އެފްރިކާ ކަޕް އޮފް ނޭޝަންސްގައި ރޭ ކުޅުނު ސެމީ ފައިނަލް މެޗުތަކުން މޮޅުވެ، ސެނެގޯލްއާ އަލްޖީރިއާ އެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.
ޓިއުނީޝިއާ އަތުން 1-0 އިން މޮޅުވެ ސެނެގޯލް ފައިނަލަށް ދަތުރުކުރިއިރު، އަލްޖީރިއާ އިން ފައިނަލުން ޖާގަ ހޯދީ 2-1 ގެ ނަތީޖާއަކުން ނައިޖީރިއާ ބަލިކޮށްގެންނެވެ.
މިއީ 1990 ވަނަ އަހަރުގެ ފަހުން އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ފައިނަލަށް އަލްޖީރިއާ ދަތުރުކުރި ފުރަތަމަ ފަހަރެވެ. ވޭތުވެދިޔަ 17 އަހަރުގެ ތެރޭގައި ފައިނަލުން ދެވަނަ ފަހަރަށް ޖާގަ ހޯދީ ސެނެގޯލަށް މިހާތަނަށް މި މުބާރާތް ކާމިޔާބުކުރެވިފައެއްނުވެއެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ސެނެގޯލްގެ ޔޫސުފް ސަބާލީ އަށް ވަނީ އެ ޓީމަށް ލީޑްނަގައިދިނުމަށް ރަނގަޅު ދެ ފުރުޞަތެއްލިބި ބޭކާރުވެފައެވެ. އެގޮތުން، މެޗުގެ 26 ވަނަ މިނެޓުގައި ސަބާލީ ފޮނުވާލި ހަމަލާ ގޯލްގެ އަރިމަތީދަނޑިއަށް އަމާޒުވިއިރު، އޭގެފަހުން މެޗުގެ 35 ވަނަ މިނެޓުގައި ޕެނަލްޓީއޭރިޔާބޭރުން ސަބާލީ ފޮނުވާލި ބޯޅަ ގޯލަށް ނުވަނީ ހަމަކިރިޔާއެވެ. މި ހާފުގައި ޓިއުނީޝިއާ އަށް ލިބުނު ހަމައެކަނި ފުރުޞަތުގައި ތާހާ ހެނީސީ ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ދަނޑިކައިރިން ބޭރަށެވެ.
ދެވަނަ ހާފުގައި ޓިއުނީޝިއާ އިން ލަނޑުޖެހުމަށް ގިނަ ފުރުޞަތުތަކެއް ތަނަވަސްކޮށްފައިވީނަމަވެސް، ކާމިޔާބުވާގޮތެއްނުވިއެވެ. އެގޮތުން، މެޗުގެ 75 ވަނަ މިނެޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީވެސް ވައްދާނުލެވުނެވެ. ސެނެގޯލްގެ ކަލިދޫ ކުލީބަލީ ބޯޅައިގައި އަތްލުމުން ދިން ޕެނަލްޓީ ޓިއުނީޝިއާގެ ފަރްޖާނީ ސަސީ ފޮނުވާލުމުން ސެނެގޯލްގެ ކީޕަރު މަތަކުރިއެވެ.
އޭގެފަހުން، މެޗުނިމެން 10 މިނެޓަށްވެފައިވަނިކޮށް ސެނެގޯލަށް ލިބުނު ޕެނަލްޓީވެސް ކާމިޔާބުނުކުރެވުނެވެ. އެ ޓީމުގެ އިސްމާއިލާ ސާ އަށް ޓިއުނީޝިއާގެ ޑިލަން ބްރޮން ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ ސެނެގޯލްގެ ހެންރީ ސައިވެޓް ފޮނުވާލުމުން ޓިއުނީޝިއާގެ ކީޕަރު ވަނީ މަތަކޮށްފައެވެ. ސެނެގޯލްގެ ޕެނަލްޓީޖެހުމުގެ ޒިންމާ ސަޑިއޯ މާނޭ އަތުގައި ކުރީން އޮތް ނަމަވެސް، މި މުބާރާތުގެ ދެ މެޗެއްގައި އޭނާ އަތުން ދެ ޕެނަލްޓީއެއް ބޭކާރުވުމުން ވަނީ އެ ޒިންމާ ދޫކޮށްލާފައެވެ.
މި މެޗުގެ ފުރިހަމަވަގުތު ހަމަވިއިރު، ދެ ޓީމަށް ލަނޑެއްނުޖެހި އެއްވަރުވުމުން ނަތީޖާ ނެރުމަށް ކުޅެވުނު އިތުރުވަގުތުގެ ފުރަތަމަ ހާފުގައި ސެނެގޯލުން ވަނީ ލަނޑެއްޖަހާފައެވެ. މިއީ ޓިއުނީޝިއާގެ ޑިލަން ބްރޮން އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
އެފްރިކާ ކަޕް އޮފް ނޭޝަންސްގައި ރޭ ކުޅުނު ސެމީގެ ދެވަނަ މެޗުގެ އިތުރުވަގުތުގައި ރިޔާދް މާރޭޒް ކާމިޔާބުކުރި ގޯލާއެކު އަލްޖީރިއާ ވަނީ 2-1 އިން ނައިޖީރިއާގެ މައްޗަށް ކުރިހޯދައިފައެވެ. މި މެޗުގެ ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް އަލްޖީރިއާ އިން ލީޑްނެގިއިރު، މިއީ ނައިޖީރިއާގެ ވިލިއަމް ޓްރޫސްޓް-އެކޮންގް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
އެކަމަކު، މެޗުގެ 72 ވަނަ މިނެޓުގައި ނައިޖީރިއާގެ އޮޑިއޮން އިގާލޯ ވަނީ ލިބުނު ޕެނަލްޓީއަކުން އެ ޓީމަށް އެއްވަރުކޮށްދީފައެވެ. ނަމަވެސް، މެޗުގެ ފުރިހަމަވަގުތު ހަމަވެގެން ދެއްކި އިތުރުވަގުތުގެ އެންމެ ފަހު މިނެޓުގައި ލިބުނު ހިލޭޖެހުމަކުން ވައްދާލި ލަނޑާއެކު މާރޭޒް ވަނީ އަލްޖީރިއާ ފައިނަލަށް ގެންގޮސްދީފައެވެ.
ސެނެގޯލްއާ ދެކޮޅަށް އަލްޖީރިއާ ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ފައިނަލް މެޗު ކުޅެވޭނީ މި ޖުލައި މަހުގެ 20 ވަނަ ދުވަހުއެވެ.