ޚަބަރު
ޒަމީރު އިންޑިއާއަށް: އިހުތިރާމް ލިބޭނެ، ރާއްޖެއަށް ވަޑައިގަންނަވާ

އިންޑިއާގެ ފަތުރުވެރިން ރާއްޖެއަށް ވަޑައިގަތުމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

މިނިސްޓަރު ޒަމީރު މިފަދައިން ވިދާޅުވީ އިންޑިއާގެ ހާރިޖީ ވަޒީރު އެސް.ޖޭ. ޝަންކަރުގެ ދައުވަތަކަށް އިންޑިއާއަށް މީގެ ދެ ދުވަސް ކުރިން ކުރެއްވި ދަތުރުފުޅުގައި އެގައުމުގެ ހާރިޖީ ބޭފުޅުންނާއި ބައްދަލުކުރެެއްވުމުގެ ތެރެއިން ނެވެ.

މިނިސްޓަރު ޒަމީރު މިގޮތަށް ވިދާޅުވެފައިވަނީ މިިދިޔަ އަހަރު ތެރޭގައި ޔޫތް މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީއާއި އެގައުމުގެ ރައްޔިތުންނަށް ބަދުބަސް ރައްދުވާނެ ގޮތަށް މީސް މީޑިއާގައި ދައްކަވާފައިވާ ވާހަކަތަކާއި ބެހޭގޮތުން ދެކެވުނު ވާހަކައެއްގެ ތެރެއިން ކަމަށް އިންޑިއާގެ މީޑިއާއިން ރިޕޯޓްކޮށްފައި ވެއެވެ. އެގޮތުން، އެއީ ދިވެހި ސަރުކާރުން އިންޑިއާއި ދޭތެރޭ ގެންގުޅޭ ސްޓޭންޑެއް ނޫން ކަމަށް ޒަމީރު ވަނީ ތަކުރާރު ކުރައްވާފަ އެވެ. އަދި އެފަދަ އަމަލެއް ތަކުރާރު ނުވާނެ ގޮތަށް ފިޔަވަޅު އަޅުއްވާފައިވާ ކަމަށްވެސް މިނިސްޓަރު ޒަމީރު ޔަގީންކަން ދެއްވާފައި ވެއެވެ. އެއާއެކު، މިނިސްޓަރު ވަނީ އިންޑިއާގެ ފަތުރުވެރިން ރާއްޖެއަށް އައުމަށް އެދިވަޑައިގެންފަ އެވެ.

އިންޑިއާއިން ވަނީ ޗައިނާގެ ރިސާޗް އުޅަނދެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވުމުން އެ އުޅަނދުގެ ހަރަކާތްތައް ގާތުން ބަލާނެ ކަމަށް މީގެ ކުރިން ބުނެފަ އެވެ. އެކަމަށް އިޝާރާތް ކުރައްވާ، މިނިސްޓަރު ޒަމީރު ވަނީ ރާއްޖެއަށް އައި ޗައިނާގެ ރިސާޗް އުޅަނދުން ރާއްޖެ ކަނޑުގައި އެއްވެސް ކަހަލަ ރިސާޗެއް ކުރިއަށް ނުގެންގޮސްފައިވާ ކަމަށްވެސް އިންޑިއާއަށް މައުލޫމާތު ދެއްވާފަ އެވެ. އިކޮނޮމިކް ޓައިމްސްއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ޒަމީރު ވަނީ އިންޑިއާއާއި ރާއްޖެއިން ގުޅިގެން އިންޑިއާ ކަނޑުގެ އަމާންކަން ކަށަވަރު ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

ދެ ގައުމުން ކުރިއަށްގެންދިޔަ މަޝްވަރާގައި ތަރައްގީގެ އެއްބާރުލުމާއި، ފަތުރުވެރިކަމާއި، އިންސާނީ ވަސީލަތްތައް ތަރައްގީކުރުމުގެ ނަޒަރިއްޔާތުތައް ހިމެނޭއިރު، ދެގައުމުގެ އިތުބާރު ހިއްސާކުރާ މަސްލަހަތުގެ މައްޗަށް ބިނާވެފައިވާ ޕާޓްނާޝިޕެއްގެ މައްޗަށް އަލިއަޅުވާލާފައި ވެއެވެ.

މިނިސްޓަރު ޒަމީރު ވަނީ ދެ ގައުމުގެ އިގްތިސާދީ، ވިޔަފާރި، އަދި އިންވެސްޓްމަންޓްގެ ގުޅުންތައް އާލާކޮށް ކުރިއެރުވުމަށް އިންޑިއާއިން ދެއްވާ ވަރުގަދަ އެއްބާރުލުމާއި، ރާއްޖޭގެ އިގްތިސާދީ ކުރިއެރުމުގައި އިންޑިއާއިން އަދާކުރާ ދައުރުގެ އަގުވަޒަން ކުރައްވައިފަ އެވެ. އިންޑިއާއިން ރާއްޖެއަށް ޒަރޫރީ މުދާ އިމްޕޯޓް ކުރުމަށް އެއް އަހަރު ދުވަހުގެ ކޯޓާ އާކޮށްފައިވާއިރު، މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ފޮރިން މިނިސްޓްރީން މި މަޝްވަރާތަކާއި ގުޅޭގޮތުން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

މިނިސްޓަރު ޒަމީރު އިންޑިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅަކީ ދެގައުމުގެ ދެމެދުގައި އޮތް ވަރުގަދަ އެއްބާރުލުމާއި އަހުދު ދައްކުވައިދޭ ކަމެއް ކަމަށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

9
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top