ޚަބަރު
ހައްޖު ދުވަސްވަރާއި ގާތްކޮށް ކޯޓާ އިތުރުވާނެ ކަމަށް ބެލެވޭ: މިނިސްޓަރު ޝަހީމް
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ހައްޖު ދުވަސްވަރާއި ގާތްކޮށް ހައްޖު ކޯޓާ އިތުރުވުމުގެ ފުރުސަތު އެބައޮތް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝަހީމް މިފަދައިން ވިދާޅުވީ އިސްލާމިކް މިނިސްޓްރީގެ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

މި ބައްދަލުވުމުގައި މިނިސްޓަރު ޝަހީމް ވިދާޅުވީ ސައުދީ އަރަބިއްޔާއިން ގައުމުތަކަށް ކޯޓާ ދޫކުރަނީ ވަކި ނިޒާމެއްގެ ދަށުން ކަމަށެވެ. އެގޮތުން މީގެ ކުރިން ސައުދީން ކޯޓާ ދޫކުރުމުގައި ހައްޖުވެރިންގެ އެކޮމޮޑޭޝަނާއި ދޭތެރޭވެސް ވަރަށް ބޮޑަށް ވިސްނާ ކަމަށް ވިދާޅުވި އެވެ.

“ހައްޖު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ވިދާޅުވީ ހައްޖު ގާތްވީމަ، އެކި ގައުމުތަކުން ހައްޖު ކޯޓަ ބޭނުންކުރާ އަދަދު ސާފުވެގެންދާނެ ކަމަށް. ބައެއް ގައުމުތަކުން އެގައުމުތަކަށް ދީފައި އޮންނަ އަދަދު ބޭނުން ނުކުރޭ”

މިނިސްޓަރު ވިދާޅުވިގޮތުގައި އެކި ގައުމުތަކަށް ކޯޓާ ދޫކުރަނީ އެގައުމެއްގެ އާބާދީގެ ނިސްބަތަށް ބަލާފަ އެވެ. ނަމަވެސް ގިނަ އަދަދެއްގެ ކޯޓާ ލިބިފައިވާ ގައުމަކަށްވެސް އިގްތިސާދީ އެކި ސަބަބުތަކާއި ގުޅިގެން ހުރިހާ ކޯޓާއެއް ބޭނުން ނުކުރެވިދާނެކަން މިނިސްޓަރު ޝަހީމްގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.

“މިސާލަކަށް 100،000 ކޯޓާ ދީފައި އޮންނަ ގައުމަކުން 50،000 ބޭނުންކޮށްލީ. އެހެންވީމަ ބާކީ އެ އޮންނަ އަދަދު އެމީހުން (ސައުދީއަށް) ލިބިފައި އޮންނަ ރިކުއެސްޓްތަކަށް ބަލާފަ އެކި ގައުމުތަކަށް ބަހާލަނީ. އެހެންވީމަ، އެ ވިދާޅުވަނީ ހައްޖު ގާތްވީމަ ގައުމުތަކުން ކޯޓާ ބޭނުން ނުކުރާކަން” މިނިސްޓަރު ޝަހީމް ވިދާޅުވީ އެހާލަތުގައި ރާއްޖެއަށް ސައުދީ ސަރުކާރުން އިސްކަން ދިނުން އެކަށީގެންވާ ކަމަށެވެ.

މީގެ އިތުރަށްވެސް މިނިސްޓަރު ޝަހީމް ވަނީ ހައްޖަށް މީހުން ދިއުމަށް ނަގާ ފީ ކުޑަކުރުމަށްވެސް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ.

މިދިޔަ އަހަރު ރާއްޖެއަށް 1000 ކޯޓާ ލިބުނުއިރު، އޭގެ ތެރެއިން 270 ކޯޓާ ދީފައިވަނީ އަމިއްލަ ކުންފުނިތަކަށެވެ. އަމިއްލަ ކުންފުނިތަކަށް ދިން ކޯޓާތަކަށް ބޮޑެތި އަގުތައް ނަގާ މައްސަލަ މީގެ ކުރިން އެތައް ފަހަރަކުވަނީ ފެންމަތިވެފަ އެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ ހައްޖު ކޯޓާ އިތުރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ވަރަށް ބައިުވަރު މަޝްވަރާތައް ކުރެވިފައިވާ ކަމަށެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top