ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ މަސައްކަތަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަހުމަދު ނަޒީރު ނުފޫޒް ނުފޯރުވާ ކަމަށް އެމްއެމްއޭން ބުނެފިއެވެ.
އެމްއެމްއޭ އިން އެހެން ބުނީ، މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ގަވަރުނަރު އެފްއައިޔޫގެ މަސައްކަތްތަކަށް ނުފޫޒް ފޯރުވާ ކަމަށްބުނެ އެފްއައިޔޫގެ ކުރީގެ ހެޑް، އަހުމަދު އަޝްރަފު ސިޓީއެއް ފޮނުވުމާއި ގުޅިގެންނެވެ. އެމްއެމްއޭ އިން ވަނީ އެ ސިޓީގައި އަޝްރަފް ބަޔާންކޮށްފައިވާ ވާހަކަތައް ދޮގު ކުރައްވާފައެވެ.
އެ ސިޓީގައި އަޝްރަފް ވަނީ މިހާރުގެ އެމްއެމްއޭގެ ގަވަރުނަރު ނަޒީރުގެ ބޮލުގައި ވަރަށް ގިނަ ތުހުމަތު ތަކެއް އަޅުއްވާފައެވެ.
އެމްއެމްއޭ އިން ބުނީ މި ގާނޫނުގައި ބަޔާންކޮށްފައިވާ ރިޕޯޓްކުރަންޖެހޭ ފަރާތްތަކުން (މާލީ އިދާރާތަކާ އެހެންވެސް އިދާރާތަކުން)، ޤާނޫނުގެ ދަށުން ހުށަހަޅަންޖެހޭ ރިޕޯޓްތައް ހުށަހަޅަނީ، ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން ސީދާ އެ ޔުނިޓަށް ކަމަށެވެ.
އެ ޔުނިޓްއަށް ލިބޭ ރިޕޯޓްތަކާ ގުޅިގެން ޓެކްނިކަލް އެނެލިސިސް ހަދާ، އެ ރިޕޯޓްތަކާ ގުޅިގެން ނިންމާ ނިންމުންތައް ނިންމަނީ ސީދާ އެ ޔުނިޓުން ކަމަށާ، އެކަންކަން ނިންމުމުގައި މި އޮތޯރިޓީގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށެވެ.