ޓޮމާޓޯ އަކީ ނިއުޓްރިއެންޓްސް އާއި އެންޓިއޮކްސިޑެންޓްތަކުން ފުރިގެންވާ އެއްޗެކެވެ. އޭގައި އެކުލެވިގެންވާ މާއްދާތަކަކީ ގިނަ ބަލިތަކުން ފަސޭހަކޮށްދޭ މާއްދާތަކެކެވެ. ޓޮމާޓޯ ކެއުމުން ލިބޭ ބައެއް ފައިދާތައް:
ލޮލުގެ ފެނުން ރަނގަޅުކޮށްދޭ
ޓޮމާޓޯގައި ހިމެނޭ ވިޓަމިން އޭގެ ސަބަބުން ލޮލުގެ ފެނުން ރަނގަޅުކޮށްދީ، ނައިޓް ބްލައިންޑްނެސް އަދި މެކިއުލާ ޑީޖެނެރޭޝަންފަދަ ކަންކަމުން ދުރުހެލިކޮށްދެ އެވެ.
ކެންސަރާއި ހަނގުރާމަކުރުމަށް އެހީވޭ
ދިރާސާތައް ދައްކާފައިވާ ގޮތުން ޓޮމާޓޯގައި އެންޓިއޮކްސިޑެންޓެއް ކަމުގައިވާ ލައިކޮޕީން ގިނަ އަދަދަކަށް އެކުލެވިގެންވެއެވެ. ލައިކޮޕީން އަކީ ފުއްޕާމައާއި ބަނޑުގެ ކެންސަރުތައްފަދަ ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ މާއްދާއެކެވެ.
ލޭގެ ސިއްޙަތު ރަނގަޅުކޮށްދޭ
ދިރާސާތަކުން ދައްކާގޮތުގައި އެއް ޓޮމާޓޯގައި ހަށިގަނޑަށް ދުވާލަކަށް ވިޓަމިން ސީ ބޭނުންވާ މިންވަރުގެ 40% ހިމެނިގެންވެއެވެ. އަދި މީގެ އިތުރުން ލޭގެ ސިއްޙަތު ދުޅަހެޔޮކުރުމަށް ބޭނުންވާ ވިޓަމިން އޭ އާއި، ޕޮޓޭސިއަމް އަދި އަޔަން ވެސް ޓޮމާޓޯގައި ހިމެނެއެވެ. އަދި ލޭއައުމާއި ލޭމަނާވުން ކޮންޓްރޯލްކޮށްދޭ މާއްދާ ކަމުގައިވާ ވިޓަމިން ކޭ ވެސް ޓޮމާޓޯގައި އެކުލެވިގެން ވެއެވެ.
ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ
ޓޮމާޓޯގައި ހިމެނޭ ލައިކޮޕީންގެ ސަބަބުން ހިތާއި ލޭގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވެގެން ދެއެވެ. ޤަވާއިދުން ޓޮމާޓޯ ކެއުމަކީ ލޭގައި ކޮލެސްޓްރޯލް އާއި ޓްރައިގްލިސެރައިޑް ހުންނަ މިންވަރު ދަށްކޮށްދީ، ލޭހޮޅިތަކުގައި ސަރުބީ ހަރުލުމުން ވެސް ދުރުހެލިކޮށްދޭ ކަމެކެވެ.
ހަޖަމުގެ ނިޒާމަށް ރަނގަޅު
ޤަވާއިދުން ޓޮމާޓޯ ކެއުމަކީ ހަޖަމުގެ ނިޒާމް ދުޅަހެޔޮކަން މަތީ ބަހައްޓައި، ބަނޑުހަރުވުމާއި ބޭރަށް ހިންގުންފަދަ މައްސަލަތައް ޖެހުމުގެ ފުރުސަތުވެސް ކުޑަކޮށްދޭ ކަމެކެވެ. މީގެ އިތުރުން ޓޮމާޓޯ އަކީ ޖޯންޑިސް (ހަންގަނޑާއި ލޮލުގެ ހުދު ބައި ރީދޫވުން) އިން ދުރުހެލިކޮށްދީ، ހަށިގަނޑުން ވިހަ މާއްދާތައް ބޭރުކުރުމުގައި ވެސް އެހީތެރިވެދޭ އެއްޗެކެވެ.