ޚަބަރު
ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް ޖޫން 5 ގައި ފަށާނެ: ތޯރިގް
އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް---ފޮޓޯ: ދައުރު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް ޖޫން 5 ގައި ފަށާނެ ކަމަށް ތިމާވެށީގެ ވުޒާރާގެ ވަޒީރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ތޯރިގު މިފަދައިން ވިދާޅުވީ މިރޭ ޕީއެސްއެމްއިން ގެނެސްދިން ޕްރޮގްރާމަކަށް ދެއްވި ހާއްސަ އިންޓަވިއުއެއްގަ އެވެ.

މި ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރު ތާރިގު ވިދާޅުވީ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ކުރިއަށްގެންދާނެ ކަމަށެވެ. އަތޮޅު ތެރޭގެ ރަށްރަށުގެ އިތުރުން ރިޒޯޓްތަކުގައިވެސް މި ޕްރޮގްރާމް ކުރިއަށްގެންދާނެ ކަމަށް ތޯރިގު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވައުދުވެ ވަޑައިގެންފައިވަނީ މި ފަސް މިލިއަން ގަސް އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި އިންދުމަށެވެ. ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް ފަށަނީ ޖޫން 5 ގައި ފާހަގަކުރާ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން ނެވެ. މި ޕްރޮގްރާމް ފައްޓަވައިދެއްވާނީ ރައީސް މުއިއްޒުކަމަށް މިނިސްޓަރު ތޯރިގް ވަނީ ވިދާޅުވެފަ އެވެ.

މި މޭރުމުން ވާހަކަދައްކަވަމުން މިނިސްޓަރު ތޯރިގު ވިދާޅުވީ އެންވަޔަރަންމަންޓް މިނިސްޓްރީން 5 މިލިއަން ގަސް އިންދުމުގެ މަޝްރޫއުއަށް ސްކޫލުތަކުގެ ދަރިވަރުން އަހުލުވެރިކުރުމުގެ މަސައްކަތްތައްވެސް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި މަޝްރޫއުއާއި ގުޅޭގޮތުން އިތުރަށް މައުލޫމާތުދެއްވަމުން މިނިސްޓަރު ވިދާޅުވީ ފުރަތަމަ ގަސް އިންދުމަށް ހަމަޖެހިފައިވަނީ 4 ކެޓަގަރީއެއްގެ ދަށުން ކަމަށެވެ. ގަސް އިންދުމުގައި އެންމެ ބޮޑު ސަމާލުކަމެއް ދެއްވާނީ ނެތިގެންދާ ގަސްތައް އާލާ ކުރުވުމަށް ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެއަށްފަހު މޭވާ އަޅާ ގަސްތަކާއި ހިޔާ ލިބޭ ގަސްތަކާއި ބޭސްވެރިކަމަށް ބޭނުންހިފޭނެ ފަދަ ގަސްތައް އިންދުމަށް ކަނޑައަޅާފައިވާ ކަމަށް މިނިސްޓަރު ތޯރިގު މައުލޫމާތު ދެއްވި އެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top