ކޮންގްރެސް ޕާޓީ، ޕީއެންސީގެ ލީޑަރޝިޕަކީ މިރާއްޖޭގައި ނެތް ފެންވަރުގެ ލީޑަރޝިޕެއްކަމަށް އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ މެންބަރު މުޙައްމަދު ޖިނާން ޖަލީލް، ޖިންކޮ ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި ޕީއެންސީގެ ކޮންގްރެސް ނިންމުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޖިނާން ވިދާޅުވީ، ޕީއެންސީއިން ސަރުކާރު ޖަވާބުދާރީ ކުރުވަން ތައްޔާރަށް އޮތް ކަމަށާއި، ޕީއެންސީގައި އެކަން ކުރުމުގެ ތަޖުރިބާއާއި ހުނަރު އެބަހުރި ކަމަށެވެ.

"އަޅުގަނޑުމެން މިތިބީ ސަރުކާރު ޒިންމާދާރުކުރުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރަން ތައްޔާރަށް. އަޅުގަނޑުމެންގެ ހިތްވަރު ހުންނާނެ. އަޅުގަނޑުމެންގެ ތަޖުރިބާ ހުންނާނެ. އަޅުގަނޑުމެންގެ ލީޑަރޝިޕަކީ މިރާއްޖޭގައި ނެތް ފެންވަރުގެ ތަޖުރިބާ ކާރު ޓީމެއް، އެޓީމު އެތިބީ އަޅުގަނޑުމެންނަށް ގައިޑު ކޮށްދޭން. އަޅުގަނޑުމެންގެ ފަހަތުގައި މިތިބީ ޒުވާނުންގެ އެހާ ވަރުގަދަ ފޯސްއެއް."

ޖިނާން ވަނީ ޕީއެންސީއަކީ ޒުވާނުންގެ ޕާޓީއެއް ކަމަށް ވިދާޅުވެ އެޕާޓީއާއި ގުޅިވަޑައިގަތުމަށް ދިވެހި އެންމެހާ ޒުވާނުންނަށް ހާއްސަ ދައުވަތެއް ދެއްވާފައެވެ.

"މި ރާއްޖޭގެ ލޮބުވެރި ޒުވާނުންނަށް އަޅުގަނޑު ގޮވާލަން ބޭނުން، އަޅުގަނޑުމެންނާއި ގުޅިވަޑައިގަންނަވާށޭ، އަޅުގަނޑުމެން މިތިބީ ވަރަށް ކެރިގެން މަސައްކަތް ކުރަން ތައްޔާރަށޭ." ޖިންކޮ ވިދާޅުވިއެވެ.

މީގެ އިތުރުން ޖިނާން ވިދާޅުވީ, 2013 ވަނަ އަހަރުގެ ކުރިން ޒުވާނުން ބޭނުން ކުރަމުން ދިޔައީ ސިޔާސީ ޓޫލެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް އެކަން ބަދަލުކުރެވިގެން ދިޔައީ ރައީސް ޔާމީންގެ ރަން ފަސް އަހަރު ދުވަހުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

"2013 ވަނަ އަހަރުގެ ކުރިން ޒުވާނުން ބޭނުންކުރަމުން ދިޔައީ ސިޔާސީ ޓޫލްގެ ގޮތުގައި. އެއިރަކު ނެތޭ ކުޅިވަރު ކުޅެވޭ މާހައުލެއް. ތަރައްޤީވާނެ މާހައުލެއް. އެއިރު ފެނިގެން ދިޔައީ އެއްގޮތަކުން ނޫން ގިނަ ގޮތްގޮތުން ޒުވާނުން ކުށުގެ މާހައުލަށް ވައްދަމުން ދިޔަތަން. ބަޔަކު މީހުން ވަރަށް ރޭވުންތެރިކަމާއި އެކު ކުރަމުން ދިޔަ ކަމެއް އެކަމަކީ" ޖިންކޮ ވިދާޅުވިއެވެ.

ޖިނާން ވިދާޅުވީ، މި ސަރުކާރަށް އެސްއެމްއީ ބޭންކެއްވެސް ހުޅުވަން އެނގުނީ ރައީސް ޔާމީންގެ ޒަޢާމަތުގައި އެސްއެމްއީ ލޯނު ތައާރަފް ކުރެވިގެން ދިޔުމުން ކަމަށެވެ.

ޕީއެންސީގެ މަޝްވަރާ މަޖިލީހުގެ މެޖޯރިޓީ އަކީ ޒުވާނުން ކަން ފާހަގަކުރައްވަމުން ޖިނާން އިތުރަށް ވިދާޅުވީ، ޕީއެންސީއަކީ ޒުވާނުންނަށް ސިޔާސީ މައިދާނުގައި ކުރިއަށް ދިޔުމަށް ހުޅުވާލެވިފައިވާ ދޮރެއް ކަމަށެވެ.

ޖިނާން ސިޔާސީ މައިދާނަށް ނުކުތީ 2013 ވަނަ އަހަރުގައެވެ. އެއިރުއްސުރެ ޖިނާން ދަނީ ރައީސް ޔާމީންގެ ފަހަތްފުޅުގައި ސިޔާސީ މަސައްކަތް ކުރައްވަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *