ރިޕޯޓް
ފަތުރުވެރިކަމުގެ ސިނާއަތަށް އުފާވެރިކަން، ހަތަރު އެވޯޑާއެކު ފަތުރުވެރިންގެ އަދަދުވެސް ދަނީ މައްޗަށް

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް މި އަހަރަކީ ވަރަށް އުފާވެރި އަހަރެކެވެ. އަހަރުގެ މިހާތަނަށް ރާއްޖޭގެ ފަތުރުވެރިކަން ދަނީ ފަތުއަޑު ކިޔާފައި ކުރިއަރަމުންނެވެ. މި އުފާވެރިކަމުގެ މައްޗަށް މި ހަފްތާގައި ލިބިގެން ދިޔައީ އިތުރު އުފާވެރިކަމެކެވެ. “ޗެރީ އޮން ދަ ޓޮޕް” އޭ ކިޔަމާ ހިނގާށެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖޭއަށް ފަތުރުވެރިން ޒިޔާރަތް ކުރި މިންވަރު ވަނީ މިދިޔަ ދެ އަހަރާ އަޅާ ބަލާއިރު އެތަށް ގުނަޔަކަށް އިތުރުވެގެން ގޮސްފަ އެވެ. ފާއިތުވި ހަތަރު މަހުވެސް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކުރި މިންވަރު ވަނީ ބޮޑުތަނުން އިތުރުވެފަ އެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް 798,610 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރިއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތް ކުރީ 711,402 ފަތުރުވެރިންނެވެ. 2022 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 604,730 ފަތުރުވެރިންނެވެ.

މިހާ ބޮޑު ކުރިއެރުމެއް ފަތުރުވެރިކަމުގެ ސިނާއަތަށް ލިބިފައި ވަނިކޮށް މި ހަފްތާގައި ކުރިއަށްދިޔަ “އަރަބިއަން ޓްރެވަލް މާކެޓް 2024” (އޭޓީއެމް)ގައި ރާއްޖެއަށް ލިބުނު ކާމިޔާބަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ރާއްޖޭގެ ހިތްގައިމު ކަމާއި މޮޅުކަން ސާބިތުކޮށްދިން ކަމެކެވެ. އޭޓީއެމްގައި ރާއްޖެއަށް ވަނީ ހަތަރު ދާއިރާއަކުން ލީޑިން ޑެސްޓިނޭޝަން އެވޯޑް ލިބިފަ އެވެ.

ރާއްޖެއަށް ލީޑިން ޑެސްޓިނޭޝަން ލިބުނު ދާއިރާތައް

  • އިންޑިއަން އޯޝަންސް ލީޑިން ޑެސްޓިނޭޝަން 2024
  • އިންޑިއަން އޯޝަންސް ލީޑިން ހަނީމޫން ޑެސްޓިނޭޝަން 2024
  • އިންޑިއަން އޯޝަންސް ލީޑިން ގްރީން ޑެސްޓިނޭޝަން 2024
  • އިންޑިއަން އޯޝަންސް ލީޑިން ޑައިވް ޑެސްޓިނޭޝަން 2024

މި އެވޯޑުތައް ރާއްޖެއަށް ލިބުމަކީ އިންޑިއާ ކަނޑުގެ ލީޑިން ޑެސްޓިނޭޝަނެއްގެ ގޮތުގައި ރާއްޖެ އޮތް އޮތުން އިތުރަށް ވަރުގަދަކޮށްދިން ކަމެކެވެ. މި ކާމިޔާބީތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހަނދާން ނައްތާނުލެވޭ ފަދަ ތަޖުރިބާތަކެއް ފޯރުކޮށްދިނުމުގެ ނަތީޖާ އެވެ. އަދި ދެމެހެއްޓެނިވި ފަތުރުވެރިކަމާއި ތިމާވެށި ހިމާޔަތްކުރުމަށްވެސް އެތަށް މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

