ދުނިޔެއަކީ އެނބުރޭ ވަހުތާނެކެވެ. ކޮންމެ ދުވަހަކު ދުނިޔެ ދައްކަނީ ތަފާތު ކުލައެކެވެ. ތަފާތު މަންޒަރެކެވެ. ދުނިޔޭގައި އުޅޭއިރު ތަފާތު މީހުންނާއި ދިމާވާނެއެވެ. ހިތްހެޔޮ މީހުންނާއި ރުޅިގަދަ މީހުންނެވެ. މޮޔައިންނާއި ލަދުވެތި މީހުންނެވެ. މިއިން ކޮންމެ މީހަކީވެސް އެމީހެއްގެ ފަރާތުން ތިމާއަށް ކޮންމެވެސް ފިލާވަޅެއް ލިބޭނެ މީހެކެވެ.

ފައިސާވެރިންނާއި މަހުޖަނުންގެ އަރިސް މީހުންނާއި، ރަށްޓެހިން ގިނަކަން އެއީ އެންމެން ދަންނަ ހަޤީޤަތެކެވެ. ދެރަ ނިކަމެތި މީހާ ކިތަންމެ ހާލެއްގައި އުޅުނަސް ރުހުމުގެ ލޮލަކުން ބަލާލާނެ މީހެއްވެސް ގިނަ ފަހަރު ނުވެއެވެ. އެބައިމީހުންނަށް ގިނަ ފަހަރު ކުރިމަތިވަނީ މީހުންގެ މަލާމާތާއި ފުރައްސާރައެވެ. ކީއްވެތޯއެވެ؟ ތަނަވަސް ނުވީމައެވެ. އަތުގައި މާލު ނެތީމައެވެ.

ދެން އޮތީ ކެހިވެރި، ނަމަވެސް އެކުވެރި ރަހުމަތްތެރިންގެ ވާހަކައެވެ. ތިމާވަރެއް ނެތިގެން ތިމާ ހުންނަ ތަންތާނގައި އުޅެދާނެއެވެ. ތިމާގެ ފަހަތުގައި ހިޔަންޏެއް ފަދައިން ވެދާނެއެވެ. ތިމާ ކުރާ ކަންކަމުގައި އެއްބާރުލުންވެސް ދީފާނެއެވެ. ނަމަވެސް ގިނަ ފަހަރަށް އެފަދަ މީހުންނަކީ ހިޔަޅު ރަށްޓެހިންނެވެ. އެމީހުންގެ ކޮންމެވެސް އަމިއްލަ އެދުމެއް އޮންނާނެއެވެ. އެންމެ ކައިރީގައި މަޖަލާއި ސަކަރާތުގައި އުޅެފައި ފަހު ވަގުތު ތިމާގެ ގަޔަށް އެ ރަށްޓެހިން ކަށި ޖަހާފާނެއެވެ. ގިނަ ފަހަރަށް އެފަދަ ރަށްޓެހިން ޖަހާ ކަށީގެ ވޭނަކީ އުމުރު ދުވަހު އެވޭނެއް ތަހައްމަލު ކުރަން ޖެހިދާނެ ފަދަ ވޭނެކެވެ. އެހެނީ ތިމާއަށް ގެއްލުމެއް ދޭނެ އެންމެ މޮޅު ގޮތްވެސް އެނގޭނީ ތިމާގެ ކައިރީގައި އުޅޭ މީހުންނަށް ކަމަށް ވުމުންނެވެ. ނަމަވެސް ކޮންމެ ރަށްޓެއްސަކީ އެ ފަދަ ހިޔަޅަކަށް ނުވެދާނެއެވެ. ބައެއް ރަށްޓެހިންނަކީ ހަޤީޤަތުގައިވެސް ހިތްތިރި އޯގާތެރި ރަށްޓެހިންނެވެ. އެމީހުންގެ އޮންނާނީ ފިނި ހިތެކެވެ. އެމީހުންގެ ވިސްނުން ހުންނާނީ ތިމާއަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ކޮންމެ ދަނޑިވަޅެއްގައި އެހީތެރިކަން ފޯރުކޮށްދިނުމެވެ. އެފަދަ ރަށްޓެހިންނަކީ ތިމާގެ ގުނަވަނެއް ފަދަ ބައެކެވެ. އެގުނަވަނުގައި ވޭން އަޅައިފިނަމަ އެ ރަށްޓެހިޔާއަށްވެސް އެކަމުގެ ވޭން ތަހައްމަލު ކުރެވޭނެއެވެ.

ދުނިޔޭގައި އުޅޭއިރު ހެޔޮލަފާ ރަށްޓެހިން އިހްތިޔާރު ކުރުމަށް ހާއްސަ އިސްކަމެއް ދޭށެވެ. އަހިވަކަކާއި ޖެހި އަހިވަކެއް ފާވާ ބީދައިން ގޯސް ރަށްޓެހިންނާއި އެކުގައި ނޫޅޭށެވެ. ކަނބުރު ގެއަކަށް ވަދެއްޖެ ނަމަ އަޅިބުރާނޭ ބުނާ ފަދައިން ގޯސް ރަށްޓެހިން މަގަތުގައި ނުގެންގުޅޭށެވެ. ގޯސް ރަށްޓެހިންނާއި އެކުގައި އުޅެނީނަމަ ދުނިޔޭގެ ލަދުގައި ތިމާގެ ދުވަސްތައް ކަނޑައްތުކުރަން ޖެހިދާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *