ކިންގް ސަލްމާން ސެންޓާ ރަސްމީކޮށް ހުޅުވާނީ މިއަހަރުގެ ހައްޖުގެ އަޅުކަމަށް ފަހުގައި ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ޝަހީމް މިފަދައިން ވިދާޅުވީ އިސްލާމިކް މިނިސްޓްރީގެ މަސައްކަތްތަކާއި ގުޅޭގޮތުން މިއަދު އިސްލާމިކް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަަދައްކަވަމުން ނެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ކިންގް ސަލްމާން ސެންޓަރު ރަސްމީކޮށް ހުޅުވުމާއި ގުޅޭގޮތުން ސައުދީ ސަރުކާރާއި މަޝްވަރާކުރައްވަމުންދާ ކަމަށެވެ.
އިރާދަކުރެއްވިއްޔާ ހައްޖުގެ ފަހުން ކިންގް ސަލްމާން ސެންޓަރު ހުޅުވޭތޯ މި ދަނީ މަސައްކަތް ކުރަމުން. އަދި ކިންގް ސަލްމާން ސެންޓަރު ހުޅުވުމަށް އިސްލާމީ ރަނގަޅު ޝަހްސިއްޔަތެއް ސައުދީ އަރަބިއްޔާއިން ދައުވަތު ދެވި ގެނެވޭތޯ މި ދަނީ މަސައްކަތް ކުރަމުން.
މިނިސްޓަރު ވިދާޅުވީ މި ސެންޓަރު ހުޅުވުމަށްޓަކައި ސައުދީ އަރަބިއްޔާގެ ވަފްދެއް ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ. ނަމަވެސް ސައުދީގެ ފަރާތުން ވަޑައިގަންނަވަނީ ކޮން ބޭފުޅުންނެއްކަން ފަހުން ހާމަކުރައްވާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.
ކިންގް ސަލްމާން މިސްކިތަކީ ސަޢުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ އެހީގެ ދަށުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބިނާކުރި މިސްކިތެކެވެ.
މިއީ މިހާރު މާލޭގައި ހުރި އިސްލާމީ މަރުކަޒު ފިޔަވައި އެންމެ ބޮޑު މިސްކިތް ވެސް މެ އެވެ. އެއްފަހަރާ 4،000 އެއްހާ މީހުންނަށް ނަމާދުކުރެވޭ ގޮތަށް ހަދާފައިވާ ސަލްމާން މިސްކިތަކީ ގިނަ ކަންކަމަށް ބޭނުން ވެސް ހިފޭ ގޮތަށް ފަރުމާކޮށްފައިވާ ޖާގަ ތަނަވަސް މިސްކިތެކެވެ.