މިހާރު ބްރެޒިލްގައި ކުރިއަށްދާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ރޭ ކުޅުނު މެޗުގައި، ލިއޮނަލް މެސީ އަށް ރަތްކާޑު ދެއްކި ނަމަވެސް، އެންމެފަހުގެ ދެ އަހަރުގެ ޗެމްޕިއަން ޗިލީ އަތުން 2-1 އިން މޮޅުވެ އާޖެންޓީނާ އިން މުބާރާތުގެ ތިންވަނަ ހޯދައިފިއެވެ.

އާޖެންޓީނާ އިން ރޭގެ މެޗަށް ނިކުތީ، އެންމެފަހުން ބްރެޒިލާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ އެގާރައަށް ދެ ބަދަލެއް ގެނެސްގެންނެވެ. އެގޮތުން، ރޭގެ މެޗުގައި އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ ވަނީ މި މުބާރާތުގައި ފުރަތަމަ ފަހަރަށް ޕައޮލޯ ޑިބާލާ އަށް ފުރަތަމަ އެގާރައިން ޖާގަ ދީފައެވެ.

ސައޮ ޕައުލޯގެ ކޮރިންތިއަންސް އެރީނާގައި ކުޅުނު މެޗު ފެށިތާ ހަތްވަނަ މިނެޓުގައި އާޖެންޓީނާގެ ސާޖިއޯ އަގުއޭރޯ އަށް ވަނީ ލަނޑުޖެހުމަށް ރަނގަޅު ފުރުޞަތެއްލިބި ބޭކާރުވެފައެވެ. ނަމަވެސް، އޭގެ ފަސް މިނެޓުފަހުން، މެސީ ދިން ބޯޅައަކުން އަގުއޭރޯ ވަނީ އާޖެންޓީނާ އަށް ލީޑްނަގައިދީފައެވެ. މި ގޯލާއެކު އަގުއޭރޯ ވެފައިވަނީ ނޯބާޓޯ މެންޑޭޒް އާއި ގެބްރިއަލް ބަޓިސްޓޫޓާ އަށް ފަހު މި މުބާރާތުގެ އަށް މެޗުގައި ލަނޑުޖެހި އާޖެންޓީނާގެ ތިންވަނަ ކުޅުންތެރިޔާ އަށެވެ.

މި މެޗުގައި އާޖެންޓީނާ އިން ކާމިޔާބުކުރި ދެވަނަ ލަނޑު، 22 ވަނަ މިނެޓުގައި ޖަހައިދިނީ ޑިބާލާ އެވެ. މިއީ އެ ޓީމުގެ ޖިއޮވާނީ ލޮ ސެލްސޯ ދިން ބޯޅައަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.

ފުރަތަމަ ހާފުގެ 37 ވަނަ މިނިޓްގައި ޗިލީގެ ކެޕްޓަން ގެރީ މެޑަލް އާއި އާޖެންޓީނާގެ މެސީއާ ދެމެދު ބޯޅަނެތިސް ހިނގާދިޔަ ހަމަނުޖެހުންތަކެއްގެ ސަބަބުން މެޗުގެ ރެފްރީ ވަނީ އެ ދެ ކުޅުންތެރިންނަށް ރަތް ކާޑު ދައްކާފައެވެ. މިއީ މެސީގެ ފުޓްބޯޅަ ކެރިއަރުގައި މިހާތަނަށް ދެއްކި ދެވަނަ ރަތްކާޑެވެ. މި ހާފު ނިމުނީ 2-0 އިން އާޖެންޓީނާ ކުރީގައޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައިވެސް އާޖެންޓީނާ އަށް ލީޑް ފުޅާކުރުމަށް ގިނަ ފުރުޞަތުތަކެއްލިބި ބޭކާރުވެފައިވާއިރު، ޗިލީ އިން ވަނީ 59 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ފަރަގުކުޑަކޮށްފައެވެ. މިއީ ޗިލީގެ ޗާލްސް އަރަންގުއިޒަށް އާޖެންޓީނާގެ ލޮ ސެލްސޯ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. މި ޕެނަލްޓީ ކާމިޔާބުކޮށްދިނީ އެ ޓީމުގެ އާތުރޯ ވިޑާލް އެވެ.

ރޭގެ މެޗަށްފަހު ބޭއްވި މެޑެލް ހަވާލުކުރުމުގެ ރަސްމިއްޔާތުގައިވެސް މެސީ ވަނީ ބައިވެރިވުމަށް ދެކޮޅުހަދާފައެވެ. މީގެއިތުރުން، އޭނާ ވަނީ މުބާރާތް އިންތިޒާމްކުރާ ދެކުނު އެމެރިކާގެ ފުޓްބޯޅަ ފެޑެރޭޝަން (ކޮންމެބޯލް) އާއި ބްރެޒިލުން ކޮރަޕްޝަން ހިންގާފައިވާކަމަށާއި އޭގެ ސަބަބުން މި ފަދަ މުބާރާތެއްގެ އެންމެ މުހިއްމު މަގުސަދު ހާސިލްނުވާ ކަމަށް ބުނެފައެވެ.

މި މުބާރާތުގައި މިރޭ ކުޅޭ ފައިނަލްގައި ބްރެޒިލްއާ ޕެރޫ ބައްދަލުކުރާ މެޗު ފަށާނީ ރާއްޖޭގަޑިން 01:00 ގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.