ސްޓެލްކޯއަށް އަމިއްލަ ކުންފުންޏަކުން ސަޕްލައިކޮށްދިން ފޯކްލިފްޓެއް ބަލައިގަތުމަށް ދެކޮޅު ހަދައި، އެ ފޯކްލިފްޓް ސްޓެލްކޯގެ އިމާރާތުން ނެރުމަށް ހުށަހެޅި މައްސަލާގައި ސްޓެލްކޯއާ ދެކޮޅަށް ކޮށްފައިވާ ހުކުމް ސުޕްރީމް ކޯޓުން ވެސް ދަމަހައްޓައިފިއެވެ.
ސްޓެލްކޯއާއި ސެންޓަ އެންޓަޕްރައިޒަސްއާ 2010 ވަނަ އަހަރު ހެދި އެއްބަސްވުމެއްގެ ދަށުން ސެންޓަ އެންޓަޕްރައިޒަސްއިން ވަނީ ސްޓެލްކޯއަށް ފޯކްލިފްޓް ސަޕްލައިކޮށް ސްޓެލްކޯގެ އިމާރާތުގައި ބަހައްޓާފަ އެވެ. ނަމަވެސް އެއީ އެއްބަސްވުމުގައިވާ ގޮތަށް ހަ ޓަނުގެ ފޯކްލިފްޓެއް ނޫން ކަމަށާއި އެއީ 4.6 ޓަނުގެ ފޯކްލިފްޓެއް ކަމަށް ބުނެ ފޯކްލިފްޓް ބަލައިނުގަނެ ފައިސާ ދެއްކުމަށް ސްޓެލްކޯއިން ވަނީ ދެކޮޅު ހަދާފައެވެ.
ހައި ކޯޓުން ކުރި ހުކުމް ސްޓެލްކޯގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަގާއި ސުޕްރީމް ކޯޓުން އަންގާރަ ދުވަހު ކުރި ހުކުމުގައި ވަނީ ސްންޓަ އެންޓަ ޕްރައިޒަސްއިން ޝަރީއަތަށް ހުށަހެޅި ލިޔެކިޔުންތަކާއި ހެކިތަކުގެ މައްޗަށް ބިނާކޮށް އެއީ ހަ ޓަނުގެ ފޯކުލިފްޓެއް ކަން އެނގޭ ކަމަށެވެ.
ހުކުމުގައިވާ ގޮތުން ސްޓެލްކޯ އިން އެކްސްޕާޓެއްގެ ގޮތުގައި ޝަރީއަތަށް ހުށަހެޅި ފަރާތުން ވެސް، އެއީ ހަ ޓަނުގެ ފޯކްލިފްޓެއް ކަމަށް ބަޔާން ދީފައިވެ އެވެ. އެހެންވެ، ސެންޓަ އެންޓަ ޕްރައިސަސްއިން ގެނެސްދިނީ އެއްބަސްވުމުގައި ބަޔާން ކޮށްފައި ނެތް ފަދަ ފޯކްލިފްޓެއް ކަން ސާބިތުނުވާ ކަމަށް އެ ހުކުމުގައިވެއެވެ.
އެ މައްސަލަ ބެއްލެވީ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ފަނޑިޔާރު އަބްދުﷲ އަރީފްގެ އިތުރުން ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ.