ކޮވިޑް 19 ސަބަބުން ލިބިފައިވާ ގެއްލުންތަކުން އަރައިގަންނައިރު އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭނީ، އިންސާނީ އަސާސީ ޙައްޤުތައް ފުރިހަމައަށް ލިބިދިނުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. 

ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުން އަންނަ ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚާއްސަ ޚިތާބުގައެވެ. މި ޚިތާބުގައި ރައީސް ވިދާޅުވީ މިއަހަރުގެ އިންސާނީ ޙައްޤުތަކުގެ ދުވަސް ބައްދަލުކުރީ، މުޅި ދުނިޔެއަށް ބޮޑު ޤުދުރަތީ ކާރިޘާއެއް ކުރިމަތިވެފައިވާ ދުވަސްވަރެއްގައިކަމަށާއި، ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން، ދުނިޔޭގެ އާބާދީގެ ބޮޑު އިންސައްތައެއް އިންސާނީ އެތައް ޙައްޤުތަކަކުން މަޙްރޫމްވެފައިވާ ކަމަށެވެ. އެގޮތުން، ރާއްޖޭގައިވެސް، އާމްދަނީ ހޯދުމަށް މަސައްކަތް ކުރުމާއި، ވަޒީފާ އަދާކުރުމާއި، ދަތުރުފަތުރުކުރުން ފަދަ އަސާސީ ޙައްޤުތަކުން މަޙްރޫމްވެފައިވާ ނުވަތަ ފުރިހަމައަށް އެޙައްޤުތައް ލިބެމުންނުދާ އެތައް ބަޔަކު ތިބިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ކޯވިޑް-19އާ ދެކޮޅު ވެކްސިނެއްގެ އުންމީދު އާވަމުން އަންނަ މިދަނޑިވަޅުގައި، މި ބަލިމަޑުކަމުން އަރައިގަތުމަށް ރޭވުންތައް ރާވައި ތަންފީޒުކުރާއިރު، ޤައުމީ ފެންވަރުގައާއި ބައިނަލްއަޤްވާމީ ފެންވަރުގައި އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭނީ، އިންސާނީ އަސާސީ ޙައްޤުތައް ފުރިހަމައަށް ލިބިދިނުމަށް ކަމުގައެވެ. އަދި، ބައިނަލްއަޤްވާމީ މުޖްތަމަޢު އިހު އޮތް ޢާންމު ޙާލަތަށް އެނބުރި ދިޔުމަށްޓަކައި، ކޯވިޑް ނައްތައިލުމަށް ކުރާ މަސައްކަތުގައި، ދޭދޭ ޤައުމުތަކުގެ މެދުގައި ހަމަހަމަކަން ޤާއިމުކުރަރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިގޮތުން، ކޯވިޑާ ދެކޮޅަށް އުފައްދާ ވެކްސިނާއި ބޭސްވެސް، ފަޤީރު ޤައުމުތަކާއި ކުރިއަރާފައިވާ ޤައުމުތަކުގެ މެދުގައި އެއް ހަމައަކުން ބެހިގެންދާނެ، އުޞޫލެއް ޤާއިމުކުރެވެންޖެހޭކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. 

ކޮވިޑް ޖެހޭ މީހުންނަށް ފަރުވާކުރުމާއި، އެކަހެރިކުރުމާއި ކަރަންޓީނު ކުރުމުގައިވެސް، ދިވެހިންނާއި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީނާއި އަދި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނާ މެދުގައިވެސް ތަފާތުކުރުމެއް ނެތި، ރާއްޖެއިން ޢަމަލުކުރަމުން އަންނަކަން ރައީސް ސޯލިހު ފާހަގަކުރެއްވިއެވެ. ކޯވިޑްގެ ސަބަބުން ވަޒީފާ ގެއްލިފައިވާ ދިވެހިންނަށް، ވަޒީފާ ހޯދޭނެ ގޮތްތަކަށް މަގުފަހިކޮށްދީ، އެމީހުންގެ ދިރިއުޅުން އަލުން އާރާސްތުކުރުމަށް މަސައްކަތްކުރުމަކީ، މިހާރު އެކުލަވާލާފައިވާ ނޭޝަނަލް ރެޒިލިއަންސް އެންޑް ރިކަވަރީ ޕްލޭން 2020-2022 ގައިވެސް، ވަރަށް ބޮޑު އިސްކަމެއް ދީފައިވާނެ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވިއެވެ. 

މިފަދަ ދަތި އުނދަގޫ ކޮންމެ ދަނޑިވަޅެއްގައި، ދިވެހިންގެ ކިބައިގައި ހުންނަ އިންސާނިއްޔަތުކަމުގެ މަތިވެރި ސިފަތައް ކުރިއަށް ނެރެ، ގުޅިގެން މަސައްކަތް ކުރެވިއްޖެނަމަ، ކޯވިޑްގެ ގެއްލުންތަކުން އަރައިގަތުމަކީ އުނދަގޫ ކަމަކަށް ނުވާނެ ކަމަށް ރައީސްގެ ޚިތާބު ނިންމަވާލައްވަމުން ފާހަގަކުރެއްވިއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.