ކުޅިވަރު
ސަރަހައްދީ ފުޓްސަލް ރޭންކިންގެ އެއްވަނައިގައި ރާއްޖެ

ފީފާއިން އަލަށް ނެރުނު ފުޓްސަލް ރޭންކިންގައި ރާއްޖޭގެ ފިރިހެން ގައުމީ ޓީމަށް ދެކުނު އޭޝިއާގެ އެއްވަނަ އަދި މުޅި ދުނިޔެއިން 110 ވަނަ ލިބިއްޖެ އެވެ.

މީގެ ކުރިން ފީފާ އިން ފުޓްސަލް ރޭންކް ކޮށްފައި ނުވާއިރު، މުޅިން އަލަށް ރޭންކް ކޮށްފައިވަނީ މި ހަފުތާގަ އެވެ. އެގޮތުން، މި ލިސްޓުގައި ޖުމްލަ 139 ގައުމު ހިމެނެ އެވެ. އޭޝިއާ އަށް ބަލާއިރު، ރާއްޖެ ހިމެނެނީ 27 ވަނައިގަ އެވެ.

ދެކުނު އޭޝިއާގެ ގައުމު ތަކުން އެންމެ މަތީ ރޭންކިން އެއް ރާއްޖެ އަށް ލިބިފައިވާއިރު، ރާއްޖެއާ އެންމެ ގާތް ކުރަނީ ނޭޕާލް އެވެ. ނޭޕާލް އޮތީ 121 ވަނައިގަ އެވެ. އަދި އިންޑިއާ އޮތީ 135 ވަނައިގަ އެވެ. ސާފުގެ ގައުމުތަކުން ރޭންކިންގައި ހިމެނެނީ މި ތިން ގައުމު އެކަންޏެވެ.

ރާއްޖެއަށް ރަނގަޅު ރޭންކިން އެއް ލިބިފައިވަނީ އޭޝިއަން ފުޓްސަލް ކަޕް ކޮލިފައިންގައި ދައްކާފައިވާ ނަތީޖާގެ ސަބަބުންނެވެ. އެގޮތުން، ރާއްޖެ އަށް ވަނީ ޖުމްލަ 905.56 ޕޮއިންޓް ލިބިފަ އެވެ.

ރާއްޖެއިން އެންމެ ފަހުން ކުޅެފައިވަނީ މިދިޔަ އަހަރު އޮކްޓޯބަރު މަހު ކުރިޔަށް ގެންދިޔަ ކޮލިފިކޭޝަން މެޗުތަކެވެ.

ރާއްޖެއަކީ ފުޓްސަލްގެ ގިނަ މުބާރާތްތަކެއް މާލެއެކޭ އެއްގޮތަށް އަތޮޅު ތެރޭގައިވެސް ކުރިއަށްގެންދާ ގައުމެކެވެ. އެގޮތުން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ތިން މުބާރާތް ކަމަށްވާ، ގޯލްޑަން ފުޓްސަލް ޗެލެންޖް، ކްލަބު މޯލްޑިވްސް ކަޕް އަދި ރިޒޯޓް ފުޓްސަލް ލީގުން ގިނަ ކުޅުންތެރިންތަކެއް މިހާތަނަށް ވަނީ ރާއްޖޭގައި އުފެދިފަ އެވެ.

1
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top