ރާއްްޖޭގައި ހިންގާ އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫއު ކަމަށްވާ "ހިޔާ" މަޝްރޫއުގެ ދަށުން އެއް ކޮޓަރީގެ 2500 ހައުސިންގެ ޔުނިޓްގެ މަޝްރޫއު ވުޖޫދަގައި ވެސް ނެތް ކަމަށް ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީއިން ހާމަކޮށްފިއެވެ. އެ ކޮމިޓީއިން މިގޮތަށް ހާމަކޮށްފައިވަނީ މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. 

ފްލެޓް ކޮމިޓީއިން މިގޮތަށް ބުނެފައިވާއިރު 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި ދިމާކޮށް މި ކެޓަގަރީއިން ފްލެޓް ލިބޭ މީހުންގެ ލިސްޓެއް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނެރެފައިވެއެވެ. 

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފްލެޓް ކޮމިޓީގެ މެމްބަރު ތާހާ މުހައްމަދު ވިދާޅުވީ އެއީ ނުހިނގާ ޕްރޮޖެކްޓެއް ކަމަށް ވިދާޅުވަނީ އޭރުގެ ސަރުކާރުން އެ ކެޓަގަރީއަށް ކުރިމަތިލުމަށް އެއްވެސް އިރަކު ހުޅުވާލާފައިނުވާތީ ކަމަށެވެ. އަދި އިއުލާންކުރިކަމުގެ އެއްވެސް ލިޔެކިޔުމެއް ފެންނަން ނެތް ކަމަށާއި އެހެންކަމުން އެ ކެޓަގަރީއަށް ކުރިމަތިލީ ފަރާތެއް ވެސް ނެތް ކަމަށް ތާހާ ވިދާޅުވިއެވެ. އަދި އެ ކެޓަގަރީއަށް ކުރިމަތިލުމަށް ހުޅުވާލިނަމަ ވަގުތީ ލިސްޓެއް ވެސް އޮންނަން ޖެހޭނެކަން ފާހަގަކުރައްވައި ތާހާ ވިދާޅުވީ 2500 ހައުސިންގ ޔުނިޓް ލިބޭ މީހުންގެ ދާއިމީ ލިސްޓެއް ކުރީ ސަރުކާރުން އިއުލާންކުރީ ކުއްލިއަކަށް ކަމަށެވެ. 

މިއަހަރުގެ އޮގަސްޓް މަހުން ފެށިގެން "ހިޔާ" މަޝްރޫއުގެ ދަށުން ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓްތައް ފޯމްތައް އަލުން އިވެލިއުއޭޓް ކުރުމަށްފަހު ފްލެޓް ކޮމިޓީއިން އަންނަނީ އާންމުކުރަމުންނެވެ. މިހާތަނަށް 7 ކެޓަގަރީއެއްގެ ވަގުތީ ލިސްޓް އާއްމުކޮށްފައިވާއިރު މި ލިސްޓްތަކަށް ހުށަހަޅަމުންދާ ޝަކުވާތަކަށް ފްލެޓް ކޮމިޓީއިން އަންނަނީ މިހާރު ޖަވާބުދާރީވަމުންނެވެ.  

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.