މުޅި އާބާދީއަށް އެންމެ ފުރަތަމަ ލިބޭ ވެކްސިންތައް ނުދެވޭނެ ކަމަށާއި ވެކްސިން ދެވޭނީ ވަކި ކެޓަގަރީތަކެއްގެ މީހުންނަށް ކަމަށް އެޗްޕީއޭގެ ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ. 

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ޓްރައިލްގައި ހުރި ވެކްސިންތަކަކީ މުޅި އާބާދީއަށް ދެވޭނެ ވެކްސިނެއް ނޫން ކަމަށާއި ވެކްސިން ދެވޭނެ ކަމަށް ބެލެވެނީ 80 ޕަސެންޓް މީހުންނަށް ކަމަށެވެ. 

އާބާދީގެ 20 ޕަސެންޓަށް ކޯވެކްސް ފެސިލިޓީ މެދުވެރިކޮށް ލިބުމުގެ އިންތިޒާމް މިހާރު ހަމަޖެހިފައިވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ. އެގޮތުން ލިބޭ ވެކްސިން ދޭނެ މީހުން މިހާރު ވަނީ ކަނޑައަޅާފައެވެ. 

އެގޮތުން އެ ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ފްރޮންޓްލައިންގައި މަސައްކަތް ކުރާ މީހުންނަށާއި 50 އަހަރުން މަތީގެ މީހުންނާއި ހައިރިސްކު މީހުންނާއި ބަލިމީހުންގެ އެހީތެރިންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުޑަކުދިން، އަދި ދުވަސްވީ މީހުން ބަލަހައްޓާ ތަންތަނުގައި މަސައްކަތް ކުރާ މީހުންނަށް ވެކްސިން ދޭނެއެވެ. 

މިހާރު ރަށްރަށުގެ ކައުންސިލުން ގެންދަނީ އެ ރަށެއްގައި ދިރިއުޅޭ 50 އަހަރުން މަތީގެ މީހުންގެ ދަފުތަރެއް އެކުލަވާލަމުންނެވެ. 

ނަޒްލާ ވިދާޅުވި ގޮތުގައި ރާއްޖެއަށް މިހާތަނަށް ގެންނާނީ ކޮން ވެކްސިނެއް ކަމެއް އަދި ނިންމިފައިނުވާ ކަމަށެވެ. ނަމަވެސް އަންނަ އަހަރުގެ ކުރީކޮޅު ވެކްސިން ލިބި، އެންމެ ފުރަތަމަ ކެޓަގަރީއަށް ވެކްސިން ދެވޭނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.