އެމްއެމްޕީއާރްސީގެ ހިޔާނާތް ފާޅާއެރީ ކުރީގެ ރައީސް ޔާމީންގެ ވެރިކަން ގެއްލިދާނެކަމުގެ ބިރު ހީވުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް ގުޅިގެން ކޮރަޕްޝަނާ ދެކޮޅަށް ރައްޔިތުން ހޭލުންތެރިކުރުމަށް ބޭއްވި ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުއެވެ.
މި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ދިވެހިރާއްޖޭގައިވެސް ނުބަލާ ދޫކޮށްލާފައިހުރި ބޮޑެތި ހިޔާނާތުގެ މައްސަލަތައް އެބަހުރިކަމަށެވެ. އޭގެ ތެރެއިން އެންމެ ބޮޑު އެއް މައްސަލައަކީ އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައެވެ. ރައީސް ވިދާޅުވީ، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަަލަ ފަޅާއެރީ ރައީސް ޔާމީން ލޯންޗުކޮޅު ގޮއްވާލަން އުޅުނު ހިސާބުން ކަމަށެވެ. އެގޮތުން، ވެރިކަން ފުރޮޅާލަން ބަޔަކު ރާވަމުންދާކަމަށް ޝައްކުކުރެވި އެމީހުންނަށް ޖެހި މަޅިއެއްގެ ގޮތުގައި އެމްއެމްޕީއާރްސީގެ ހިޔާނާތް ފަޅާއެރީކަމަށް ރައީސް ވިދާޅުވިއެވެ.
ކޮރަޕްޝަން ފަޅާއަރުވާލުމަށް ހިއްވަަރުދިނުމުގެ ގޮތުން ސަރުކާރުން އެކުލަވާލި ޕޯޓަލް ފާހަގަކުރައްވަމުން ރައީސް ވަނީ ކޮރަޕްޝަން ފެތުރިފައިވާ މިންވަރު ސިފަކޮށްދެއްވާފައެވެ. އެގޮތުން، ނޮވެމްބަރުގެ ނިޔަލަށް 1081 މައްސަލަ ހުށަހެޅިފައިވާއިރު، އޭގެ ތެރޭގައި ހުރިހާ އިދާރާތަކަށް ރައްދުވާ މައްސަލަތައް އެބަހުއްޓެވެ. މީގެތެރެއިން ކޮރަޕްޝަނާ ގުޅޭ 209 މައްސަލަ އޭސީސީއަށް ފޮނުވާފައިވާނެކަން ރައީސް ފާހަގަކުރެއްވިއެވެ.
މީގެއިތުރުންވެސް، ރައީސް ވިދާޅުވީ މުޅި ދުނިޔެއަށްވެސް ދިމާވެފައިވާ އެންމެ ބޮޑު އެއް ބައްޔަކީ ކޮރަޕްޝަން ކަމަށާއި މި ބައްޔަށް ޝިފާއަކީ ޓްރާންސްޕޭރެންސީ ކަމަށެވެ. އެގޮތުން މި ސަރުކާރުގެ އަމާޒަކީ ކޮރަޕްޝަން ފަޅާ އަރުވާލަން ޖާގަދިނުން ކަމަށާއި ފަޅާއަރުވާލާ މީހުންނަށް ގާނޫނީ ހިމާޔަތްދޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.