ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްްއާއި ޗައިނާގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއާ ދެމެދު ބޭއްވުމަށް ހަމަޖެހިފައިވާ ޑިރެކްޓަރ ޖެނެރަލް ލެވެލްގެ މަޝްވަރާ ބައްދަލުވުން މިއަދު ބާއްވައިފިއެވެ. 

ދިވެހިރާއްޖޭގެ ފަރާތުން މި މަޝްވަރާތަކުގައި އިސްކޮށް ބައިވެރިވެވަޑައިގެންނެވީ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ އެޑިޝަނަލް ސެކްރެޓަރީ އަމީން ޖާވިދް ފައިސަލްއެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން މި މަޝްވަރާތަކުގައި އިސްކޮށް ބައިވެރިވެވަޑައިގެންނެވީ ޗައިނާގެ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް (އޭޝިއަން އެފެއަރޒް ޑިޕާޓްމަންޓް) މރ ޗެންގް ސޮންގް އެވެ. 

ވަރޗުއަލްކޮށް ކުރިއަށްދިޔަ މި ބައްދަލުވުމުގައި ޖާވިދު ވަނީ ދިވެހިރާއްޖެއިން "ވަން-ޗައިނާ" ސިޔާސަތު ދަމަހައްޓާނެކަމުގެ ޔަޤީންކަން އަރުވާފައެވެ. އަދި ކޮވިޑް-19 ގެ ޙާލަތުގައި ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް ފޯރުކޮށްދިން އެހީތެރިކަމަށް ދިވެހިރާއްޖެއިން ޝުކުރުއަދާކުރާކަމަށް ވިދާޅުވިއެވެ. އަދި ޗައިނާއަކީ ދިވެހިރާއްޖޭގެ ތަރައްޤީގެ މުހިއްމު ބައިވެރިއެއްކަން ފާހަގަކުރައްވައި، އަވަސް މުސްތަޤްބަލެއްގައި ދެޤައުމުގެ ދެމެދު ދަތުރުފަތުރު އަލުން ފެށި، ވިޔަފާރިކުރުން ކުރިއެކޭ އެއްގޮތަށް ކުރިއަށްގެންދެވޭނެކަމަށް އުއްމީދުކުރައްވާކަމަށް ޖާވިދު ވިދާޅުވިއެވެ.

ޗައިނާގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ޗެންގް ސޮންގް ވިދާޅުވީ ދިވެހިރާއްޖެއާއި ޗައިނާއަކީ ވަރަށް ގާތް ދެޤައުމުކަމަށާއި، ކުރިއަށް އޮތްތަނުގައިވެސް ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރާނެކަމަށެވެ. ބައިނަލްއަޤްވާމީ މައިދާނުގައިވެސް ދިވެހިރާއްޖޭގެ ފަރާތުން ޗައިނާއަށް އެއްބާރުލުން ލިބޭކަމަށް ސޮންގް ފާހަގަކުރެއްވިއެވެ. 

މި މަޝްވަރާ ބައްދަލުވުމުގައި ދެޤައުމުގެ ގުޅުން އެކި ދައިރާތަކުން އިތުރަށް ބަދަހިކުރުމަށް އެއްބަސްވެފައިވާކަމަށް ފޮރިން މިނިސްޓްރީއިން ވަނީ ހާމަކޮށްފައެވެ. އެގޮތުން މޫސުމީ ބަދަލުތަކާއި، އިޤްތިޞާދީ އަދި މާލީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރެވުނެވެ. މީގެއިތުރުންވެސް، ދެ ގައުމުގެ ހާރިޖީ ވަޒީރުންގެ ބައްދަލުވުމެއް ބޭއްވުމަށް ދިވެހިރާއްޖެއިންވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ.

އެޑިޝަނަލް ސެކްރެޓަރީ ޖާވިދުގެ އިތުރުން މިއަދުގެ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަތީ ދިވެހިރާއްޖެއިން ޗައިނާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އައިޝަތު އަޒީމާ، އެޑިޝަނަލް ސެކްރެޓަރީ އޛ އައިޝަތު ލީޝާ އަދި މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ އެސިސްޓަންޓް ޑިރެކްޓަރ މަރްޔަމް ބައްސާމާ ފާރޫޤްއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.