ޚަބަރު
އެމްބީއެސްގެ އިމާރާތެއް ހުޅުމާލޭ ފުރަތަމަ ފިޔަވަހިން ވަނީ ހަމަޖެހިފަ: ހެލްތް މިނިސްޓަރު
ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް- ފޮޓޯ: ޖަޒީރާ ނިއުސް

މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް) އިމާރާތަށް ދިމާވެފައިވާ ދަތިކަން ހައްލުކުރުމަށް ހުޅުމާލޭ ފުރަތަމަ ފިޔަވަހިން އިމާރާތެއް ކަށަވަރުކުރެވިފައިވާ ކަމަށް ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގްވާމީ ތެލެސީމިއާ ދުވަސް ފާހަގަކުރުމަށް މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ހަލީލް ވިދާޅުވީ، މަގާމާއި ހަވާލުވެލެއްވި ފުރަތަމަ ދުވަހުވެސް ލިބިލެއްވި އެންމެ ބޮޑު ޝަކުވާއަކީ މޯލްޑިވްސް ބްލަޑް ބޭންކް ސާވިސަސް އިމާރާތަށް ދިމާވެފައިވާ ދަތިކަމުގެ ވާހަކަ ކަމަށެވެ. އެގޮތުން އެ އިމާރާތަކީ ޖާގައިގެ ގޮތުން ވަރަށް ތާށި އަދި ވަރަށް ބާވެފައިވާ އިމާރާތެއްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އަޅުގަނޑަށް ބައެއް ބޭފުޅުންގެ ފަރާތުން ވީޑިއޯ ލިބުނު އެތަނުގެ ބައެއް ބައިބައި ވެއްޓެމުންދިޔައިރު. އަޅުގަނޑުމެން މިއަދު އެންމެ އިސްކަމެއްދޭ އެއްކަމަކީ އެކުދިންނަށް ފަރުވާ ދެމުންދާ އިމާރާތް ބަދަލުކުރުން. ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް

އެމްބީއެސް އިމާރާތަށް ދިމާވެފައިވާ ޖާގައިގެ ދަަތިކަން ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ފަރާތުން މުހިންމު ދައުރެއް އަދާކުރައްވާކަން ފާހަގަކުރައްވާ މިނިސްޓަރު ހަލީލް ވިދާޅުވީ، އެކަމަނާގެ ފަރާތުން މިކަމަށް މުހިންމު އިރުޝާދުތަކެއް ދެއްވަމުން އަންނަ ކަމަށެވެ. އެގޮތުން މިނިސްޓަރާއި ވަކިން ބައްދަލުކުރައްވަވާ ތެލެސީމިއާ ކުދިންނަށް ދިމާވެފައިވާ ކަންކަން ހައްލުކުރުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށާއި އެ ކުދިންނަށް ފަރުވާދިނުމުގައި ފަހި މާހައުލެއް ހޯއްދަވައިދެއްވުމަށް އެދިވަޑައިގެންނެވިކަން މިނިސްޓަރުގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.

މި މޭރުމުން ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ތެލެސީމިއާ ބަލި ތަހައްމަލު ކުރަމުންދާ ކުދިންގެ އެހީތެރިކަމާއެކު ހުޅުމާލޭގެ ފުރަތަމަ ފިޔަވަހިން އެމްބީއެސް އިމާރާތެއްގެ ޖާގަ ކަށަވަރު ކުރެވިފައި ކަމަށާއި އެގޮތުން އެ އިމާރާތުގައި ގާއިމުކުރަންޖެހޭ ހިދުމަތްތައް ގާއިމުކުރާނީވެސް އެ ކުދިންގެ ބައިވެރިވުމާއި މަޝްވަރާއާއެކު ކަމަށެވެ.

މިނިސްޓަރު ވަނީ އެ އިމާރާތުގެ ޑިޒައިނިންގ މަސައްކަތް ނިންމާ އެކަމަށް ފައިނޭންސް ހޯދުމުގެ މަސައްކަތް ފެށިފައިވާކަން ހާމަކުރައްވާފަ އެވެ. އަދި ވަރަށް އަވަހަށް އެމްބީއެސްގެ އިމާރާތް އައު އިމާރާތަކަށް ބަދަލުވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top