ސަރުކާރުގެ ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަންގެ ސިޔާސަތުގެ ދަށުން އެކުލަވާލާފައިވާ 'ވިސްލްބްލޯވަރ ޕޯޓަލް' އަށް 1081 މައްސަލަ ހުށަހަޅާފައިވާ ކަމަށާއި އޭގެތެރެއިން 209 މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ފޮނުވާފައިވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް ގުޅިގެން ކޮރަޕްޝަނާ ދެކޮޅަށް ރައްޔިތުން ހޭލުންތެރިކުރުމަށް ބޭއްވި ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މި ނިމުނު ނޮވެމްބަރު މަހުގެ ނިޔަލަށް ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް 1081 މައްސަލައެއް އެ ޕޯޓަލްއަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އޭގެތެރޭގައި ދައުލަތުގެ ހުރިހާ އިދާރާތަކަށް ނިސްބަތްވާ ގޮތަށް ހުށަހެޅިފައިވާ މައްސަލަ އެބަހުރި ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އެގޮތުން ދައުލަތުގެ މިނިސްޓްރީތަކާއި، ކުންފުނިތަކާއި، ކައުންސިލްތަކާއި، މިނިވަން މުއައްސަސާތަކާއި، ގާނޫނީ ދާއިރާ އާއި، ފުލުހުން އަދި އެމް.އެން.ޑީ.އެފް ގެ އިތުރުން ރައްޔިތުންގެ މަޖިލީހަށް ރައްދުވާ ގޮތަށް މައްސަލަތައް ހުށަހަޅާފައިވާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
މި މައްސަލަތަކުގެ ތެރެއިން ތަހުގީގީ އިދާރަތަކަށް ފޮނުވަން ޖެހޭ މައްސަލަތަކުގެ ތެރެއިން 209 މައްސަލައެއް އޭސީސީއަށް ހުށަހަޅާފައިވާ ކަމަށާއި އޭގެތެރެއިން 51 މައްސަލައެއް އޭސީސީއިން ބަލައިގެންފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ހަމައެގޮތަށް ޖިނާއީ ތުހުމަތުތައް ކުރެވިފައިވާ މައްސަލަތައް ފުލުހުންނަށް ހުށަހަޅުއްވަމުން ގެންދަވާކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.
ކޮރަޕްޝަން ފަޅާ އަރުވާލުމަށް ހިތްވަރުދިނުމުގެ ގޮތުން މި ޕޯޯޓަލް ތައާރަފްކޮށްފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހުއެވެ.