ޚަބަރު
އަންނަ މަހުވެސް ކަރަންޓް ބިލް ބޮޑުވާނެ: ސްޓެލްކޯ އެމްޑީ
ސްޓެލްކޯ އެމްޑީ ހުސައިން ފަހުމީ

މި ހިނގާ މެއި މަހުވެސް ކަރަންޓް ބިލް ބޮޑުވާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ މެނޭޖިން ޑިރެކްޓާ ހުސައިން ފަހުމީ ލަފާކުރައްވައިފި އެވެ.

ފަހުމީ މިފަދައިން ވާހަކަދައްކަވާފައިވަނީ ރޭ ޕީއެސްއެމްގެ ޕްރޮގްރާމަކަށް ދެއްވި ހާއްސަ އިންޓަވިއުއެއްގަ އެވެ.

މި ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފަހުމީ ވިދާޅުވީ ކޮންމެ ހޫނު މޫސުމެއްގައިވެސް ރާއްޖެއާއި ރާއްޖޭގެ އަވަށްޓެރި ގައުމުތަކުގެ ކަރަންޓް ބިލް ބޮޑުވާ ކަމަށެވެ. އެހެންކަމުން، ޑީޒަލް ކޮންޒަމްޕްޝަނާއި އެހެނިހެން ކަންކަމަށް ބަލާފައި މިމަހުވެސް ކަރަންޓް ބިލް ކުޑަނުވާނެ ކަމަށް އޭނާ ލަފާ ކުރައްވާފައި ވެއެވެ. އަދި ބިލް ދެގުނަ ބޮޑުވުން އެކަށީގެންވާ ކަމަށްވެސް ފަހުމީ ވިދާޅުވި އެވެ.

އެއާއެކު، އޭނާ ވަނީ ފާއިތުވީ އަހަރުތަކުގައިވެސް ހޫނުގަދަ މަސްތަކުގައި ކަރަންޓް ބިލް ބޮޑުވިކަން ފާހަގަކުރައްވާފަ އެވެ. ކަން މިހެން އޮތުމާއެކު، ކަރަންޓް އިގްތިސާދުކުރުމަށް ފަހުމީ ވަނީ ރައްޔިތުންނަށް އިލްތިމާސް ކުރައްވާފަ އެވެ. އަދި އިންސިއުލޭޝަން ބޮޑުކުރުމުންވެސް ކަރަންޓް ކޮންޒަމްޕްޝަން ކުޑަވެދާނެކަން ފަހުމީގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފަ އެވެ.

މީގެ 10 ވަރަކަށް އަހަރު ކުރިން އުޅުނު ދިރިއުޅުމުގެ ވައްޓަފާޅި ތަފާތުކަން ފާހަގަކުރައްވާ ފަހުމީ ވިދާޅުވީ، މިހާރުގެ ގެތަކުގައި ލިފްޓް ބޭނުން ކުރުމާއި، ގިނަ ގެތަކެއްގެ ސިޓިން ރޫމުގައި އޭސީ ހަރުކޮށްފައި ހުންނަ ކަމަށެވެ. އެހެންކަމުން އޭސީ 25 އަށްވުރެ ފިނި ނުކުރުމަށް ފަހުމީ އިލްތިމާސްކުރެއްވި އެވެ.

“އަޅުގަނޑުމެންގެ ހިސްޓްރީ ޕެޓާން މިހިރަ ގޮތުންވެސް، މި މަހު އެކަންޏެއް ނޫން، މި އަންނަ މަހުވެސް އަޅުގަނޑުމެންނަށް މި ފޯކާސްޓް ދައްކާގޮތުން ކަރަންޓް ބިލް ބޮޑުވާނެކަމަށް އަޅުގަނޑުމެން މި ބަލަނީ. އެއީ މޫސުމަށް މި އަންނަ ބަދަލުތަކާއި، އަޅުގަނޑުމެންގެ މިވަގުތު ޕީކް ހުރި ގޮތުގެ ޕެޓާންއަށް ބަލާލާއިރު އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ މިއަންނަ މަހުގެ ބިލްވެސް ކުޑަވެދާނެކަމަކަށް”

ފަހުމީ ވިދާޅުވީ، ރައްޔިތުންނަށް ލުއިދިނުމުގެ ގޮތުން ރަމަޟާން މަހުގެ ބިލަށް ޑިސްކައުންޓް ދިނުމުގައި ސްޓެލްކޯއިން އެންވަޔަރަންމަންޓް މިނިސްޓްރީއާއި މަޝްވަރާ ކުރަމުންދާ ކަމަށެވެ.

ސްޓެލްކޯއިން ނިމިދިޔަ ފަސް އަހަރު ކުރިއަށްގެންދިޔަ މަސައްކަތްތަކާއި ބެހޭގޮތުން ކުރެވުނު ސުވާލަށް ޖަވާބުދެއްވަމުން ފަހުމީ ވިދާޅުވީ ވަރަށް މަދު ރަށްރަށުގައި ނޫނީ ވޭތުވެދިޔަ ފަސް އަހަރު ތެރޭ ކެޕޭސިޓީ އިތުރުކުރުމަށް އެއްވެސް ޕްރޮޖެކްޓެއް ސްޓެލްކޯއިން ހިންގާފައި ނުވާ ކަމަށެވެ. އެހެންކަމުން ހުޅުމާލޭ، ތިލަފުށި އަދި ގުޅީފަޅުގައި ކަރަންޓްގެ ކެޕޭސިޓީ އިތުރުކުރުމަށް ސްޓެލްކޯއިން މިހާރު މަސައްކަތް ކުރަމުންދާ ކަމަށް ފަހުމީ ވިދާޅުވި އެވެ.

“3-4 ދިމާލަކަށް ޕަވާ ޕްލާންޓް ބަހާލަން ވިސްނަނީ. ގުޅީފަޅާއި މާލެއާއި އެއްވިއުގައަކުން. އެއާއެކު، މާލޭގައި ޕަވާ ޝޯޓޭޖެއް ކުރިމަތިނުވާނެ”

މާލޭގެ ކަރަންޓް ނެޓްވޯކަކީ 20 އަހަރުވީ ނެޓްވޯކަށްވީތީ މާލޭގައި ގިނަފަހަރާއި ކަރަންޓް ކަނޑަން ޖެހޭ ކަމަށް އޭނާ އޮޅުންފިލުވާދެއްވި އެވެ. އެކަމަކު، މަގުތައް ހެދުމާއިއެކު މި މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދެވިދާނެ ކަމަށް ފަހުމީ ވިދާޅުވި އެވެ.

6
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top