ޚަބަރު
މުރަކަ މަރުވުން ހުއްޓުވުމަށް ބިން ހިއްކުމުގެ މަޝްރޫއުތައް މަޑުޖައްސާލަން ޖެހޭ: ތޯރިގު

މުރަކަ މަރުވުން ހުއްޓުވުމަށް ބިން ހިއްކުމުގެ މަޝްރޫއުތައް މަޑުޖައްސާލަން ޖެހޭ ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމަށް މިރޭ ދެއްވި އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ތޯރިގު ވަނީ އީޕީއޭއިން މިކަމާއި ބެހޭގޮތުން މިއަދު ނެރުނު ބަޔާނެއްގެ ވާހަކަ ނަންގަނެފަ އެވެ. މިކަމާއި ބެހޭގޮތުން މިނިސްޓަރު ވިދާޅުވީ މުރަކަ މަރުވުން ހުއްޓުވުމަށް ބިން ހިއްކުމުގެ މަޝްރޫއުތައް 1 މަހުގެ މުއްދަތަކަށް ހުއްޓާލަން ޖެހޭ ކަމަށެވެ. އަދި އެކަމާ ގުޅިގެން މިއަދު އީޕީއޭއިންވެސް ބަޔާނެއް ނެރެފައިވާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އީޕީއޭއިން މިއަދު ނެރުނު ބަޔާނުގައި ވަނީ މިދުވަސްވަރަކީ ކަނޑުތަކުގެ ލޮނުގަނޑުގެ ހޫނުމިން މަތިވުމުގެ ސަބަބުން ފަރުތަކުން ގާހުދުވަމުންދާ ދުވަސްވަރެއް ކަން ފާހަގަކޮށްފަ އެވެ. ގާހުދުވުމުގެ ހާދިސާއެއް އެންމެ ފުރަތަމަ ރާއްޖޭގައި ފެންމަތިވީ 1998 ވަނަ އަހަރު އެވެ. މިފަދަ ހާދިސާއެއް މެދުވެރިވާ ދުވަސްވަރުގައި ފަރުތައް އަލުން އިއާދަވާ މިންވަރު ލަސްވެ، އަދި އިއާދަވުމަށް ހުރަސް އެޅޭނެ ކަމަށް އީޕީއޭއިން މައުލޫމާތުދީފައި ވެއެވެ. ކަންމިހެން އޮތް ހިނދު، ރާއްޖޭގައި ކުރިއަށްގެންދާ ފަޅު ފުންކުރުމާއި ބިން ހިއްކުމުގެ މަސައްކަތްތަކާއި ބީޗް ނަރިޝްމަންޓް މަސައްކަތްތަކަކީ، އެމަސައްކަތްތަކުގެ ސަބަބުން ފަރުތަކުގެ މާހައުލަށް ނޭދެވޭ އަސަރުތައް ކުރާ ކަމެއްކަން އީޕީއޭއިން ފާހަގަކުރި އެވެ. އަދި އެމެރިކާއިން ނެރުނު ސެޓެލައިޓް ރިޕޯޓަށް ރިއާޔަތްކޮށް އީޕީއޭއިން ބުނީ ދިވެހިރާއްޖޭގެ ފަރުތައް އޮތީ “އެލާރޓް ލެވަލް 1” ގައި ކަމަށެވެ.

ގިނަ އަދަދަކަށް ގާހުދުވަމުންދާ ކަމަށް ރިޕޯރޓް ލިބެމުންދާތީ ބައެއް ފިޔަވަޅުތައް މިއަދުން ފެށިގެން 10 ޖޫން 2024 ވަނަ ދުވަހުގެ ނިޔަލަށް އެޅުމަށް ނިންމާފައިވާ ކަމަށް އީޕީއޭއިން އިއުލާންކޮށްފައި ވެއެވެ.

