ޚަބަރު
އެމްއެންޔޫ އެސްޔޫގެ އެދުމަށް މެޑިސިން ދަރިވަރުން ދަރުމަވަންތަ ހޮސްޕިޓަލުގައި ކިޔެވޭ ގޮތް ހަދައިފި

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ އިލްތިމާސަށް އިޖާބަދެއްވައި، އެ ޔުނިވާސިޓީގެ ސްކޫލް އޮފް މެޑިސިންގައި ތައުލީމު ހާސިލްކުރާ ދަރިވަރުންގެ ކިޔެވުން މިހާރެކޭވެސް އެއްގޮތަށް ދަރުމަވަންތަ ހަސްފަތާލުގައި ކުރިއަށްގެންދަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައި ދެއްވައި، ކަމާ ބެހޭ އިދާރާތަކަށް މިއަދު އެކަން އަންގަވައިފި އެވެ.

ގައުމީ ޔުނިވާސިޓީގެ ސްކޫލް އޮފް މެޑިސިންގެ ދަރިވަރުންގެ ތައުލީމީ ކަންކަމަށް ދަރުމަވަންތަ ހަސްފަތާލުގައި ބޭނުންކުރަމުންދާ ޖާގަ ދޫކޮށްލަން ޖެހިދާނެކަމަށް އުފެދުނު ކަންބޮޑުވުންތަކަކާއި ގުޅިގެން، އެ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަންއިން ރައީސްގެ އަރިހަށް 23 އޭޕްރީލް ގައި ފޮނުވި ސިޓީއާއި ގުޅިގެން، ރައީސްގެ އެދިވަޑައިގަތުމުގެ މަތީން، 26 އޭޕްރީލްގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޓްރެޓީޖިކް ކޮމިޔުނިކޭޝަން މިނިސްޓަރު އިބްރާހީމް ހަލީލު ވަނީ، ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކުގެ މަސްއޫލުވެރީންނާއި، ދަރިވަރުންގެ މަންދޫބުންނާއެކު ރައީސް އޮފީހުގައި ބައްދަލުވުމެއް ބާއްވަަވައިފަ އެވެ. މި ބައްދަލުވުމުގައި ކުރެއްވި މަޝްވަރާތަކަށްފަހު، ދަރިވަރުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވާ، ދަރިވަރުންގެ ކިޔެވުމަށް އެއްވެސް ދަތިކަމެއް ނާންނާނެ ގޮތުގެ މަތީން ކަންކަން ހަމަޖައްސަވައިދެއްވާނެކަމުގެ ޔަގީންކަން ރައީސްގެ ފަރާތްޕުޅުން ލިބިވަޑައިގަތް ކަމަށް ރައީސް އޮފީހުން ބުނެފައި ވެއެވެ.

ކިޔަވާ ކުދީންނާއި ގުޅުންހުރި މިފަދަ ކޮންމެ ކަމެއްގައި، އަދި ސިއްހީ ހިދުމަތުގެ ހާލަތު ރަނގަޅުކުރެއްވުމުގައި، ދައުލަތުގެ އާމުދަނީއާ ފުދުންތެރިކަމާ ހާލަތު ތަންދިން މިންވަރަކުން، ވީ އެންމެ ހެޔޮ ބަދަލުތަކެއް ގެނަސްދެއްވުމަށް ރައީސް މުއިއްޒު ވަރަށް އިސްކަން ދެއްވާކަމަށް ރައީސް އޮފީހުން ފާހަގަކުރި އެވެ.

މިގޮތުން، ގައުމީ ޔުނިވާސިޓީގެ ސްކޫލް އޮފް މެޑިސިންގެ ދަރިވަރުން ތައުލީމު ހާސިލްކުރަން ބޭނުންވާނެ ޒަމާނީ ވަސީލަތްތަކާއެކު، ދިރާސާތައްވެސް ކުރެވޭނެ ހާއްސަ ތައުލީމީ ބިނާއެއް ކުރުމަށް މިހާރުވެސް މަސައްކަތްކުރައްވަމުންދާ ކަމަށް ރައީސް އޮފީހުން މައުލޫމާތުދީފައި ވެއެވެ. އަދި އައިޖީއެމްއެޗާއި ދަރުމަވަންތަ ހަސްފަތާލުގައި ބަލިމީހުންނަށް ޖާގައާއި އެނދު އިތުރުކޮށް، ސިއްހީ އައު ހިދުމަތްތައް މި ދެ ހަސްފަތާލުގައި ތައާރަފްކުރެއްވުމުގެ މަސައްކަތްވެސް ޖާގައާއި ވަސީލަތްތައް ތަންދިން އެންމެ އެކަށޭނަ ގޮތަކަށް ހަލުވިކަމާއެކު ކުރަމުންދާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

،މިއަދު  ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމުގެ ސަބަބުން، ކިޔަވާކުދީންގެ ކަންކަމުގައި، ހާއްސަކޮށް މަތީ ތައުލީމު އުނގެނޭ ކުދީންނަށް ފުރުސަތުތައް ފަހިކޮށްދެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ބޮޑު އިސްކަމެއް ދެއްވާކަން ކަށަވަރުވެއްޖެކަމުގައި ގައުމީ ޔުނިވަރސިޓީއިން ވަނީ ފާހަގަކޮށްފަ އެވެ. އަދި އެ ޔުނިވަރސިޓީގެ ސްޓޫޑެންޓް ޔޫނިއަންއާއި ސްކޫލް އޮފް މެޑިސިންގެ ދަރިވަރުންގެ މަންދޫބުން މި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކައިގައި، މަތީ ތައުލީމު އުނގެނޭ ދަރިވަރުންގެ އަޑު ރައީސުލްޖުމްހޫރިއްޔާ އައްސަވާނެކަމާ، ދަރިވަރުންގެ ހުށަހެޅުންތަކަށް އެންމެ ރަނގަޅު ހައްލެއް ހޯއްދަވައިދެއްވަން އިސްކަންދެއްވާނެކަމުގެ ޔަގީންކަން އަބަދުވެސް އޮތްކަމަށް ބުނެފައި ވެއެވެ. މިއަދު ރައީސުލްޖުމްހޫރިއްޔާ މި ނިމްމެވި ނިންމެވުމުގެ ސަބަބުން އެ ޔަގީންކަން އިތުރަށް ކަށަވަރުވެ، ފުރިހަމަ އިތުބާރަކާ ބޮޑު ހިތްވަރެއް ލިބިއްޖެ ކަމަށްވެސް އެމްއެންޔޫއިން ބުނެފައި ވެއެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top