ކްރިކެޓް ވޯލްޑްކަޕްގައި ރޭ ކުޅުނު މެޗުގައި މުބާރާތް ބާއްވާ ގައުމު އިންގްލެންޑް ހައިރާންކޮށްލުމަށްފަހު 14 ލަނޑުން މޮޅުވެ ޕާކިސްތާނުން މުބާރާތުގައި ކުރިއަށްދިއުމުގެ އުއްމީދުއާކޮށްފިއެވެ.

މި މުބާރާތުގައި ޕާކިސްތާން ކުޅުނު ފުރަތަމަ މެޗުގައި ވެސްޓް އިންޑީޒްއާ ދެކޮޅަށް ކުޅެ 107 ލަނޑަށް ހުރިހާ ކުޅުންތެރިން ނުބައިވިއިރު އެ މެޗުގައި ދެއްކި ދަށް ކުޅުމުގެ ސަބަބުން ޓީމުގެ ފެންވަރާއި މެދު ސުވާލުއުފެދޭކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުންތައް އެ ޓީމަށް ވަނީ އަމާޒުވެފައެވެ.

ނޮޓިންހަމްގައި ރޭ ކުޅުނު މެޗުގައި އިންގްލެންޑަށް ޓޮސް ދިމާވުމުން ގަސްދުކުރީ ހޮވަން އަރާށެވެ. ޕާކިސްތާނުން ކުޅެން އަރައި 50 އޯވަރުގެ ތެރޭގައި އަށް ކުޅުންތެރިން ނުބައިވެގެން 348 ލަނޑުހެދިއެވެ. ޕާކިސްތާނުން އެންމެ މޮޅަށް ކުޅުނީ 62 ބޯޅައިން 84 ލަނޑުހެދި މުހައްމަދު ހަފީޒް އާއި 63 ލަނޑުހެދި ބާބަރު އާޒަމް އެވެ. މީގެއިތުރުން، 44 ބޯޅައިން 55 ލަނޑުހެދި ސަރްފަރާޒް އަހުމަދުގެ ކުޅުންވެސް ފާހަގަކޮށްލެވެއެވެ. މި އިނިންގްސްގައި އިންގްލެންޑްގެ އޯލްރައުންޑަރުންކަމަށްވާ މޮއީން އަލީ އާއި ކްރިސް ވޯކްސް ކުރެން ކޮންމެ ކުޅުންތެރިއެއް ތިން ވިކެޓްނެގިއިރު މާކް ވުޑް ދެ ވިކެޓްނެގިއެވެ.

އިންގްލެންޑުން ޖަވާބުގައި ކުޅެން އަރައި 50 އޯވަރުގެ ތެރޭގައި ނުވަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 334 ލަނޑެވެ. މި އިނިންގްސްގައި އެ ޓީމުގެ ޖޯ ރޫޓް އާއި ޖޮސް ބަޓްލާގެ ފަރާތުން ސެންޗަރީއެއް ފެނިގެންދިޔައިރު ކެޕްޓަން އޮއިން މޯގަން ނުބައިވީ ނުވަ ލަނޑަށެވެ. ޕާކިސްތާންގެ ވަހާބް ރިއާޒް ތިން ވިކެޓްނެގިއިރު މުހައްމަދު އާމިރު އާއި ޝަޑާބް ޚާން ކުރެން ކޮންމެ ކުޅުންތެރިއެއް ދެ ވިކެޓްނެގިއެވެ. 

މި މެޗުގައި 75 ބޯޅައިން ހެދި ސެންޗަރީއާއެކު ބަޓްލާ ވަނީ ވޯލްޑްކަޕް މުބާރާތެއްގައި އެންމެ އަވަހަށް ސަތޭކަ ލަނޑުހަމަކުރި އިންގްލެންޑްގެ ކުޅުންތެރިޔާގެ ގޮތުގައި ތާރީޚުން ޖާގަ ހޯދައިފައެވެ. މީގެއިތުރުން، އޭނާ ހެދި ސެންޗަރީއަކީ މިހާތަނަށް ވޯލްޑްކަޕްގައި ހެދި ފަސްވަނަ އަށް އެންމެ އަވަސް ސެންޗަރީއެވެ.

މެޗަށްފަހު ޕާކިސްތާންގެ އޯލްރައުންޑަރު ހަފީޒް ބުނީ ފުރަތަމަ މެޗުގައި ވެސްޓް އިންޑީޒް އަތުން އެހާ ބޮޑު ތަފާތަކުން ބަލިވުމުން ހުރިހާ ކުޅުންތެރިންނަށްވެސް އެ މެޗުގައި ދެއްކުނީ ދަށް ކުޅުމެއްކަމާއި މުބާރާތުގައި ކުރިއަށްދިއުމަށް ބޭނުންވާނަމަ ދެން ހުރި މެޗުތަކުގައި ރަނގަޅު ކުޅުމެއް ދައްކަންޖެހޭނެކަމަށް ޤަބޫލުކުރެވުނެކަމަށެވެ.

"އެ މެޗަށްފަހު ޓީމުގެ ހުރިހާ ކުޅުންތެރިން ބައްދަލުކުރުމަށްފަހު ކުރިއަށް ހުރި މެޗުތަކުގައި އެމީހެއްގެ ޒިންމާ ފުރިހަމައަށް އަދާކުރުމަށް އަޒުމް ކަނޑައެޅިން. އޭގެ ނަތީޖާ މި މެޗުން ފެނިގެންދިޔައީ. މިއީ ހަގީގީ ޕާކިސްތާންގެ ކުޅުމަކީ." ހަފީޒް ބުންޏެވެ.

އިއްޔެގެ މެޗާއި ހަމައަށް ޕާކިސްތާން ވަނީ އެއްދުވަހުގެ ބައިނަލްއަގްވާމީ ސިލްސިލާގައި އެންމެފަހުން ކުޅުނު 11 މެޗުންވެސް ބަލިވެފައެވެ. އެގޮތުން، އެ ޓީމު އެންމެފަހުން އިންގްލެންޑްއާ ދެކޮޅަށް އެގައުމުގައި ކުޅުނު ސިލްސިލާ އިން ވެސް ބަލިވީ 4-0 އިންނެވެ.

މި މުބާރާތުގައި މިއަދު ކުޅޭ މެޗުގައި ސްރީ ލަންކާއާ ދެކޮޅަށް އަފްގާނިސްތާން ނިކުންނައިރު، ފޭވަރިޓެއްގެ ގޮތުގައި ބެލެވޭ އިންޑިއާގެ ފުރަތަމަ މެޗުގައި މާދަމާ ނިކުންނާނީ ދެކުނު އެފްރިކާއާ ދެކޮޅަށެވެ.

މިދިޔަ މަހުގެ 30 ވަނަ ދުވަހުން ފެށިގެން އިންގްލެންޑްގައި މިހާރު ކުރިއަށްދާ މި މުބާރާތުގައި މިފަހަރު 10 ޓީމެއް ވާދަކުރާއިރު ސެމީ ފައިނަލަށް ހޮވޭނީ ލީގު އުސޫލުން އެއް ބުރު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމެވެ. ފައިނަލް މެޗު އޮންނާނީ ލަންޑަންގެ ލޯޑްސްގައި ޖުލައި މަހުގެ 14 ވަނަ ދުވަހުއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *