މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް މި ފެށޭ 2021 ވަނަ އަހަރުގެ ތެރޭގައި ސަރުކާރުން 460 މިލިއަން ރުފިޔާ ހަރަދުކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ 40 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި، ދެއްވި ހިތާބުގައެވެ.

މި ހިތާބުގައި ރައީސް ވިދާޅުވީ ދިވެހިރާއްޖޭގައި މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކުރުމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދެއްވާކަމަށެވެ. އެގޮތުން، އައިސް ލިބުމުގެ ދަތިކަމަކީ މިހާރު އާންމުކޮށް މަސްވެރިން ކުރާ ޝަކުވާއަކަށްވާއިރު، އެކަން ހައްލު ކޮށްދިނުމަށްޓަކައި ހަތް އައިސް ޕްލާންޓް އެޅުމުގެ މަސައްކަތް އަންނަ އަހަރު ފަށާނެކަމަށް އިއުލާންކުރެއްވިއެވެ. އަދި ދޯނިފަހަރުގެ ވަތުގައި ފެން ފިނިކުރާ ނިޒާމުތައް ޤާއިމުކުރުމުގެ މަސައްކަތް އިތުރުކުރާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މަސްކިރުމުގައި ހުރި ދަތިތައް ހައްލުކޮށްދިނުމަށް ސަރުކާރުން އަހަންމިއްޔަތުކަން ދޭކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މިކަން ހައްލުކޮށްދިނުމަށް އަންނަ އަހަރު ތެރޭގައި 460 މިލިއަން ރުފިޔާއަށްވުރެ އަގުބޮޑު މަޝްރޫއުތަކެއް ފަށަން ތައްޔާރުވަމުންއަންނަ ކަމަށެވެ. މީގެ ތެރެއިން ގދ.ތިނަދޫއާއި މ.މުލަކުގައި މަސްގަންނަ އިތުރު މަރުކަޒެއް ގާއިމްކުރުމަށް ހަރަދުކުރުމަށްވަނީ ހަމަޖެހިފައެވެ. 

އަދި ޅ. ފެލިވަރާއި ގއ. ކޫއްޑޫގައި ހުރި މިފްކޯގެ މަސް ކާރުޚާނާ އިތުރަށް ތަރައްޤީކޮށް، މަސް ރައްކާކުރެވޭ މިންވަރު 3050 ޓަނުން 8000 ޓަނަށް އިތުރުކުރުމުގެ ޢަމަލީ މަސައްކަތް މި އަންނަ އަހަރުގެ ތެރޭގައި ފެށޭނެއެވެ. މެރިކަލްޗަރގެ ޒަރީޢާއިން މަސްވެރިކަމުގެ ޞިނާޢަތު ސިންދަފާތުކުރުމުގެ މަސައްކަތްވެސް، މި އަންނަ އަހަރުގެ ތެރޭގައި އިތުރަށް ހަރުދަނާކުރުމަކީ ސަރުކާރުގެ ވަރަށް މުހިންމު އަމާޒެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ދެއްވި ހާއްސަ ހިތާބުގައި، ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ރާއްޖޭގެ ހުރިހާ މަސްވެރިންނަށާއި، ކެޔޮޅުންނަށާއި، ފަޅުވެރިންނަށާއި، އޮޑިވެރިންނަށް، އަދި، މަސްވެރިންގެ ޢާއިލާތަކަށާއި، މަސްވެރިކަމުގެ ޞިނާޢަތުގައި ޙަރަކާތްތެރިވާ އެންމެހައި ކުންފުނިތަކާއި ވިޔަފާރިވެރިންނަށް ފޮނުއްވާފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.