ރެއާލް މެޑްރިޑަށް ދާދިފަހުން ބަދަލުވި ބެލްޖިއަމްގެ ތަރި އެޑެން ހަޒާޑްގެ ސަބަބުުން އެ ޓީމަށް ކުޅެމުން އަންނަ ބްރެޒިލްގެ ޒުވާން ކުޅުންތެރިޔާ ވިނީޝަސް ޖޫނިއާ އަށް ކުޅެން ލިބޭނެ ފުރުޞަތުތައް މަދުވާނެކަމަށް ދެކޭ ކަމަށް އޭނާ ބުނެފިއެވެ.

ނަމަވެސް، ރެއާލްގެ ކުރީގެ ކޯޗު ސަންޓިއާގޯ ސޮލާރީގެ އިރުޝާދުގެ ދަށުން ކުޅެން ލިބުނު ފުރުޞަތުތަކަށްވުރެ މިހާރުގެ ކޯޗު ޒައިނުއްދީން ޒިދާންގެ ކޯޗުކަމުގައި މަދު ފުރުޞަތުތައް ލިބުނު ނަމަވެސް، ކުރިއަށް ސީޒަނުގައިވެސް ޒިދާންގެ ޕްލޭންތަކުގައި ވިނީޝަސް ހިމެނޭނެކަމަށް އޭނާ ވަނީ މީގެކުރީން ބުނެފައެވެ.

"ހަޒާޑު އައުމުން އަހަރެންނަށް ކުޅުމަށް ލިބޭ ފުރުޞަތުތައް ކުރިއަށްވުރެ މަދުވާނެ. އެކަމަކު، އެކަމާ ކަންބޮޑެއްނުވޭ، އެ ހުރިހާ ކަމެއް ދޫކޮށްލާނީ ޒިދާންގެ އަތްމައްޗަށް." މީޑިއާ އަށް ދިން އިންޓަވިއުގައި ވިނީޝަސް ބުންޏެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުގައި ބްރެޒިލްގެ ފްލެމެންގޯ އިން ރެއާލަށް ބަދަލުވެ ވިނީޝަސް ވަނީ އަނިޔާގެ ސަބަބުން ބައެއް މެޗުތައް ގެއްލުނު ނަމަވެސް އެ ޓީމުގައި ހޭދަކުރީ ފުރަތަމަ ސީޒަނުގައި އުއްމީދީ ކުޅުމެއް ދައްކާފައެވެ. އެގޮތުން، އޭނާ ވަނީ ރެއާލަށް މިހާތަނަށް ކުޅެދިން 31 މެޗުގައި 12 ލަނޑުޖެހުމަށް އެހީތެރިވެދީ، ތިން ގޯލް ކާމިޔާބުކޮށްފައެވެ.

މިހާރު އުމުރުން 18 އަހަރުގެ ވިނީޝަސް ވަނީ ރެއާލަށް ގުޅުނު ފަހުން އޭނާގެ ކުޅުމަށް އައި ބޮޑު ބަދަލާއި ގުޅޭގޮތުންވެސް ވާހަކަ ދައްކާފައެވެ. އެގޮތުން، އޭނާ ކުރިއަށްވުރެ ބޮޑަށް ވާދަވެރި މެޗުތަކަށް އެ ކްލަބުގެ ސަބަބުން ހޭނިފައިވާ މިންވަރުންވެސް އެނގިގެންދޭއެވެ.

"އަހަރެންނަށް މި ކްލަބަށް އައިފަހުން ކުޅުމަށް ވަރަށް ރަނގަޅު ބަދަލުތަކެއް އައިސްފައިމިވަނީ. މިހާރު އަހަރެންގެ އަތުން ބޯޅަ ގެއްލޭ މިންވަރުވެސް ކުރިއާއި އަޅާބަލާއިރު މަދު. މި ކްލަބުގެ ކޯޗުންނާއި ކުޅުންތެރިންގެ ކިބައިން އަހަރެންނަށް ވަރަށް ގިނަ ކަންތައްތައް ދަސްވެއްޖެ."

"މިސާލަކަށް، މި ޓީމުގައި ހިމެނޭ ތަޖުރިބާކާރު ކުޅުންތެރިންކަމަށްވާ ސާޖިއޯ ރާމޯސް އަދި ކަރީމް ބެންޒެމާގެ ފަރާތުން ފަރިތަކުރުންތަކުގައި އާއި ދަނޑުމަތީގައި ބުރަ މަސައްކަތްތަކެއް ކުރާތަން ފެނިގެންދޭ. އެ ކުޅުންތެރިންގެ ފަރާތުންވެސް ގިނަ ގޯލްތަކެއް ފެނިގެންގޮސްފައިވަނީ. މި ޓީމުގައި ހިމެނޭ އެއްވެސް ކުޅުންތެރިއަކުވެސް ތަމްރީންތަކުގައިވެސް ބަލިވާކަށް ބޭނުމެއް ނުވޭ." ވިނީޝަސް ބުންޏެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *