ކުޅިވަރު
ބަޔާން ބަލިކޮށް ރެއާލް ޗެމްޕިއަންސް ލީގުގެ ފައިނަލަށް، ހީރޯ އަކީ ހޮސޭލޫ

ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން އަރައި ހޮސޭލޫ ކާމިޔާބުކޮށްދިން ދެލަނޑާއެކު ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގެ ފަހު ޖާގަ ރެއާލް މެޑްރިޑުން ހޯދައިފި އެވެ.

ދެވަނަ ލެގުގައި ބަޔާން މިޔުނިކާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ރެއާލް މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ޖެހިފައިނުވި ނަމަވެސް، ދެވަނަ ހާފުގެ 23 ވަނަ މިނެޓުގައި ބަޔާންގެ އަލްފަންސޯ ޑޭވިސް ވަނީ ގޯލެއް ޖަހައި، ބަޔާން އަށް ކުރިހޯދަދީފަ އެވެ.

ލީޑު ނެގިތާ އިރުކޮޅެއް ފަހުން ޑޭވިސް އަތުން ވަނީ ބައިކޮޅަށް ގޯލެއް ވަދެފަ އެވެ. ނަމަވެސް، ވީއޭއާރު ބެލުމަށްފަހު ރެފްރީ ވަނީ އެ ގޯލު ބަލައިނުގަންނަން ނިންމާފަ އެވެ. އެއީ ރެއާލްގެ ނަޗޯ ފެނާންޑޭސް، ބަޔާނުގެ ޔޯސުއާ ކިމިޗަށް ފައުލުކޮށްފައިވާތީ އެވެ.

މެޗުގެ 88 ވަނަ މިނެޓާ ހަމަޔަށް ކުރީގައި އޮތީ ބަޔާން އެވެ. އެއީ 3-2 ގެ އެގްރިގޭޓް ނަތީޖާ އަކާއެކު އެވެ. ނަތީޖާ ހަމަހަމަ ކުރުމަށް ކުރި މަސައްކަތް ކާމިޔާބުވީ 88 ވަނަ މިނެޓުގައި ހޮސޭލޫ ކާމިޔާބުކުރި ގޯލާއެކު އެވެ. އުމުރުން 35 އަހަރުގެ ހޮސޭލޫ ގޯލު ޖަހާފައިވަނީ ކުޅެން ނިކުތްތާ ހަތް ވަނަ މިނެޓުގަ އެވެ. ވިނީޝިއުސް ޖޫނިއާ ފޮނުވާލި ބޯޅަ، ބަޔާންގެ ކީޕަރު ނޯޔާ އަތުގައި ޖެހިފައި ވެއްޓުނު ވަގުތު ހޮސޭލޫ ވަނީ ގޯލުގެ ތެރެއަށް ފޮނުވާލާފަ އެވެ.

ހޮސޭލޫ ވަނީ ފުރަތަމަ ގޯލު ޖެހިތާ ތިން މިނެޓުގެ ތެރޭގައި އިތުރު ގޯލެއް ޖަހައި، މެޗުގެ ނަތީޖާ އަނބުރާލާފަ އެވެ. އެއީ ރޫޑިގާ ދިން ޕާހަކުން ހޮސޭލޫ ޖެހި ގޯލެކެވެ. އެންމެ ފުރަތަމަ ރެފްރީ ނިންމީ އޮފްސައިޑް ކަމަށެވެ. ނަމަވެސް، ވީއޭއާރު ބެލުމަށްފަހު، ރެފްރީ ވަނީ އޮފްސައިޑް ނޫން ކަމަށް ނިންމާފަ އެވެ.

އިތުރު ވަގުތުގެ ތެރޭގައި ބަޔާންގެ މަތައިސް ޑި ލިޓް ވަނީ ގޯލެއް ޖަހާފަ އެވެ. ނަމަވެސް، ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލުމުގެ ކުރިން ރެފްރީ ވަނީ އޮފްސައިޑް ކަމަށް ދައްކައި، ކަށިގަނޑު ފުމެފަ އެވެ. އެކަމާ ގުޅިގެން ވީއޭއާރު ނުބެލުމުން ބަޔާންގެ ކުލުންތެރިންނާއި އޮފިޝަލުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ.

ބަޔާން އިންވަނީ ލީޑުގައި އޮތްވަގުތު ޓީމުގެ މުހިންމު ގިނަ ކުޅުންތެރިންތަކެއް ބަދަލުކޮށްފަ އެވެ. އޭގެ ތެރޭގައި ސާނޭ އާއި ޖަމާލް މުސިއާލާގެ އިތުރުން ހެރީ ކޭން ހިމެނެ އެވެ. ޓީމަށް އެންމެ މުހިންމުވި ވަގުތު، މި ތިން ކުޅުންތެރިންވެސް ތިބީ ބެންޗުގަ އެވެ.

މި ނަތީޖާ އާއެކު ރެއާލް ވަނީ 18 ވަނަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކޮށްފަ އެވެ. މިއަހަރުގެ ފައިނަލް ވެގެންދާނީ 11 އަހަރުތެރޭ ރެއާލުން ކުޅޭ ހަ ވަނަ ފައިނަލަ ށެވެ. އެ ޓީމުން ވަނީ ޖުމްލަ 14 ފަހަރު މި މުބާރާތް ކާމިޔާބުކޮށްފަ އެވެ.

ޗެމްޕިއަންސް ލީގުން ކެޓުމާއެކު، ބަޔާން މި ސީޒަން ނިންމާލަން ޖެހިފައިވަނީ ހުސްއަތާ އެވެ. އެންމެ ފަހުން އެ ޓީމު ހުސްއަތާ ނިންމާލަން ޖެހުނީ 2012 ވަނަ އަހަރު އެވެ.

ޖޫން 1 ވަނަ ދުވަހު ވެމްބްލީ ސްޓޭޑިއަމްގައި ކުޅޭ ފައިނަލުގައި ރެއާލް ނިކުންނާނީ ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަ ށެވެ. ޑޯޓްމަންޑް ފައިނަލުން ޖާގަ ހޯދީ ސެމީގައި ޕީއެސްޖީ ބަލިކުރުމަށްފަހު އެވެ.

2
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top