ނޫންކަމަށެވެ. ނަމަވެސް، ކޮމިޝަނުން ތަހުގީގުކުރާ މައްސަލަތަކުގައި، ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ހިމެނޭކަން ތަހުގީގަށް ފާހަގަކުރެވިއްޖެނަމަ އެފައިސާއެއް ދައުލަތަށް ހޯދުމަށްޓަކައި، އެކަމުގެ ޒިންމާ އޮންނަ ފަރާތަކަށް ކޮމިޝަނުން އަންގަމުން ގެންދާނެ ކަމަށް އޭސީސީން ބުނެފައި ވެއެވެ.

2023 ވަނަ އަހަރު ކޮމިޝަނުން ތަހުގީގުކޮށް ނިންމާފައިވާ މައްސަލަތަކުގެ ތެރެއިން 10 މައްސަލައެއްގައި، ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާ ކަމަށް އޭސީސީން ބުނި އެވެ. އެގޮތުން ފާހަގަކުރެވޭ ބައެއް މައްސަލަތަކަށް ބަލާއިރު، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ) އަށް 40,475,200.00ރ ހޯދުމަށް އަންގާފައިވާއިރު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް (އެމް.ޓީ.ސީ.ސީ) 8,481,000.00ރ ހޯދުމަށް އަންގާފައިވާނެ ކަމަށް އޭސީސީން މައުލޫމާތު ދީފައި ެވެއެވެ.

މީގެ އިތުރަށްވެސް، ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް 1,389,342.00ރ ހޯދުމަށް އަންގާފައިވާނެ ކަމަށް އޭސީސީން ބުންޏެވެ. އަދި ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ދައުލަތުގެ ބައެއް އިދާރާތަކަށް އަންގާފައިވާނެ ކަމަށްވެސް އޭސީސީން ބަޔާންކޮށްފައި ވެއެވެ. ނަމަވެސް، 2023 ވަނަ އަހަރު ދައުލަތަށް ހޯދުމަށް އަންގާފައިވާ އެއްވެސް ފައިސާއެއް މިހާތަނަށް ދައުލަތަށް އަނބުރާ ލިބިފައިނުވާކަން އެކޮމިޝަނުން ފާހަގަކުރި އެވެ.

1
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top