ދުނިޔެ
ޔޫކްރެއިނާއި ރަޝިޔާގެ ކުރިމަތިލުންތައް ވަރުގަދަކޮށްފި

ޔޫކްރެއިނާއި ރަޝިޔާއާއި ދެމެދު ކުރަމުންދާ ހަނގުރާމައިގެ ކުރިމަތލުންތައް ވަރުގަދަކޮށް ދެ ގައުމަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

ޔޫކްރޭންގެ ސެކިއުރިޓީ ސާވިސް (އެސްބީޔޫ) އިން ފޮނުވާލި ޑްރޯންތަކުން ރަޝިޔާގެ ދެކުނު ކްރަސްނޯޑާ ސަރަހައްދުގެ އަނާޕާ ޓައުން ކައިރީގައި ހުރި ދެ ތެޔޮ ޑިޕޯއަކަށް ހަމަލާދީ ބޮޑެތި އަލިފާންގަނޑު ރޯވެފައިވާ ކަމަށް ޔޫކްރޭންގެ ޖާސޫސީ މަސްދަރަކުން ރޮއިޓާސްއަށް މިއަދު ރިޕޯޓްކޮށްފައި ވެއެވެ.

މި ހަމަލާގައި ރަޝިޔާއަށް އަމާޒުކުރި ގާތްގަނޑަކަށް ހަ ޑްރޯން ހަލާކުވި ނަމަވެސް ޔޫރޮވްކާ އަވަށު ކައިރީގައި ހުރި ރިފައިނަރީއަށް ކުނިތަކެއް ވެއްޓި އަލިފާން ރޯވެފައިވާ ކަމަށް ޔޫކްރެއިނުން ބުނެފައި ވެއެވެ.

“އެތައް ޓޭންކަށް ވަނީ ގެއްލުން ލިބިފައި،” ޔޫކްރެއިނުން ބުންޏެވެ.

އެ މަސްދަރު ބުނީ އެ ތެޔޮ ޑިޕޯތައް ޓްރާންސްޝިޕްމަންޓް ޕޮއިންޓެއްގެ ގޮތުގައި ބޭނުންކޮށްފައި ވަނީ ކައިރީގައި ހިފާފައިވާ ކްރައިމިއާ ޕެނިންސޫލާގައި ތިބި ރަޝިޔާ ސިފައިންނަށް ތެޔޮ ފޯރުކޮށްދިނުމަށް ކަމަށެވެ.

“އެސްބީޔޫ އިން ކުރިއަށް ގެންދަނީ ހަނގުރާމަ ހިންގުމަށް ރަޝިޔާގެ އިގްތިސާދީ އަދި ލޮޖިސްޓިކްސް ޕޮޓެންޝަލް ކުޑަކުރަމުން،” ޔޫކްރެއިން އަސްކަރިއްޔާގެ މަސްދަރެއް މީޑިއާއަކަށް މައުލޫމާތުދީފައި ވެއެވެ.

މީގެ އިތުރަށްވެސް، ޔޫކްރޭންގެ ހަކަތަ ނިޒާމަށް ރަޝިޔާއިން ދިން ވަރުގަދަ ހަމަލާއަކަށްފަހު މިއަދު ކަރަންޓް އިމްޕޯޓް ދެގުނަ ކުރުމަށް ރާވާފައިވާ ކަމަށް ޔޫކްރެއިންގެ އެނާޖީ މިނިސްޓްރީން ބުނެފައި ވެއެވެ. އެ މިނިސްޓްރީން ބުނެފައި ވަނީ ބުދަ ދުވަހު އިމްޕޯޓް 16،699 މެގަވޮޓް ގަޑިއިރަށް އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

“މިއަދު ޔޫކްރޭންގެ އެދުމުގެ މަތިން ޕޮލެންޑާއި ރޯމޭނިއާ އަދި ސްލޮވާކިއާ އިން މިހާރު ވެސް ވަނީ އިމަޖެންސީ ކަރަންޓް ފޯރުކޮށްދީފައި،” އެ މިނިސްޓްރީން ބުންޏެވެ.

އޭގެ ކުރިން ރަޝިޔާއިން ޔޫކްރެއިނުގެ ސަރަހައްދުތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއް އަމާޒު ކޮށްފައިވެ އެވެ. މިސައިލާއި ޑްރޯން ބޭނުންކޮށްގެން ދީފައިވާ މި ހަމަލާތައް ފޮނުވާފައި ވަނީ ޔޫކްރެއިންގެ ހަކަތައިގެ ވަސީލަތްތަކަށެވެ. ޔޫކްރެއިންގެ ސިފައިން ބުނީ, ރަޝިޔާގެ ހަމަލާތަކުގައި 55 މިސައިލާއި 21 ޑްރޯން ބޭނުން ކޮށްފައިވާ ކަމަށެވެ.

ޔޫކްރެއިނަށް އެހީވުމަށްޓަކައި ލިތުއޭނިއާއިން ވަނީ ޔޫރަޕްގެ އެކި ގައުމުތަކުން ކޯލިޝަނެއް އުފެއްދުމަށް ހިޔާލު ދީފަ އެވެ. ނަމަވެސް ފަރަންސޭސިވިލާތުގެ ރައީސް އިމޭނުއެލް މެކްރޯން ވަނީ ޔޫކްރެއިނަށް ސިފައިން ފޮނުވުމަށް ދެކޮޅު ހައްދަވާފަ އެވެ. އޭގެ އަނެއްކޮޅުން އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ ޑޭވިޑް ކެމަރަން ވަނީ ޔޫކްރެއިނަށް ރަޝިޔާއިން ދޭ ހަމަލާތަކުން އިބްރަތެއް ހާސިލުކުރުމަށް ގޮވާލާފަ އެވެ.

“ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިންގެ ހަމަލާތަކުން އެނގެނީ މާ ލަހުން ފިޔަވަޅު އަޅައިފިއްްޔާ، އަނިޔާވެރިކަމަށް އިތުރަށް ފުރުސަތު ހުޅުވިގެންދާނެ ކަން” ކެމަރަން ވިދާޅުވެފައި ވެއެވެ.

1
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top