މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކުރެވޭ ފަރާތްތަކަށް ދޭ ފަރުވާގެ ނިޒާމުގައި ހުރި މައްސަލަތައް ހައްލުކުރުމާ ގުޅޭގޮތުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އާ ކަމާގުޅޭ އިދާރާތަކުގެ އިސްވެރިން ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. 

މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސްވަނީ، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނުންނަށް ފަރުވާދީ، ޒިންމާދާރު ރައްޔިތުންގެ ގޮތުގައި މުޖުތަމައަށް ނެރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި، އެމަނިކުފާނުވަނީ ފަރުވާގެ ނިޒާމުގައި ހުރި ބައެއް މައްސަލަތައް ފާހަގަކޮށް، ފަރުވާދެވޭނެ އަވަސް ގޮތްތަކެއް ކަނޑައަޅުއްވައިދެއްވާފައެވެ. އެގޮތުން، ގުޅީފަޅުގައި ވަގުތީގޮތުން ޤާއިމްކުރެވޭ ޑްރަގް އޮފެންޑަރސް ރިމާންޑް ސެންޓަރުގެ މަސައްކަތްތައް އަވަސްކުރުމުގެ ގޮތުން، މިކަމުގައި ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކަށް ކުރިމަތިވި ބައެއް މައްސަލަތަކަށް ހައްލު ހޯއްދަވަައިދެއްވިއެވެ.

މީގެއިތުރުންވެސް، ކަމާގުޅޭ އިދާރާތަކުންވަނީ 2021 ވަނަ އަހަރަށް ބަޖެޓު ކުރެވިގެން ކުރިޔަށްގެންދަން ހަމަޖެހިފައިވާ ޑްރަގް އޮފެންޑަރސް ރިމާންޑް ސެންޓަރުގެ މަސައްކަތް ކުރިޔަށްދާގޮތް ނައިބުރައީސްއާ ހިއްސާކޮށްފައެވެ. އެ ސެންޓަރުގެ މަސައްކަތް ނިމުމުން، ރިމާންޑުގެ އިތުރުން ހިމެނޭ ރިހެބިލިޓޭޝަނާއި ކޮމިއުނިޓީ ފަރުވާ އަދި އާފްޓަރ ކެއަރގެ ފަރުވާދެވޭނެ އިންތިޒާމުވެސް ހަމަޖެހިގެންދާނެކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އަދި ޒިންމާދާރު ރައްޔިތުންގޮތުގައި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން މުޖުތަމައަށް ނެރުމަށް ރާވާފައިވާ ރީއިންޓެގްރޭޝަން ޕްރޮގްރާމްތައް ހިންގޭނެ ދާއިމީ ނިޒާމެއް ބިނާކުރެވިގެންދާނެކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސްގެ އިތުރުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް ޢިމްރާން ޢަބްދުﷲ އަދި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ އަދި މިނިސްޓްރީގެ އިސްވެރިންނާއި ރައީސް އޮފީހާއި އެންޑީއޭއާއި ފުލުހުންގެ ބައެއް އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.