ދިވެހިރާއްޖޭގެ ސަރުކާރުންނާއި، ރައްޔިތުން އެމަނިކުފާނަށް އަދާކުރެއްވި ފުރިހަމަ މެހެމާންދާރީއަށް އިންޑިއާގެ ބޮޑުވަރީޒު ނަރެންދަރަ މޯދީ ޝުކުރު އަދާކުރައްވައިފިއެވެ.
މިއަދު ދިވެހި ބަހުން ކުރެއްވި ޓްވީޓެއްގައި މޯދީ ވިދާޅުވީ، ދިވެހި ރާއްޖެއިން ލިބުނު ލޯތްބާއި، ބެހެއްޓެވި ގާތްކަމަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި ދެއްވި މެހެމާންދާރީއަށް ދިވެހިރާއްޖޭގެ ލޮބުވެރި ރައްޔިތުންނާއި އަދުގެ ސަރުކާރަށް މޯދީ ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މޯދީ މިއަދު ކުރެއްވި އިތުރު ޓްވީޓެއްގައ ވިދާޅުވީ، އެމަނިކުފާނު އިއްޔެ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ގުޅުމަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ މުހިންމު ކަންތައްތަކެއް ނިންމިފައިވާ ކަމަށާއި، ދަތުރުފުޅުގެ ސަބަބުން ދެގައުމުގެ ގުޅުން އިތުރަށް ހަރުދަނާވެފައިވާ ކަމަށެވެ.
މޯދީ ރާއްޖެ ވަޑައިގެންފައިވަނީ، ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ދައުވަތަކަށެވެ. މޯދީގެ ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ތަގުރީރުކުރައްވާފައިވާއިރު، އެ ދަތުރުފުޅުގައި، ރާއްޖެއާއި އިންޑިއާއާއި ދެމެދު ފަސް ދާއިރާއަކުން ހަ އެއްބަސްވުމެއްގައި ސޮއިކުރެވިގެން ދިޔައެވެ. އަދި އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ރާޑަރ ސިސްޓަމް ތަކާއި، ޅ. މާފިލާފުށީގައި ގާއިމުކުރި ސިފައިންގެ ކޮމްޕޮސިޓް ޓްރެއިންގް ސިސްޓަމް ސެންޓަރ އިފްތިތާހުކޮށްދެއްވާފައިވެއެވެ.