ފީފާ އިން އަހަރުގެ މޮޅު ކުޅުންތެރިޔާ އަށް ދޭ ފީފާ ދަ ބެސްޓް ގެ މަގާމް ރެކޯޑް ހަވަނަ ފަހަރަށް އާޖެންޓީނާ އަދި ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ހޯދައިފިއެވެ.

މީގެ ކުރިން އޭނާ މި އެވޯޑް ހޯދާފައިވަނީ 2009، 2010، 2011، 2012 އަދި 2015 ވަނަ އަހަރު އެވެ. ފީފާއިން ދޭ މޮޅު ކުޅުންތެރިޔާގެ އެވޯޑް 2010 އިން 2015 ވަނަ އަހަރާ ހަމައަށް ދެމުން އައީ ފްރާންސް ފުޓްބޯލްގެ ބެލޮންޑިއޯ އެވޯޑާ އެއްކޮށްލައިގެންނެވެ. ފީފާ ބެސްޓް އެވޯޑްސް ދޭން ފެށީ 2016 ވަނަ އަހަރު އެވެ. މިއީ އެ ނަމުގައި ދޭން ފެށި ފަހުން މެސީ އަށް ލިބުނު ފުރަތަމަ ފަހަރެވެ.

މެސީ މި އެވޯޑް ހާސިލްކުރީ، ޔުއެފާގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު ލިވަޕޫލް އަދި ނެދަލެންޑްސްގެ ޑިފެންޑަރު ވާޖިލް ވެން ޑައިކް އާއި ޔުވެންޓަސް އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ފަހަތަށް ޖައްސާލުމަށްފަހުގައެވެ.

އުމުރުން 32 އަހަރުގެ މެސީ އަށް އެއްވަނަ ލިބުނީ 46 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނަ އަށް ދިޔައީ 38 ޕޮއިންޓާއެކު ވެން ޑައިކް އެވެ. އަދި ތިންވަނަ ހޯދީ 36 ޕޮއިންޓާއެކު ރޮނާލްޑޯ އެވެ.

މެސީ ވަނީ ބާސެލޯނާއާ އެކު ވޭތުވެދިޔަ ފަސް ސީޒަނުގައި ހަތަރުވަނަ ފަހަރަށް ސްޕެނިޝް ލީގު އަދި ސުޕަ ކަޕް ކާމިޔާބުކޮށް، ޗެމްޕިއަންސް ލީގުގައިވެސް މޮޅު ކުޅުމެއް ދައްކާފައެވެ. ހިތްދަތިގޮތަކަށް ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި ލިވަޕޫލް އަތުން ބަލިވިނަމަވެސް އެ މުބާރާތުގައި ކާމިޔާބުކުރި 12 ގޯލާއެކު އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިއަކީ ވެސް މެސީ އެވެ. މީގެއިތުރުން، ނިމިދިޔަ ސީޒަނުގައި ކުޅުނު 50 މެޗުގައި މެސީ ވަނީ ޖުމްލަ 51 ގޯލް ޖަހާފައެވެ.

ޔުއެފާގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ވެން ޑައިކް ވަނީ ނެދަލޭންޑްސްއާ އެކު ޔުއެފާ ނޭޝަންސް ލީގުގެ ފައިނަލަށް ދަތުރުކޮށްފައެވެ. އަދި ލިވަޕޫލަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފައިވާއިރު، އިނގިރޭސި ޕްރިމިއާ ލީގުގެ ރަނަރަޕް މަގާމް އެ ޓީމުން ހޯދިއިރު އޭނާ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

ދެން ހިމެނޭ ޕޯޗުގަލްގެ ތަރި ރޮނާލްޑޯ ވަނީ އެ ޓީމާ އެކު ނޭޝަންސް ލީގު ކާމިޔާބުކުރުމުގެ އިތުރުން ޔުވެންޓަސްއާ އެކު އިޓާލިއަން ސެރިއޭ އަދި ސުޕަ ކަޕް ވެސް ހޯދާފައެވެ.