ވޯލްޑް ޓްރެވަލް އެވޯޑުގައި އިންޑިއަން އޯޝަން ކެޓަގަރީ ތައާރަފްކޮށްފައިވަނީ 2003 ވަނަ އަހަރު އެވެ. އޭގެ ފަހުން ރާއްޖެއިން ވަނީ މި ކެޓަގަރީން ބޮޑެތި ކާމިޔާބީތަކެއް ހޯދަމުންނެވެ. އެގޮތުން ލީޑިން ޑެސްޓިނޭޝަން އެވޯޑް 17 ފަހަރު، ލީޑިން ހަނީމޫން ޑެސްޓިނޭޝަން އެވޯޑް 6 ފަހަރު އަދި ލީޑިން ޑައިވް ޑެސްޓިނޭޝަން އެވޯޑު 9 ފަހަރު ރާއްޖެއަށް ލިބިފައިވެ އެވެ. މިއަހަރު ރާއްޖެއަށް ލިބުނު ލީޑިން ގްރީން ޑެސްޓިނޭޝަން އެވޯޑަކީ އަލަށް ލިބުނު އެވޯޑެކެވެ.

އަރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) 2024 ގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ މަތީ ފަންތީގެ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ރާއްޖެއިން ކުރަމުންދާ ކަންކަމާއި ކުރިއަށް އޮތްތާ ކުރަން ރާވާފައިވާ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައިވެ އެވެ. އޭޓީއެމްގައި ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އާއި އެމްއެމްޕީއާރުސީގެ ބޯޑުގެ ޗެއާޕާސަން އާއިޝާ ނޫރައިން ޖަނާހާއި އެމްއެމްޕީއާރުސީގެ ސީއީއޯ އަދި އެމްޑީ ފާތުމަތު ތައުފީގާއި ޓޫރިޒަމް ޑިވެލޮޕްމަންޓްގެ އެޑްވައިޒަރު މުހައްމަދު ހަލީލް ބައިވެރިވެ ވަޑައިގެންނެވި އެވެ.

މި އިވެންޓުގެ ބައިވެރިންނާ ގުޅިގެން ރާއްޖޭގެ ވަފުދުން ވަނީ ހިޔާލު ބަދަލުކޮށް ފަތުރުވެރިކަން ކުރިއެރުވުމަށް ތާޒާ ވިސްނުތަކެއް ހޯދާފަ އެވެ. އަދި ޒަމާނާ އެއްގޮތަށް މި ސިނާއަތް ބައްޓަން ކުރަމުންދާ ތަޖުރިބާކާރުންނާއި އީޖާދީ ވިޔަފާރިވެރިންނާވެސް ބައްދަލުކޮށްފައިވެ އެވެ. މި އިވެންޓުގެ ސަބަބުން މެދުއިރުމަތީގެ ފަތުރުވެރިކަމުގެ ވިޔަފާރިތަކާ ގުޅުން ގާއިމުކޮށް، މި މުހިންމު މާކެޓުން ފަތުރުވެރިން ހޯދުމަށް އިތުރު ފުރުސަތުތަކެއް ލިބިގެންދެ އެވެ. މީގެ ސަބަބުން ރާއްޖެއިން މިހާރުވެސް ދަމަހައްޓަމުން އަންނަ ރަން ވަނަތައް އިތުރަށް ފުރިހަމަވެގެން ދާނެ އެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބުނު މި ކާމިޔާބީގެ އުފާ ފާޅު ކުރަމުން ގެންދާއިރު މި ސިނާއަތަށް އުޖާލާ މުސްތަގުބަލަކަށް މަގު ފަހިކޮށްދިނުމަކީ މި ސަރުކާރުގެ އެއް އަމާޒެވެ. ރާއްޖެއަކީ އިންޑިޔާ ކަނޑުގެ ހިތްގައިމު ގުދުރަތީ މާހައުލެއްގައި އެޑްވެންޗަރަސް، ލުއި އަދި ލަގްޒަރީ އަށް އެދޭ ދަތުރުވެރިންނަށްވެސް ތަފާތު ތަޖުރިބާތަކެއް ފޯރުކޮށްދެމުން އަންނަ ގަމެކެވެ.

1
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top