ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުގައި ރަށުން ބޭރުގައި ކަރީމް ބެންޒެމާ ވައްދާލި ގޯލާއެކު ސެވިއްޔާ ބަލިކޮށް ރެއާލް މެޑްރިޑުން ތާވަލްގެ ދެވަނަ އަށް ޖެހިލައިފިއެވެ. ރެއާލުން ރޭގެ މެޗު ކާމިޔާބުކުރީ 1-0 އިންނެވެ.

ރޭގެ ނަތީޖާއާއެކު، ތާވަލްގެ އެންމެ ކުރީގައި އުޅޭ އެތުލެޓިކް ބިލްބާއޯއާ އެއްވަރަށް ރެއާލަށް ފަސް މެޗުން 11 ޕޮއިންޓް ލިބިފައިވާއިރު، ބިލްބާއޯ އަށް ކުރިލިބެނީ ގޯލްގެ ތަފާތުންނެވެ. ތިންވަނައިގައި އޮތް ގްރަނާޑާ އާއި ހަތަރުވަނައިގައި އޮތް ރެއާލް ސޮސިއެޑާޑްގެ އިތުރުން ފަސްވަނައިގައި ސެވިއްޔާ އަދި ހަވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ލިބިފައިވަނީ 10 ޕޮއިންޓެވެ. އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ މިވަގުތު އޮތީ ތާވަލްގެ އަށްވަނައިގައެވެ.

މިދިޔަ ހަފްތާގައި ޔުއެފާ ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އަތުން 3-0 އިން ބަލިވުމުން ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާނަށް ޕްރެޝަރުބޮޑުވެފައިވާ މި ދަނޑުވަޅުގައި ރޭގެ މެޗުގައި އެ ޓީމުގެ ކުޅުންތެރިން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. ހާއްސަކޮށް އެ ޓީމުގެ ކެޕްޓަން ސާޖިއޯ ރާމޯސް އެނބުރި ޓީމާ ގުޅިފައިވުމުން ޑިފެންސްލައިން ފެނުނީ ވަރަށް އިތުބާރާއެކު ކުޅެމުންދިޔަ ތަނެވެ.

ރޭގެ މެޗުގައި ޖެހި ހަމައެކަނި ލަނޑު، މެޗުގެ 64 ވަނަ މިނެޓުގައި ކާމިޔާބުކުރީ މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ބެންޒެމާ އެވެ. މިއީ އެ ޓީމުގެ ފުލްބެކް ޑެނީ ކަރްވަހާލް ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ވަރަށް ރީއްޗަށް ބޮލުން ފޮނުވާލައިގެން ބެންޒެމާ ކާމިޔާބުކުރި ގޯލެކެވެ. މިއީ ލީގުގައި އޭނާ ކާމިޔާބުކުރި ފަސްވަނަ ގޯލެވެ. މި މެޗުގައި ރެއާލްގެ އެޑެން ހަޒާޑް އާއި ގަރެތު ބޭލް ފޮނުވާލި ގިނަ ހަމަލާތަކެއް ސެވިއްޔާގެ ގޯލްކީޕަރު ތޯމަސް ވަސްލިކް ވަނީ މަތަކޮށްފައެވެ.

މިއީ ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި ސެވިއްޔާގެ ދަނޑުގައި ރެއާލް މޮޅުވި ފުރަތަމަ މެޗެވެ. އޭގެކުރީން ކުޅުނު ގިނަ މެޗުތަކުގައި ރެއާލަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާންޖެހިފައެވެ.

މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، އެސްޕަންޔޯލް އަތުން 3-1 އިން ސޮސިއެޑާޑް މޮޅުވިއިރު، ލެގަނޭސް ވަނީ ރަށުން ބޭރުގައި 1-1 އިން ވެލެންސިއާ އާ އެއްވަރުކޮށްފައެވެ. މީގެއިތުރުން، ބިލްބާއޯ ވަނީ 2-0 އިން އަލަވެސް ބަލިކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.