ޚަބަރު
މޯލްޑިވިއަންގެ ހަތަރުވަނަ އޭޓީއާރް ފްލައިޓް ރާއްޖެ ގެނެސްފި

ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލީޓަށް އިތުރު ކުރި އާ އޭޓީއާރް ފްލައިޓު ރާއްޖެ ގެނެސްފި އެވެ.

މޯލްޑިވިއަންއިން ބުނީ އެ އެއާލައިންގެ ފްލީޓް ބަދަލުކޮށް ޒަމާނީކުރުމަށް ކުރިއަށްގެންދާ މަޝްރޫގެ ދަށުން މިއަދު ގެނެސްފައިވަނީ އޭޓީއާރު 42-600 މަރުކާގެ މަތިންދާބޯޓެއް ކަމަށެވެ.

މިކަން ފާހަގަ ކުރުމުގެ ގޮތުން މޯލްޑިވިއަންއިން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހާއްސަ ރަސްމިއްޔާތެއްވެސް ބާއްވާފަ އެވެ. މި ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އާއި ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރުވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

މޯލްޑިވިއަންގެ ފްލީޓަށް މިއަދު އިތުރު ކުރެވުނު އާ އުޅަނދާއެކު މޯލްޑިވިއަންގެ ކެޕޭސިޓީ އިތުރު ކުރެވި ރޫޓުތަކަށް ދެމުން ގެންދާ ހިދުމަތްތައް އިތުރަށް ރަނގަޅު ކުރެވޭނެ ކަމަށް އެ އެއާލައިނުން ބުނެ އެވެ. އަދި އަލަށް ގެނައި އުޅަނދަކީ ޒަމާނީ ޓެކްނޮލޮޖީ ހިމެނޭ ވަސީލަތްތަކާއެކު އެންމެ މަތީ ފެންވަރުގެ ހިދުމަތް ފޯރުކޮށްދެވޭނެ ގޮތަށް ފަރުމާކުރެވިފައިވާ އުޅަނދެއްކަމަށް މޯލްޑިވިއަންއިން ވަނީ ބުނެފަ އެވެ.

ވީއައިއޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މޯލްޑިވިއަންގެ އެމްޑީ އިބްރާހިމް އިޔާސް ވަނީ ކުންފުނީގެ އިސްތިރާޖީ ރޭވުންތައް ތަރައްގީ ކުރުމަށްޓަކައި އާ މަތިންދާބޯޓުފަހަރުގެ މުހިންމުކަމަށް އަލި އަޅުއްވާލައްވާފަ އެވެ.

އަޅުގަނޑުމެންގެ ފްލީޓަށް އިތުރުވާ މި އާ މަތިންދާބޯޓާއެކު ފަސިންޖަރުންނަށް ކުރެވޭ ތަޖުރިބާ އަދި އޮޕަރޭޝަން ހަރުދަނާކުރުމަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ. މި ބޯޓުން ތަފާތު ހިތްހަމަޖެހުމެއް ދަތުރުވެރިންނަށް ލިބިގެންދާނެ. އެގޮތުން މި މަތިންދާބޯޓުގެ އެތެރޭގެ ފިނިހޫނުމިން ކޮންޓްރޯލްކުރެވިފައިވާ ރަނގަޅު ނިޒާމަކާއި އަޑުތައް އިވޭ މިންވަރު ދަށްކުރެވުން ހިމެނޭ.

މީގެ އިތުރުން މި އުޅަނދުގެ ސަބަބުން ފަސިންޖަރުން އެ އެއާލައިނަށް އޮންނަ އިތުބާރުވެސް އިތުރުވާނެކަމަށް އުންމީދު ކުރައްވާކަމަށް އެމްޑީ ފާހަގަ ކުރެއްވި އެވެ.

މޯލްޑިވިއަންގެ ފްލީޓުގައި މިވަގުތު 25 މަތިންދާބޯޓު އޮޕަރޭޓު ކުރެވެމުންދެ އެވެ. މީގެ ތެރޭގައި ހިމެނެނީ އެއާބަސް 320A މަރުކާގެ މަތިންދާބޯޓަކާއި އޭޓީއާރު މަރުކާގެ ހަތަރު މަތިންދާބޯޓާއި ޑޭޝް 8 މަރުކާގެ 9 މަތިންދާބޯޓާއި އަދި ޑޭޝް 6 މަރުކާގެ ޓްވިންއޮޓާރ 11 މަތިންދާބޯޓެވެ.

2
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top