އެގޮތުން ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން ސީދާ އަދި ނުސީދާ ގޮތުން އަސަރުކުރާ މަސައްކަތްތައް އީ.އައި.އޭ އާއި ބިންހިއްކުމާއި ފަޅު ފުންކުރުމުގެ ހުއްދައިގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ވަގުތީ ގޮތުން ހުއްޓާލުމަށް ވަނީ އަންގާފައެވެ. އެގޮތުން ބިންހިއްކުން، ފަޅުކޮނުން، ގޮނޑުދޮށަށް ވެލިއެޅުން، ޕަމްޕު ބޭނުންކޮށްގެން ވެލި ނެގުން، ފަރުމަތީ ހޮޅި އަދި ކޭބަލް އެޅުން، ބަންޑުވޯލް ޖެހުން އަދި މިނޫނަސް މެޝިނަރީ ބޭނުންކޮށްގެން ފަރުމަތީގައި މަސައްކަތް ކުރުން ހުއްޓާލުމަށް ވަނީ އެދިފަ އެވެ.

އަދި މިހާރު ހިނގަމުންދާ މަޝްރޫއުތަކާއި އީ.ޕީ.އޭ އަށް ހުށަހަޅާ އެޕްލިކޭޝަންތަކުގެ ތެރެއިން 10 ޖޫން 2024 ގެ ފަހަށް އެ މަސައްކަތްތަކުގެ ތާވަލް މުރާޖައާކުރުމަށް ވެސް ބަޔާނުގައި ވަނީ އެދިފަ އެވެ.

ދުނިޔޭގެ ކަނޑުތަކުގެ ފިނި ހޫނުމިން ބެލުމަށް، އަދި ކަނޑުތަކުގެ ހޫނުމިން މަތިވުމުގެ ސަބަބުން ފަރުތަކުގެ ގާހުދުވުމުގެ ހާދިސާތައް ކުރިއާލައި ލަފާ ކުރުމަށް އެމެރިކާގެ ނޭޝަނަލް އޯޝިއޭނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަން (NOAA) އިން ހިންގާ “ނޭޝަނަލް އެންވަޔަރަންމަންޓަލް ސެޓަލައިޓް ޑޭޓާ އެންޑް އިންފޮރމޭޝަން ސަރވިސް” ޕްރޮގްރާމުން އެންމެ ފަހުން ނެރެފައިވާ ސެޓަލައިޓް މައުލޫމާތަށް ބަލާއިރު ރާއްޖެ މި ވަގުތު އޮތީ “އެލާރޓް ލެވަލް 1” ގައެވެ. އަދި ރާއްޖޭގެ ގިނަ ސަރަހައްދުތަކަކުން ގާހުދުވާ ކަމުގެ ރިޕޯޓާއި އެކަމާއި ގުޅޭ މަޢުލޫމާތު ދަނީ ލިބެމުންދާ ކަމަށް ވެސް އީޕީއޭ އިން ބުންޏެވެ.

ދިވެހި ރައްޔިތުންގެ ދިރިއުޅުމާއި ސީދާ ގޮތުންނާއި ނުސީދާ ގޮތުން ފަރުތައް ގުޅިލާމެހިފައިވީ ހިނދު، ދުނިޔޭގެ ފިނިހޫނުމިން މަތިވުމާއި ގުޅިގެން މެދުވެރިވާ ހާދިސާތަކުގެ ސަބަބުން ފަރުތަކަށް ކުރާ އަސަރު ކުޑަކުރުމަށް ކުރެވެން އޮތް އެންމެހައި ކަމެއް ކުރުމަކީ ރާއްޖޭގެ ފަރުތަކުގެ ދެމެހެއްޓުމަށާއި، ފަރުތަކުގެ މައްޗަށް ބަރޯސާވާ ރާއްޖޭގެ އިޤްތިޞާދުގެ މައި ދެ ތަނބުކަމަށްވާ ފަތުރުވެރިކަމާއި މަސްވެރިކަމަށް ކޮށްފާނޭ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ނުހަނު މުހިންމު ކަމެއް ކަމަށް އީޕީއޭ އިން ބުނެ އެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top