ޚަބަރު
ބިދޭސީން ނިޒާމުގެ ތެރެއަށް ގެނައުމަށް ހާއްސަ އޮޕަރޭޝަނެއް މިއަދު ފަށައިފި
ފޮޓޯ: އަވަސް

ހޯމް މިނިސްޓްރީން އިސްނަގައިގެން އަންޑޮކިއެމެންޓެޑް ބިދޭސީން ނިޒާމުގެ ތެރެއަށް ގެނައުމަށް ހާއްސަ އޮޕަރޭޝަނެއް މިއަދު ފަށައިފި އެވެ.

“އޮޕަރޭޝަން ކުރަނގި”ގެ ނަމުގައި މިއަދު ކ. ހިންމަފުށީގައި ފެށި މި އޮޕަރޭޝަނުގެ ދަށުން ރާއްޖޭގައި ގަވާއިދާ ހިލާފަށް ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިން ނިޒާމުގެ ތެރެއަށް ގެނައުމަށް ހާއްސަ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވެއެވެ.

ހޯމް މިނިސްޓްރީން ފެށި މި މަސައްކަތުގައި މޯލްޑިވްސް ޕޮލިސް ސާވިސްއާއި މޯލްޑިވްސް އިމިގްރޭޝަނުން އެކީގައި މަސައްކަތް ކުރާނެ އެވެ.

މި ހަފްތާގައި ކުރިއަށްގެންދިޔަ “އަހާ” ފޯރަމްގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ އަހަރެއް ތެރޭ ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންގެ 10 އިނގިލީގެ ނިޝާނާއި ފޮޓޯ ހަމަކުރާނެ ކަމަށެވެ. މި ފޯރަމްގައި ބިދޭސީންގެ މައްސަލަ ހައްލުކުރުމާއި ގުޅޭގޮތުން ކުރެވުނު ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، އެ މައްސަލައަށް ދާއިމީ ހައްލުތަކެއް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންގެންދާކަމަށެވެ. އެގޮތުން ބިދޭސީންގެ މައުލޫމާތުތައް ހިއްސާކުރަންޖެހޭ ހުރިހާ އިދާރާއަކަށް މިހާރު ބިދޭސީންނާއި ގުޅޭ މައުލޫމާތުތަކުގެ އެކްސަސް ދީފައިވާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރަށްވެސް، އެކި ބާވަތުގެ ކުށްތަކަށް އަރައިގަންނަ ބިދޭސީންނަށް ދެވަނަ ފަހަރަށް ރާއްޖެ ނާދެވޭނެ ކަމުގެ ޔަގީންކަން މިނިސްޓަރު އިހުސާން ދެއްވަވާފައި ވެއެވެ. އަދި އެފަދަ ބިދޭސީން 48 ގަޑިއިރު ތެރޭގައި ޑީޕޯޓް ކުރާނެ ކަމަށްވެސް މިނިސްޓަރު އިހުސާން މައުލޫމާތު ދީފައި ވެއެވެ.

ބިދޭސީން ރެގިއުލޭޓް ނުވެ، ރާއްޖޭގައި ބިދޭސީންގެ އާބާދީ މަދުނުވުމަކީ ރާއްޖޭގައި ބޮޑުވެފައިވާ މައްސަލައެކެވެ. އަދި ރާއްޖޭގައި ދިރިއުޅޭ އަންޑޮކިއުމެންޓެޑް ބިދޭސީންވެސް ވަނީ ކަންބޮޑުވާންޖެހޭ މިންވަރަށް ގިނަވެފަ އެވެ. އެކަމަށް އިޝަރަތްކުރައްވާ މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތްތަނުގައިވެސް އެކި ކަހަލަ މަސައްކަތްތަކަށް ރާއްޖެ އަންނަ ބިދޭސީންގެ އަދަދުތައް އިތުރުވާނެކަމަށް ބެލެވިފައިވާ ކަމަށެވެ. އެކަމަށް ބަލާ ނިޒާމް ހަރުދަނާ ކުރުމަށް ހުރިހާ އިދާރާއެއް ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

12
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top