އެސްޓްރަޒެނެކާގެ ކޮވިޑް ވެކްސިންތައް ޔޫރަޕިއަން ޔުނިއަންގެ ބައެއް ގައުމުތަކުގެ ބާޒާރުން ނަގަން ފަށައިފި އެވެ.
އެސްޓްރަޒެނެކާއިން ބުނީ އެކުންފުނިން މިގޮތަށް ކަންތައް ކުރަން ނިންމީ ކޮމާޝަލް ސަބަބުތަކާއި ގުޅިގެން ކަމަށެވެ. އެސްޓްރަޒެނެކާއިން މިގޮތަށް ނިންމާފައިވާއިރު އެކުންފުނިން ވަނީ ދާދި ފަހުން އެކުންފުނިން އުފެއްދި ކޮވިޑްގެ ވެކްސިންތަކުން ލޭގަނޑުވުމުގެ ސައިޑް އިފެކްޓެއް މެދުވެރިވާ ކަމަށް އެއްބަސްވެފަ އެވެ.
އެ ކުންފުނިން “މާކެޓިން އޮތޯރިޒޭޝަން” އަނބުރާ ގެންދިއުމުން ޔޫރަޕިއަން ޔޫނިއަންގައި މި ވެކްސިން މިހާރު ބޭނުން ނުކުރެވޭނެ ކަމަށް ބޭރުގެ މީޑިއާއިން ރިޕޯޓްކޮށްފައިވެ އެވެ.
ވެކްސިން ބާޒާރުން އަނބުރާ ނެގުމަށް އެދި ހުށަހެޅީ މާޗް މަހުގެ ފަސް ވަނަ ދުވަހު ކަމަށާއި މެއި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އެގޮތަށް އަމަލުކުރަން ފަށާފައިވާ ކަމަށް ރިޕޯޓުގައި ބުނެފައި ވަނީ ވެކްސްޒެވްރިއާގެ ނަން ދެވިފައިވާ ވެކްސިން ބޭނުންކުރި އެހެން ގައުމުތަކުގައި ވެސް މި ވެކްސިން ބާޒާރުން ނަގާނެ ކަމުގެ ވާހަކަތައް ދެކެވިފައި ވަނިކޮށެވެ.
ފެބްރުއަރީ މަހު ހައިކޯޓަށް ހުށަހެޅި ގާނޫނީ ލިޔުމެއްގައި ވަނީ އެސްޓްރަޒެނެކާގެ ކޮވިޑް ވެކްސިންގެ ޒަރީޔާއިން “ވަރަށް މަދު ހާލަތްތަކުގައި ޓީޓީއެސް ޖެހިދާނެ” ކަމަށް ބުނެފަ އެވެ. ތްރޮމްބޮސައިޓޯޕެނިއާ ސިންޑްރޯމްއަކީ މީހުންގެ ލޭ ގަނޑުކޮށް، ލޭގައި ޕްލެޓްލެޓްތަކުގެ އަދަދު ދަށްވާން މެދުވެރިކުރާ ހާލަތެކެވެ. އެސްޓްރަޒެނެކާއިން ވަނީ މީގެ ކުރީގައި އެފަދަ ވާހަކަތައް ދޮގުކޮށްފަ އެވެ.
އޭގެ ފަހުން އެސްޓްރާޒެނެކާއާއި ދެކޮޅަށް 51 މައްސަލަ ކޯޓަށް ހުށަހަޅާފައިވެ އެވެ.