ކުޅިވަރު
ލީގު ހޯދުމުގެ ރޭހުގައި އާސެނަލާއި ސިޓީގެ ވާދަވެރިކަން ބޮޑު

އިނގިރޭސި ޕްރިމިއަރ ލީގުގެ މި ސީޒަންގެ ތަށި ހޯދުމަށް ކުރާ މަސައްކަތުގައި އާސެނަލާއި މެންޗެސްޓަރ ސިޓީގެ ވާދަވެރިކަން ބޮޑުވެ، ލީގު ހޯދާނެ ޓީމަކާއި ދޭތެރޭ ސުވާލު އުފެދިއްޖެ އެވެ.

ޕްރިމިއަރ ލީގުގެ ތާވަލަށް ބަލާއިރު، 36 މެޗު ކުޅެގެން 83 ޕޮއިންޓާއެކު އާސެނަލް އެއްވަނައިގައި އޮތްއިރު، އެޓީމަށްވުރެ އެއް މެޗު މަދުން ކުޅެގެން 82 ޕޮއިންޓާއެކު ސިޓީ އޮތީ ދެވަނައިގަ އެވެ.

ލީގުގައި އާސެނަލަށް ބާކީ އޮތީ ދެ މެޗެވެ. އެއީ މެންޗެސްޓަރ ޔުނައިޓެޑާއި ދެކޮޅަށް ރަށުން ބޭރުގައި ކުޅެން އޮތް މެޗާއި، އަމިއްލަ ދަނޑުގައި އެވަޓަންއާ ދެކޮޅަށް ކުޅޭ ފަހު މެޗެވެ. މި ދެ މެޗުން އާސެނަލް މޮޅުވެއްޖެނަމަ އެޓީމަށް ލީގު ޗެމްޕިއަންކަން ލިބޭނެ އެވެ.

މި ދެޓީމުވެސް ވަނީ އިއްޔެ ކުޅުން މެޗުތަކުން މޮޅުވެފަ އެވެ. އިއްޔެ ހަވީރު ރާއްޖެ ގަޑިން 4:30 ގައި އާސެނަލްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން އެޓީމު ވަނީ ބޯންމައުތު ކައިރިން 0-3 އިން މޮޅުވެފަ އެވެ. އާސެނަލްގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ކުރީކޮޅު ވަނީ އިދިކޮޅު ގޯލާ އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފަ އެވެ. ނަމަވެސް މި ހުރިހާ ހަމަލާތަކެއްގެ ދިފާއަކަށްވީ ބޯންމައުތުގެ ގޯލް ކީޕަރު މާކް ޓްރެވާސް އެވެ.

މެޗުގައި އާސެނަލުން ލީޑު ނެގީ އިތުރު ވަގުތުގައި ބުކަޔޯ ސަކާ ކާމިޔާބުކޮށްދިން ޕެނަލްޓީންނެވެ. އަދި ދެވަނަ ހާފުގައި ލީޑު އިތުރަށް ފުޅާކޮށްދިނީ 70 ވަނަ މިނެޓުގައި ލިއަންޑްރޯ ޓްރޮސާޑެވެ. އެއަށްފަހު މެޗުގެ އިތުރު ވަގުތުގައި ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ރެކޯޑް ޓްރާންސްފަރ އެއްގައި މި ސީޒަނުގައި އާސެނަލަށް ގެނައި ޑެކްލަން ރައިސް އެވެ. އޭނާގެ ފަރާތުން މި މެޗުގައި ވަނީ ތަފާތު މޮޅު ކުޅުމެއް ފެނިގެން ގޮސްފަ އެވެ.

ލީގުގައި ރޭ މެންޗެސްޓަރ ސިޓީ ކުޅުނު މެޗުން އެޓީމު ވަނީ 1-5 އިން ވުލްވްސް ބަލިކޮށްފަ އެވެ. މި މެޗުގައި ސިޓީގެ ފޯވަޑް އާލިން ހާލަންޑް ވަނީ ހަތަރު ލަނޑު ޖަހާފަ އެވެ. އޭގެ ތެރެއިން ދެ ލަނޑަކީ ލިބުނު ޕެނަލްޓީން ކާމިޔާބުކުރި ލަނޑުތަކެވެ. މި މެޗުގައި ވުލްވްސްގެ ލަނޑު ދެވަނަ ހާފުގައި ކާމިޔާބުކޮށްދިނީ ހީ ޗާންގެވެ. އަދި އޭގެ ފަހުން ސިޓީގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްދިނީ ހޫލިއަން އަލްވަރޭޒެވެ.

6
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top