މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް އަލެކްސިސް ސަންޗޭޒް ކާމިޔާބުކުރި ލަނޑާއެކު އިކުއޭޑޯ އަތުން 2-1 އިން އެންމެ ފަހުގެ ދެ އަހަރުގެ ޗެމްޕިއަން ޗިލީ، ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ރޭގެ ނަތީޖާއާއެކު އެ ޓީމު ވަނީ ގްރޫޕް ސީ ގައި މިހާތަނަށް ކުޅުނު ދެ މެޗުން މޮޅުވެ ހަ ޕޮއިންޓް ހޯދައިފައެވެ. ޗިލީ އަށް ދެން އޮތީ މި ގްރޫޕުގެ ދެވަނައިގައި ހަތަރު ޕޮއިންޓާއެކު އޮތް އުރުގުއޭއާ ދެކޮޅަށް ކުޅޭ މެޗެވެ. ތިންވަނައިގައި އޮތް ޖަޕާނަށް އެއް ޕޮއިންޓް ލިބިފައިވާއިރު އެންމެ ފުލުގައި އުޅޭ އިކުއޭޑޯ އަށް އަދި ޕޮއިންޓެއް ނުލިބެއެވެ.

ސަލްވަޑޯގެ ފޮންޓޭ ނޯވާ އެރީނާގައި ރޭ ކުޅުނު މެޗު ފެށިގެން އަށް ވަނަ މިނެޓުގައި ހޯސޭ ފުއެންޒަލީޑާ ކާމިޔާބުކުރި ގޯލުން ޗިލީ އިން ލީޑްނެގިނަމަވެސް، މެޗުގެ 26 ވަނަ މިނެޓުގައި އިކުއޭޑޯގެ ސެބާސްޓިއަން މެންޑޭޒް އަށް ޗިލީގެ ގޯލްކީޕަރު ގެބްރިއެލް އަރިއާސް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ ކާމިޔާބުކޮށް އެނާ ވެލެންސިއާ ވަނީ ނަތީޖާ ހަމަހަމަކޮށްދީފައެވެ. މި މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ.

ދެވަނަ ހާފު ފެށިތާ 6 ވަރަކަށް މިނެޓުގެ ތެރޭގައި ޗިލީ އަށް އަލުން ލީޑް ނަގައިދީ މި މެޗުން ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ ސަންޗޭޒް އެވެ. މިއީ އެ ޓީމުގެ ޗާލްސް އަރަންގުއިޒް ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ޕެނަލްޓީއޭރިޔާގެ މެދުތެރޭގައި ހުރެ ގޯލްގެ ތިރީކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކުރި ގޯލެކެވެ.

އަނިޔާއާ ތަފާތު ގިނަ މައްސަލަތަކުގެ ސަބަބުން ފޯމު ގެއްލިފައިވާ ސަންޗޭޒަށް ޔުނައިޓެޑްގައި މާ އެދެވޭ ކުޅުމެއް ދެއްކިފައިނުވީނަމަވެސް، މި މުބާރާތުގައި އޭނާ ވަނީ މިހާތަނަށް ދެ ގޯލް ކާމިޔާބުކޮށްދީ ޗިލީ އަށް ކުއާޓާ އިން ޖާގަ ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ.

މި މުބާރާތުގައި މި ހަފްތާގައި ކުޅުމަށް ހަމަޖެހިފައިވަނީ ގްރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުތަކެވެ. އެގޮތުން، މިރޭ ކުޅެވޭ ގްރޫޕް އޭ ގެ މެޗުތަކުގެ ތެރެއިން އެއް މެޗުގައި، ބްރެޒިލްއާ ޕެރޫ ބައްދަލުކުރާއިރު ހަމަ އެ ގަޑީގައި ކުޅޭ އަނެއް މެޗުގައި ބޮލީވިއާ ނިކުންނާނީ ވެނެޒުއޭލާއާ ދެކޮޅަށެވެ. މި ދެ މެޗުވެސް ފަށާނީ ރާއްޖޭ ގަޑިން 00:00 ގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *