ލާމަރުކާޒީ ގާނޫނުން ބޮޑު ބާރެއް ކައުންސިލްތަކަށް ލިބޭނެ ކަމަށާއި، މިއަންނަ މަސް ނިމުމުގެ ކުރިން މިގާނޫނު ހަގީގަތަކަށް ވެގެންދާނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ދެކުނުގެ އަތޮޅުތަކުގެ ކައުންސިލަރުންގެ މަހާސިންތާގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް ނަޝީދު ދެކުނުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުތަކުގެ ތެރެއިން ގދ.ތިނަދޫއަށް ވަޑައިގެންނަވާ ރައްޔިތުންނާ މުޚާތަބުކުރައްވާ ވިދާޅުވީ ކައުންސިލްތައް ހިންގުމާ މާލޭގައި ހިފެހެއްޓިފައި ހުރި ވަރަށް ގިނަ ބާރު އަތޮޅުތަކަށް ދޫކޮށްލުމާ ގުޅޭ ގޮތުން މިހާރު ގާނޫނުތަކަށް ގެންނަންހުރި ބަދަލުތައް ރައްޔިތުންގެ މަޖިލީހުން ގެންނަމުންދާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ލާމަރުކަޒީ ގާނޫނު ފާސްވެގެން އަންނައިރު އިދާރީ ހިންގުމުގެ ބާރާއި، އިގްތިސާދީ ފުރުސަތުތައް ފަހިކުރުމުގެ ބާރާއި، މާލީ ތަނަވަސްކަމުގެ ބާރު އަދި މުދަލުގެ އެންމެހާ މިލްކުވެރިކަން ވެސް ލިބޭނެ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ރަށުގެ ބިމުގައިވާ ހުރިހާ މިލްކެއް އެއީ ކައުންސިލްއެއް އެއްޗެއް ކަމަށް ވެގެންދާނެ ކަމަށާއި، އެކައުންސިލްގައި ބިމުގަ ހުރިތަންތަން ބޭނުން ކުރާ މީސްމީހުންނާ އެއީ ސަރުކާރުގެ ވުޒާރާއެއްކަމުގަ ވިޔަސް އަދި އަމިއްލަ ފަރާތަކަށް ވިޔަސް އެބޭނުން ކުރުމުގެ ހުއްދަތައް އެކުލަވާލާނީ ކައުންސިލުން ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ މިހާރު އުފެއްދެމުންދާ ލާމަރުކަޒީ ގާނޫނަކީ ދުވަހަކު ވެސް ބާރު ދޫނުކުރެވޭ މިންވަރަށް ބާރުތައް ކައުންސިލްތަކަށް ދޫކުރާ ގާނޫނެއް ކަމަށާއި، މިނޮވެމްބަރު މަސް ނިމުމުގެ ކުރިން މިގާނޫނު ހަގީގަތަކަށް ވެގެން އަންނާނެ ކަމަށެވެ. އަދި ބަޖެޓް އެކުލަވާލެވިގެން މިދަނީ ވެސް ލާމަރުކަޒީ ގާނޫނު އެއީ މައިގަނޑު މިސްރާބުކަމުގައި ދެކިގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.