ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓައި، ގެއްލިގެން ހޯދަމުންދާ ޝައިމްގެ ކުށުގެ ވެއްޓާއި ގުޅުން ހުރި މައުލޫމާތު އާއްމުކުރެވިގެން ނުވާނެ ކަމަށް، ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ކުއްޖާ އާއި ބެހޭ މައުލޫމާތަކީ ހާމަކުރެވިގެން ވާނެ މައުލޫމާތު ތަކެއް ނޫން ކަމަށާއި އަދި، އެ ކުއްޖާގެ މުޅި ހަޔާތުގައި ދިމާވެފައިވާ ހާދިސާ ތަކާއި ހާލަތުތަކަށް ބަލާ އިރު، އޭނާއަށް ދައުލަތުގެ ފަރާތުން ހިމާޔަތާއި ރައްކާތެރިކަން ދޭން ޖެހޭ ސަބަބުތައް ވަކީން ގިނަ ކަމަށެވެ.
އީވާ އިތުރަށް ވިދާޅުވެފައިވަނީ، އެކުއްޖާގެ މައުލޫމާތުތައް އާއްމުކުރުމުން އެކުއްޖާއަށް، ގަދަރުވެރި ދިރިއުޅުމެއް އުޅުމުގެ ފުރުސަރު ގެއްލޭ ކަމަށާއި، އެ އުޅުން އެއީ އެކުއްޖާ އަމިއްލަ އަށް ބޭނުންވެގެން ހިޔާރުކުރި އުޅުމެއް ނޫން ކަމަށެވެ.
އިއްޔެ ޖެންޑަރ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ ޝިދާތާ ވަނީ، ޝައިމްގެ ގިނަ މައުލޫމާތު ތަކެއް މީޑިއާތަކާއި ހިއްސާކޮށްފައެވެ.