މިލާންގައި ރޭ ބޭއްވި ހަފްލާގައި ފީފާ ދަ ބެސްޓް ވިމެންސް ޕްލޭޔާ އޮފް ދި އިޔާގެ މަގާމް ހޯދީ އެމެރިކާގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމަށް މި އަހަރުގެ ފީފާ ވިމެންސް ވޯލްޑްކަޕް ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި މޭގަން ރެޕީނޯ އެވެ. މި އެވޯޑަށް ރެޕީނޯއާ އެންމެ ގާތުން ވާދަކުރީ އެމެރިކާގެ އަލެކްސް މޯގަން އާއި އިންގްލެންޑްގެ ލުސީ ބްރޯންޒް އެވެ. އެންމެ މޮޅު ވިމެންސް ކޯޗަކީ އެމެރިކާގެ ޖިމް އެލިސް އެވެ.

އަހަރުގެ އެންމެ މޮޅު މެންސް ކޯޗަކަށް ލިވަޕޫލްއާ އެކު ޔުއެފާ ޗެމްޕިއަންސް ލީގު އުފުލާލި ޖަރުމަންގެ ޔާގެން ކްލޮޕް ހޮވުނުއިރު، އޭނާއާ މި އެވޯޑަށް ވާދަކުރީ ޓޮޓެންހަމް ހޮޓްސްޕާގެ މައުރީސިއޯ ޕޮޗެޓީނޯ އާއި މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އެވެ.

އެންމެ މޮޅު ގޯލްކީޕަރަކަށް ލިވަޕޫލަށް ކުޅެމުން އަންނަ ބްރެޒިލްގެ އެލިސަން ބެކާ ހޮވުނުއިރު، އެންމެ މޮޅު އަންހެން ގޯލްކީޕަރަކީ ނެދަލެންޑްސްގެ ސަރީ ވެން ވީނަންޑާލް އެވެ.

ފީފާގެ ފިފްޕްރޯ މެންސް ވޯލްޑް އިލަވެންގައި ހިމެނެނީ އެލިސަން، ސާޖިއޯ ރާމޯސް، މާސެލޯ، މަތައިސް ޑި ލިޓް، ވެން ޑައިކް، ލޫކަ މޮޑްރިޗް، ފްރެންކީ ޑި ޔޮން، މެސީ، އެޑެން ހަޒާޑް، ކިލިއަން އެމްބާޕޭ އަދި ރޮނާލްޑޯ އެވެ.

ފިފްޕްރޯ ވިމެންސް ވޯލްޑް އިލަވެންގައި ހިމެނެނީ، ވެން ވީނެންޑާލް، ވެންޑީ ރެނާޑް، ބްރޯންޒް، ކެލީ އޮ ހާރާ، ނިލާ ފިޝާ، އެމަންޑީން ހެންރީ، ރޯޒް ލަވެލް، ޖުލީ އާޓްޒް، އެލެކްސް މޯގަން، ރެޕީނޯ އަދި މާރްތާ އެވެ.

އެންމެ މޮޅު ގޯލަށް ދޭ ޕުސްކަސް އެވޯޑް ލިބުނީ ޑެބްރެޗެންގެ 18 އަހަރުގެ ކުޅުންތެރިޔާ ޑެނިއަލް ޒޯރީ އަށެވެ. އޭނާ އަށް އެވޯޑް ލިބުނީ ހަންގޭރީގެ ލީގުގައި ފެރެންސްވަރޮސް ކޮޅަށް އޯވަހެޑް ކިކަކުން ކާމިޔާބުކުރި ގޯލަށެވެ. އޭނާއާ ދެން ވާދަކުރީ މެސީ އާއި ރިވަ ޕްލޭޓްގެ ޖޮނަތަން ކުއިންޓޭރޯއާ އެވެ. 

ފެއާ ޕްލޭ އެވޯޑް ލިބުނީ މާސެލޯ ބިއެލްސާ އާއި އޭނާ ކޯޗުކޮށްދޭ ލީޑްސް ޔުނައިޓެޑަށެވެ. އެއީ މިދިޔަ ސީޒަނުގައި އިނގިރޭސި ޗެމްޕިއަންޝިޕްގައި އެސްޓަން ވިލާއާ ދެކޮޅަށް ލީޑްސް ކުޅުނު މެޗުގައި އެ ޓީމުގެ ކުޅުންތެރިއަކަށް އަނިޔާވެގެން ދަނޑުމަތީގައި ވެއްޓިފައި އޮއްވައި ލީޑްސް އިން ލަނޑު ޖެހުމުން ބިއެލްސާ، އެސްޓަން ވިލާ އަށް ލަނޑެއް ޖަހަން ދޫކޮށްލަން ލީޑްސްގެ ކުޅުންތެރިންނަށް އަންގާފައިވާތީވެ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.