ކުޅިވަރު
ރެއާލް އާއި ބަޔާންގެ ކުރިމަތިލުން އެއްވަރު

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ރެއާލް މެޑްރިޑާއި ބަޔާން މިޔުނިކް ބައްދަލުކުރި މެޗު އެއްވަރުވެއްޖެ އެވެ.

އަންގާރަ ދުވަހުގެރޭ ބަޔާންގެ ދަނޑުގައި ކުޅުނު މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ. މިއީ ހަތަރު އަހަރު ތެރޭ ބަޔާން އިން ސެމީ ފައިނަލް ކުޅޭ ފުރަތަމަ ފަހަރެވެ. މެޗުގެ 24 ވަނަ މިނެޓުގައި ޓޮނީ ކްރޫސް ދިން ރީތި ޕާހަކުން، ވިނީޝިއުސް ޖޫނިއާ ވަނީ ގޯލެއް ޖަހައި ރެއާލް އަށް ކުރިހޯދަދީފަ އެވެ.

ދެވަނަ ހާފު ފެށިގެން އަށް ވަނަ މިނެޓުގައި ލެރޯއި ސާނޭ ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން ޖަމާލް މުސިއާލާ އަށް އޭރިއާތެރެއިން ރެއާލްގެ ލޫކަސް ވަޒްކޭޒް ކުރި ފައުލަކާ ގުޅިގެން ބަޔާން އަށް ވަނީ ޕެނަލްޓީއެއް ލިބިފަ އެވެ. ފުރުސަތުގެ ބޭނުން ހިފައި، ހެރީ ކޭން ވަނީ ޕެނަލްޓީ ކާމިޔާބުކޮށް، ބަޔާން އަށް ކުރިހޯދަދީފަ އެވެ.

ރެއާލް އިން ނަތީޖާ އެއްވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ. މެޗު ނިމެން ހަތް މިނެޓަށް ވެފައިވަނިކޮށް ރޮޑްރީގޯ އަށް އޭރިއާ ތެރެއިން ކިމް މިން ޖޭއި ފައުލް ކުރުމާ ގުޅިގެން ރެއާލް އަށް ވަނީ ޕެނަލްޓީއެއް ލިބިފަ އެވެ. ރެއާލްގެ ޕެނަލްޓީ ކާމިޔާބުކޮށް ނަތީޖާ ހަމަހަމަ ކޮށްދިނީ ވިނީޝިއުސް އެވެ.

ރެއާލްގެ ދަނޑުގައި ދެވަނަ ލެގު މެޗު ކުޅޭނީ އަންނަ ހަފުތާގަ އެވެ. ދެވަނަ ސެމީ ގައި ޕީއެސްޖީ އާއި ޑޯޓްމަންޓް ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ބުދަ ދުވަހުގެ ރޭ ގައެވެ.

 

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top