ރައީސް މުޙަންމަދު ނަޝީދަކީ ޑިމޮކްރެޓިކް އުޞޫލުން ރާއްޖޭގައި އިންތިޙާބު ވެވަޑައިގެންނެވި ފުރަތަމަ ރައީސެވެ. ރައީސްކަމަށް އިންތިޙާބު ވެވަޑައިގެންނެވީ، 28 އޮކްޓޯބަރު 2008 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި އޭރު ރައީސް ކަމުގައި ހުންނެވި މައުމޫން ޢަބްދުލްޤައްޔޫމްގެ މައްޗަށް ކުރި ހޯއްދެވުމަށްފަހުއެވެ. ނަމަވެސް ވެރިކަމުގެ ދައުރު ފުރިހަމަ ކުރުމަށް ފުރުސަތު ލިބިވަޑައިނުގެން، އިސްތިއުފާ ދެއްވީ 7 ފެބުރުއަރީ 2012 ގައެވެ. ރައްޔިތުންގެ މަޖިލީހުގެ މާލޭ މެންބަރެއްގެ ގޮތުގައި 1999ވަނަ އަހަރު ހޮވިވަޑައިގެންނެވިއެވެ. އެހެންނަމަވެސް، ވައްކަމުގެ ތުޙުމަތުގައި ޖަލަށް ލުމަށް ހުކުމް ކުރުމުން މަޖިލިސް ގޮނޑި ގެއްލުނެވެ. ނަޝީދަކީ މިވަގުތުގެ އެމްޑީޕީގެ ރައީސްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސްވެސްމެ އެވެ. އަދި ޖޭއެސްސީގެ މެމްބަރުކަންވެސް އެމަނިކުފާނު ކުރައްވަ އެވެ.