މަގުމައްޗަށް ކުނި އެޅުމަކީ ދިވެހިންގެ ކަށީގައި ހަރުލާފައިވާ ވަރަށް ނުރަނގަޅު އާދައެކެވެ. ސާފުވެއްޓެއްގައި އުޅުމަށް އެންމެންވެސް ލޯބިކުރާއިރު، އެ ވެށި ސާފުކޮށް ބެލެހެއްޓުމަކީ އެންމެންގެ ޒިންމާއެކެވެ. ނަމަވެސް ގިނަ ފަހަރު މި ޒިންމާއާއި މެދު ގިނަ މީހުންނަށް ފަރުވާކުޑަކުރެވެއެވެ. ފުރަ މާލެއަށް ބަލާލިކަމުގައި ވިޔަސް ފެންނަނީ އެ މަންޒަރެކެވެ. ސުޕާރީ ޕެކެޓެއް ކާލުމަށް ފަހު ހުސް އުރަވެސް އެއްލާލަކީ މަގުމައްޗަށެވެ. މޫނު ފޮހެފައި ޓިޝޫވެސް ހަމަ އެ މަގުމައްޗަށެވެެ. ދަޅެއް ބޮއިފައި އެ ދަޅުވެސް މަގުމައްޗަށެވެ. ފަހަރުގައި އެއީ ކުޑަކަމެކޭ ހީވަނީއެވެ. ނަމަވެސް އޭގެ ހަޤީޤީ ގެއްލުމުގެ ތެރެއަށް ފީނާލާއިރު އެކަމުން ކުރާ ނޭދެވޭ އަސަރު ފެންނާނެއެވެ.

ތިމާ އުޅޭ ގެއަށް ކުނި އަޅަން ތިމާ ބޭނުންވާނެ ހެއްޔެވެ؟ ހަމަ ޔަޤީނުންވެސް ނުވާނެއެވެ. އެހެންކަމުން އެންމެންވެސް ރައްކަލަކަށް، ނުވަތަ އެންމެން ބޭނުން ކުރަން ހަދާފައި ހުންނަ މަގުތަކަށް ކުނި އެޅުމުން އެއީ ކުރެވޭ "މޮޅު" ކަމެއް ނޫނެވެ. އެއީ ކުރެވޭ "ކަޓު" ކަމެވެ.

މާލޭގެ މަގުތައް ހެނދުނުގެ ވަގުތުތަކުގައި ވަރަށް ސާފުވާނެއެވެ. ނަމަވެސް ހަވީރު އަތައް އަޅާލުމުން ކުނި ގޮނޑެކޭ މާލޭގެ ބައެއް މަގުތަކެކޭ ތަފާތެއް ނުހުންނާނެއެވެ. ހުސްކޮށްފައި ހުންނަ ދަޅާއި، ޕްލާސްޓިކް ކޮތަޅާއި, ނުވިތާކަށް ގޭގައި ބޭނުންކޮށްފައި ހުންނަ ކުނި ކޮތަޅުގަނޑުވެސް ބައެއް މަގުތަކުން ފެނެއެވެ. މިހެން ވާން ޖެހެނީ ފަރުދީ ޒިންމާ އަދާނުކުރެވޭތީއެވެ. ތިމާގެ ވެށި ދެކެ ތިމާއަށް ލޯބި ނުވެވޭތީއެވެ.

މާލޭގެ މަގުތަކަށް އަޅާ ކުނިތަށް ސާފުކުރުމަށް ކޮންމެ ރެޔަކު ފެހި ކުލައިގެ ޔުނިފޯމުގައި މަގުތަކުން ހީވާގި ކަނބަލުން ފެންނާނެއެވެ. އިލޮށިފަތިތަކާއި، ފިހިގަނޑުތައް ހިފައިގެން އެ ކަނބަލުން ރައްޔިތު މީހާ އެޅި ކުނިތައް ނަގާ އިރުއަރަންވާއިރަށް މުޅި މާލެ ސާފުކޮށްލާނެއެވެ. މިދައްކަން އުޅެނީ ވޭސްޓް މެނޭޖުމެންޓް ކޯޕަރޭޝަން، ވެމްކޯގެ ހީވާގި ކަނބަލުންގެ ވާހަކައެވެ. ރޭގަނޑުގެ އަރާމު ނިދި ގެއްލުވާލުމަށް ފަހު އަރުވާ ޖަހާފައި އެ ކަނބަލުން އެ ނުކުންނަނީ މާލޭގެ ވެށި ސާފުކުރުމަށެވެ. ދަންވަރުގެ ހަމަހިމޭން ވަގުތު މަގުތައް އަމާންވުމުން އެ ކަނބަލުން ކުރާ މަސައްކަތްތަކީ އެއީއެވެ. ގްރޫޕް ގްރޫޕަށް ބަހާލައިގެން ސާފުކުރުމުގެ މަސައްކަތް ކުރާއިރު، މީހަކު ކިޔާފާނެ އެއްޗަކަށް ނުވަތަ ބުނެފާނެ ބަހަކަށް ނުބަލައެވެ. ބައެއް މީހުންނަށް މިއީ ލަދުވެތި މަސައްކަތެކޭ ހީވި ނަމަވެސް އެ ކަނބަލުން އެކަން ކުރަނީ ހިތްހަމަ ޖެހިގެން އުފަލުންނެވެ. ވަޒީފާއެއްގެ އިތުރުން އާންމުންނަށް ފޯރުކޮށްދޭ އަދި ޤައުމަށް ކޮށްދެވޭ ހިދުމަތެއްގެ ގޮތުގައެވެ.

އެހެންކަމުން މާލޭގެ ވެށި ސާފުކޮށް ބޭއްވުމަށް ވެމްކޯގެ ކަނބަލުން އެކުރާ މަސައްކަތައް އެންމެންވެސް އެއްބާރުލުންދޭން ޖެހެއެވެ. މަގުތަކަށް ކުނި އެޅުމަށް ނޫނެކޭ ބުނަން ދަސްކޮށް، އެއާދަ އަޅުގަނޑުމެންގެ ކަށީގައި ހަރުލައްވަން އެބަޖެއެެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *