ގުޅީފަޅު ބިން ހިއްކުމުގެ މަޝްރޫއު ބިޑަކާ ނުލާ 53 މިލިއަން ޑޮލަރަށް ބޮސްކާލިސް ވެސްޓްމިންސްޓާ ކޮންޓްރެކްޓިން ލިމިޓެޑްއާ ހަވާލުކުރީ ގަވާއިދުތަކާ އެއްގޮތަށް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ބިޑަކާ ނުލާ ގުޅީފަޅު ބިން ހިއްކުމުގެ މަސައްކަތް ހަވާލު ކުރުމުން އެކަމާ އާންމުން ފާޑުކިޔަމުންދާއިރު ފިނޭންސް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަމީރު ވިދާޅުވީ ސަރުކާރުގެ އިގްތިސާދީ އެޖެންޑާ އަށް މުހިއްމު ޕްރޮޖެކްޓުތަކާ މެދު ދެގޮތަކަށް އަމަލުކުރާ ކަމަށާއި އެގޮތުން އެއްގޮތަކީ ވާދަވެރި ބިޑިންގ ޕްރޮސެސް އަކަށް ހުޅުވާލުން ކަމަށެވެ.

އަދި އަނެއް ގޮތަކީ އިކޮނޮމިކް ކައުންސިލްގެ ތެރެއިން އަންސޮލިސެޓެޑް ޕްރޮޕޯސަލްއެއް ބޭނުންކޮށްގެން ކުރިއަށް ގެންދެވެން އޮތްނަމަ އެގޮތަށް ކުރިއަށް ގެންދިޔުން ކަމަށާއި އެގޮތުން މިހާތަނަށް އަންސޮލިސެޓް ޕްރޮޕޯސަލްތަކުގެ ތެރެއިން އިވެލުއޭޓްކޮށްގެން އިކޮނޮމިކް ކައުންސިލުން ނިންމާފައިވަނީ ގުޅިފަޅު ބިން ހިއްކުމުގެ ޕްރޮޖެކްޓު އެކަނި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން ގުޅިފަޅު ބިން ހިއްކުމުގެ ޕްރޮޖެކްޓު ބޮސްކާލިސް އަށް ދީފައިވަނީ ރަނގަޅަށް އިވެލުއޭޓްކޮށްގެން ކަމަށާއި އޭސީސީންނާއި މަޖިލީހުގެ ކަމާގުޅޭ ކޮމިޓީން ވެސް މި ޕްރޮޖެކްޓު ދިނުމުގެ މަރުހަލާގައި ކަންކަން ގޮސްފައި ހުރީ ރަނގަޅަށްތޯ ބެލުމަށް މަރުހަބާ ކިޔާ ކަމަށްވެސް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

"ޔަގީންކަން ދެން މި ޕްރޮސެސް ހިނގާފައި އިން ގޮތުގެ އިންޓެގްރީ ހިފެހެއްޓޭނެ ކަމުގެ. ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ގޮތަކަށް ކަމެއް ހިނގާފައި ނުވާނެ ކަމުގެ ޔަގީންކަން ދެން" މިނިސްޓަރު ވިދާޅުވިއެވެ.

ބޮސްކާލިސް އަށް މި ޕްރޮޖެކްޓު ދިން ސަބަބު ސާފުކޮށްދެމުން މިނިސްޓަރު އަމީރު ވިދާޅުވީ މި ޕްރޮޖެކްޓު ހިންގަން ބޭނުންވަނީ ނެދަލޭންޑްސް އައިއެންޖީ ބޭންކުގެ އެހީއާއެކު ކަމަށްވާއިރު ނެދަލޭންޑްސްގެ ކުންފުންޏަކުން މި ޕްރޮޖެކްޓު ހިންގުމަކީ އެ ބޭންކުން ކަނޑައަޅާފައިވާ ޝަރުތެއް ކަމަށެވެ.

މީގެއިތުރުން މިއީ ރާއްޖޭގައި ހިންގާ މިފަދަ އެހެން ޕްރޮޖެކްޓުތަކާ އަޅާބަލާއިރު އަގުހެޔޮ ޕްރޮޖެކްޓެއް ކަމަށާއި ކަމެއް ފޮރުވަން ނޫޅޭ ކަމަށްވެސް އަމީރު ވިދާޅުވިއެވެ. އަދި ކުރީގެ ސަރުކާރުގައި ކަންކަން ހިނގާފައިވާ ގޮތުން މިފަދަ ކަންކަމަށް ރައްޔިތުންގެ އިތުބާރު ލިބެން ދުވަސް ނަގާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.