ކޮވިޑް 19 ގެ ސަބަބުން ދިމާވެފައިވާ ގޮންޖެހުންތަކުގެ ތެރެއިން ރާއްޖޭގެ އިޤްތިޞާދު ހުއްޓުމަކަށް ނައިސް އޮތުމުގަައި މަސްވެރިކަމުގެ ދައުރު ބޮޑު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. 

ރައީސް މިހެން ވިދާޅުވީ ރާއްޖޭގެ 40 ވަނަ މަސްވެރިންގެ ދުވަހުގެ ތަހުނިޔާ އަރިސްކުރެއްވުމުގެ ގޮތުން ކުރެއްވި ޓްވީޓެއްގައެވެ. ރައީސް ވަނީ އިގްތިޞާދު ހުއްޓުމަކަށް ނައިސް މަސައްކަތްކުރުމުގައި މަސްވެރިން އަދާކުރެއްވި ދައުރަށް އެންމެހާ މަސްވެރިންނަށް ޝުކުރު ދަންނަވާފައެވެ. 

ރައީސް މިގޮތަށް ޓްވީޓް ކުރައްވާފައިވާއިރު މި ދުވަހާއި ގުޅިގެން ދެއްވި ޚާއްސަ ޚިތާބުގައި ރައީސް ވަނީ މަސްވެރިކަމަކީ ރާއްޖޭގެ އެންމެ ފުޅާ އިޤްތިޞާދީ ވަސީލަތްކަމުގައި ހެދުމުގެ ވަގުތު ޖެހިއްޖެކަމަށް ވަނީ ވިދާޅުވެފައެވެ. މި ހިތާބުގައި ރައީސް ވިދާޅުވީ ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން، މިއަހަރުގެ ކުރީކޮޅު ރިޒޯޓުތައް ބަންދުކޮށް، މުޅިރާއްޖެ ފުރަބަންދުކުރުމާ ގުޅިގެން، މަސްވެރިކަމުގެ ޞިނާޢަތަށްވެސް ވަރަށް ބޮޑު ގެއްލުމެއް ލިބިފައިވާކަމަށެވެ. ބޮޑުކަންނެލީގެ މަސްވެރިކަންވެސްް މުޅިންހެން ހުއްޓުމުކަށް އައިއިރު، ރިޒޯޓް މާކެޓަށް އަމާޒުކޮށް، އަތޮޅުތަކުގައި ކުރަމުން އައި ފަރުމަހުގެ މަސްވެރިކަންވެސް ހުއްޓިގެންދިޔަކަން ރައީސް ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ އެންމެ ބޮޑު ސިނާއަތް ކޮވިޑްގެ ސަބަބުން ހުއްޓުމުކަށްއައިރު، މުޅިން ހުއްޓުމަކަށް ނައިސް ހިނގަހިނގާ އޮތީ މަސްވެރިކަން ކަމަށް ރައީސް ވިދާޅުވިއެވެ. މަސްވެރިކަމަކީ ރާއްޖޭގެ އެންމެ ފުޅާ އިޤްތިޞާދީ ވަސީލަތްކަމުގައި ހެދުމުގެ ވަގުތު ޖެހިއްޖެކަމަށްވެސް ރައީސް ވިދާޅުވިއެވެ. މީގެ ސަބަބުން ދުނިޔެއަށް އަންނަ އިޤްތިޞާދީ އަދި ޞިއްޙީ، ކުއްލި ލޮޅުންތަކުން ސަލާމަތްވުމަށް އެހީއެއް ލިބިގެންދާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.