އާގު ބޯޓެއްގައި އޮތް ހާލުބޮޑު ބަލި މީހަކު ސިއްހީ އަވަސް ފަރުވާއަށް، އެމްއެންޑީއެފް ސަދަން އޭރިއާގެ އެހީތެރިކަމާއެކު ސ.ހިތަދޫއަށް ގެންގޮސްދީފިއެވެ.

އެހީތެރިކަން ފޯރުކޮށްދިން ބަލިމީހާއަކީ ވިއެޓްނާމުން ފުރައިގެން ސައުތު އެފްރިކާއަށް ދަތުރުކުރަމުންދިޔަ މަލްޓަރގެ "އެމްވީ ޖޭޑް ޑީ" ނަމަކަށްކިޔާ އާގު ބޯޓެއްގައި އޮތް މީހެކެވެ. 

އެމްއެންޑީއެފް އިން މައުލޫމާތު ދޭ ގޮތުގައި، ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް މި މައްސަލަ ރިޕޯޓު ކޮށްފައިވަނީ، މިމަހުގެ 16 ވަނަ ދުވަހުއެވެ. އަދި ބަލިމީހާގެ މައުލޫމާތު ލިބުމާއެކު ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ހުއްދަ ހޯދައި، މި ބޯޓު ސ.ހިތަދޫގެ ދެކުނުން 2 ނޯޓިކަލް މޭލާއި ހަމައަށް ކައިރިކުރުމުން އެމްއެންޑީއެފް ސަަދަން އޭރިއާގެ ސިފައިން ވަނީ ބޯޓު އޮތް ސަރަހައްދަށް ގޮސް އެ ބަލި މީހާ އެމްއެންޑީއެެފް އުޅަނދަށް ނަގާފައި ކަމަށް އެ ބޭފުޅުން ވިދާޅުވިއެވެ. 

ރޭ 4:45 ހާއިރު އެމްއެންޑީއެފް ކޯސްޓްގާޑްގެ ފާސްޓް އިންޓަސެޕްޓް ކްރާފްޓް "ހަކުރާ" ލޯންޗުގައި ހިތަދޫއަށް ގެންގޮސްދީފައި ވަނީ ފިލިޕީންސްއަށް އުފަން އުމުރުން 49 އަހަރުގެ ފިރިހެނެކެވެ. 

ސިއްހީ އަވަސް ފަރުވާ ދިނުމަށް އެ މީހާ ހިތަދޫއަށް ގެންގޮސްދީފައިވަނީ މެއަށް ތަދެއްއަރައި ނޭވާލާން އުނދަގޫ ވުމުންކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *